Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޕެއިން

ސްޕެއިނުގެ ވެރިރަށް މެޑްރިޑުގެ އިސްލާމީ އަސްލާއި ތާރީޚު

ސްޕެއިނުގެ ވެރިރަށް މެޑްރިޑަކީ ޔޫރަޕުގެ މަޝްހޫރު ސަހަރުތަކުގެ ތެރޭގައި ހިމެނޭ ސަހަރެކެވެ. ފަރަންސޭސިވިލާތުގެ ޕެރިހާއި އިނގިރޭސިވިލާތުގެ ލަންޑަން ފަދައިން ދިގު ތާރީޚެއް އޮންނަ މެޑްރިޑަކީ ޔޫރަޕުގެ ޙަޟާރީ ކުރިއެރުމުގެ ރަމްޒެކެވެ.

ނަމަވެސް ގިނަ ބަޔކު ނުދަންނަ ޙަޤީޤަތަކީ މެޑްރިޑުގެ ތާރީޚު ފެށެނީ އިސްލާމީ ތާރީޚުގެ ތެރެއިން ކަމެވެ. މެޑްރިޑަކީ އައިބީރިއަން ޕެނަންސިލާ ނުވަތަ ބައްރުގައި އަންދުލުސްގެ ބޯޑަރު ރައްކާތެރިކުރުމަށް އަމަވީ ޚިލާފަތުން ޤާއިމުކުރި ކޯއްޓޭތަކުގެ ތެރެއިން ކޯއްޓޭއެކެވެ. ނަމަވެސް އެންމެ ފަހުން ހޯދުނު ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި މެޑްރިޑަކީ އަންދަލުސްގެ ބޯޑަރުތައް ހިމާޔަތްކުރަން ބިނާކުރި ކޯއްޓޭއަކަށްވުރެ މާ މުހިއްމު ސަރަހައްދެކެވެ.

އެހެންމަަވެސް މިހާރު އަލަށް ހޯދުނު ހޯދުންތަކަށް ބަލާއިރު މެޑްރިޑަކީ ރުކުންތައް ފުރިހަމަވާ އަދި ޢިލްމުވެރިންނާއި ޤާޟީޏް ދިރިއުޅުއްވި، ޙަޔާތުގެ އެކި މައިދާންތަކަށް އެ ބޭފުޅުންގެ އަސަރު ފަތުރައިލަދިން މުހިއްމު ސަހަރެކެވެ.

މެޑްރިޑުގައި ޤުރުޠުބާގެ އަމީރު މުޙައްމަދު އަލްއައްވަލް ބިނާކުރެއްވި ފާރުން މި ޒަމާނުގައި ފެންނަންހުރީ ވަރަށް ކުޑަ ތަންކޮޅެކެވެ. އެ ފާރަކީ މިހާރު މެޑްރިޑުގައި ހުރި އެންމެ ގިނަ ދުވަސްވީ އާސާރީ ބިނާއެވެ.

އޯރިއޯން 21 ނަމަކަށް ކިޔާ ފަރަންސޭސި މަޖައްލާގައި ސްޕެއިނުގެ އަދީބު ޑަނިއަލް ޚައިލް ބިން އުމައްޔާ ލިޔުއްވި މަޒުމޫނެއްގައި ފާހަގަކުރައްވާފައިވަނީ މެޑުރިޑުގެ ކުޑަ މައިދާނެއްގެ މެދުގައި އިސްލާމި ސައެންސްވެރިއެއް ކަމުގައިވާ އަބޫއަލްޤާސިމް މުސްލިމާ ބިން އަޙްމަދު އަލްމަޖްރީޠީގެ ހަދާނީ ބިނާއެއް ހުންނަ ކަމަށެވެ.

ކެމިސްޓްރީއާއި ފަލަކީ ދާއިރާގެ މި އިލްމުވެރިޔާއަކީ އަންދަލުސްއިން ބޭރުގައިވެސް ނަންހިނގާ މަޝްހޫރު ޢިލްމުވެރިއެކެވެ. މެޑްރިޑުގައި އޭނާގެ މި ހަނދާނީ ބިނާ ހުންނަކަން އެ ރަށުގެ ގިނަ ބަޔަކަށް ނޭނގެއެވެ. އެހެނީ މި ސިޓީގައި އިސްލާމީ ތާރީޚުގެ ދުވަސްވަރުގައި ދިރިއުޅުނު ފަރާތްތަކުގެ ރެކޯޑެއް ބެލެހެއްޓެމުން ނުދެއެވެ.

ކޯއްޓޭއެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މެޑްރިޑު ފަހުން ވެގެންދިޔައީ އަމަވީންގެ ވެރިކަމުގައި އަންދަލުސްގެ ކުޑަ ސަރަހައްދެއްގެ ވެރިރަށަށެވެ. މަޣާރިބީ މުއައްރިޚެއް ކަމުގައިވާ މުޙައްމަދު އަލްއިދުރީސީ 12 ވަނަ ޤަރުނުގައި ލިޔުއްވާފައިވެއެވެ. "އައިބީރިއާގެ ފަރުބަދަތައް ކައިރިން ފާޅުވި ރަށްތަކުގެ ތެރޭގައި މަޖްރީޠް (މެޑްރިޑް) ނަމަކަށް ކިޔުނު ސިޓީއެއް އޮވެއެވެ. އެ ސިޓީގައި ބޮޑު މިސްކިތެއް ހުއްޓެވެ."

ކަސްޓަލިއަން ވެރިކަމުގެ ދަށަށް މެޑްރިޑް ދިއުމުގެ ކުރިން ކްރިސްޓިއަން މުއައްރިޚެއް ކަމުގައިވާ ސާމްޕެރެ ޑެ ލިއޯން ލިޔުއްވި ލިޔުއްވުމުގައިވެސް މެޑްރިޑުގެ އިސްލާމީ ތާރީޚަށް އިޝާރާތްކުރައްވާފައިވެއެވެ. އޭނާ ލިޔުއްވާފައިވަނީ މުސްލިމުންނާ ދެކޮޅަށް ކުރި ހަނގުރާމައެއްގައި ކުރިސްޓިއަން ލަޝްކަރަކަށް މަޖްރީޠު ނުވަތަ މެޑްރިޑުގެ ފާރުތަކަށް ހަމަލާދިން ވާހަކައެވެ. ކަސްޓަލިއަން ވެރިކަމުގެ ދަށަށް މަޖްރީޠު ދިއުމަށްފަހު އެ ރަށުގެ ނަން މެޑްރިޑަށް ބަދަލުވިއެވެ.

މެޑްރިޑުގެ މައްޗަށް އެންމެ ފުރަތަމަ ވެރިވި ކުރިސްޓިއަން ރަސްކަލަކީ ލިއޯނާއި ކަސްޓިއާލްގެ ރަސްގެފާން އަލްފަންސޯއެވެ. އެއީ ގާތްގަނޑަކަށް މީލާދުން 1085 ވަނަ އަހަރުގައެވެ.

މި ލިއުމާއި ގުޅޭ