ފެޝަންގެ ދުނިޔޭގައި އިސްލާމީ ހެދުމަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ޓައިމްސް ނޫހުން ރިޕޯޓުކޮށްފިއެވެ.
"ދަ ޓައިމްސް" ނޫހުގެ ރިޕޯޓުގައި ސިފަކޮށްފައިވަނީ ތުރުކީގެ އިސްތިންބޫލުގައި ކުރިއަށް ގެންދިޔަ ފެޝަން ޝޯއެކެވެ. އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ފެޝަން ޝޯ އެހެން ފެޝަން ޝޯތަކާ ތަފާތުވަނިވި ސަބަބެއް ކަމަށް އެ ނޫހުގެ ރިޕޯޓުގައި ފާހަގަކުރީ އެ ފެޝަން ޝޯގައި ދައްކައިލި ހެދުންތަކަކީ އިސްލާމީ މިންގަނޑުތަކަށް ފެތޭ "މޯޑެސްޓް" ނުވަތަ ތަވާޟުޢުވެރިކަމާއި އިއްފަތްތެރިކަން ދައްކުވައިދޭ ހެދުންތަކެއް ކަމުގައިވުމެވެ.
ހަމައެހެންމެ އެހެން ފެޝަން ޝޯތަކުގައި އާންމުކޮށް އަންހެނުންގެ ހަށިގަނޑުތައް ނިވާކަމެއް ނެތި ފެންނަ ފެނުން އެކުލެވިގެންނުވުމާއި ރާއާއި މަސްތުވާތަކެތި މި ޝޯގައި ލިބެން ނެތުމަކީވެސް މިބާވަތުގެ އެހެން ޝޯތަކާއި މި ފެޝަން ޝޯ ތަފާތުވަނިވި ސަބަބެއް ކަމަށް އެ ލިޔުމުގައި ފާހަގަކުރިއެވެ.
މި ފެޝަން ޝޯއަކީ އިސްލާމީ ހެދުމަށް ޚާއްޞަ ބްރޭންޑެއް ކަމުގައިވާ މޮޑަނީސާއިން ބޭއްވި ފެޝަން ޝޯއެކެވެ. އެ ބްރޭންޑަކީ "މޯޑެސްޓު" އިސްލާމީ ހެދުންތަކަށް ޚާއްޞަ ބްރޭންޑެއް ކަމަށްވާތީއެވެ. މި ބާވަތުގެ ހެދުންތަކުގެ ދާއިރާއަކީ މިހާރު ފެޝަނުގެ ދުނިޔޭގައި ވަރަށް ހަލުއިކޮށް ފުޅާވަމުން އަންނަ ދާއިރާއެއް ކަމަށް ދަ ޓައިމްސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިން އެ ޤައުމުތަކުގެ ތަނަވަސް މީހުންނަކީ ސެކިއުލާ އަލްމާނީން ކަމުގައި ހިމެނުނު ބައެއް ޤައުމުތަކުގައި އިސްލާމީ ތަހައްފުޒީ (ކޮންޒަވޭޓިވް) އަންހެނުންގެ މާލީ ތަނަވަސްކަން އިތުރުވުމާއެކު މި ބާވަތުގެ އިސްލާމީ އަންނައުނަށް އޮންނަ ޑިމާންޑު އިތުރުވަމުންދާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެ ރިޕޯޓުގައި ބުނި ގޮތުގައި މި ބަދަލުތަކާއި އިންސްޓަގުރާމުގައި އިސްލާމީ ހެދުމަށް ލިބެމުން އަންނަ މަޤުބޫލުކަމާއެކު، މި ބާވަތުގެ ހެދުން އުފެއްދުމުގެ ޞިނާޢަތަކީ ބައިނަލްއަޤުވާމީ ފެންވަރުގައި 400 ބިލިއަން ޑޮލަރުގެ އަގުހުރި ޞިނާޢަތަކަށްވާނެއެވެ.
މި ބާވަތުގެ ފެޝަން ކުރިއެރުމުގެ މައި މަރުކަޒަކަށްވާނެ ކަމަށް ބެލެވޭ ޤައުމަކީ ތުރުކީވިލާތް ކަމަށްވެސް އެ ލިޔުމުގައި ފާހަގަކުރިއެވެ. ނަމަވެސް އިނގިރޭސިވިލާތަކީ މި ބާވަތުުގެ ހެދުމަށް ޑިމާންޑު އިތުރުވާ ޤައުމެއް ކަމަށް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.