Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލްޖީރިއާ

އަލްޖަޒާއިރުގެ ކުރީގެ ރައީސް ޢަބްދުލް ޢަޒީޒް ބޫތަފްލީޤާ އަވަހާރަވެއްޖެ

އަލްޖަޒާއިރުގެ ކުރީގެ ރައީސް ޢަބްދުލްޢަޒީޒު ބޫތަފްލިޤާ ހުކުރުދުވަހު އަވަހާރަވެއްޖެ ކަމަށް ޖަޒާއިރުގެ ރައީސްގެ އޮފީހުން ބުނެފިއެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ. އަދި އޭނާ އަވަހާރަވީ އެ ޤައުމުގައި ހިނގި މުޒާހަރާތަކާ ގުޅިގެން އަސްކަރިއްޔާއިން ކުރިމަތިވި ފިއްތުންތަކާއެކު ވެރިކަމުން ވަކިވެވަޑައިގެންނެވިތީ 2 އަހަރު ފަހުންނެވެ.

2013 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގެންނެވި ފަހުން ބޫތަފްލިޤާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައިވަނީ ވަރަށް މަދުންނެވެ. އޭނާއަކީ އަލްޖަޒާއިރުގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި ރައީސެވެ.

އިޤުތިޞާދީ އަދި ސިޔާސީ އިޞްލާޙުތައް ގެނައުމަށް ގޮވައިލާ އަލްޖަޒާއިރުގައި ކުރިއަށްދިޔަ އިހުތިޖާޖުތައް ނިމުމަކަށް ގެންނެވުމުގެ ގޮތުން ބޫތަފްލީޤާ މަޤާމުން އިސްތިއުފާދެއްވުމާއެކު، އޭނާގެ ސަރުކާރުގައި ހިނގާފައިވާކަމަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި އެ މައްސަލަތަކާ ގުޅިގެން އެ ވެރިކަމުގެ ބާރުގަދަ ބައެއް ޝަޚުޞިއްޔަތުތައް ވަނީ ހައްޔަރުކުރެވިފައެވެ. އޭގެ ތެރޭގައި ބޫތަފްލިޤާގެ އަޚް އަދި މުޝީރު ސަޢީދު ހިމެނިވަޑައިގަންނަވައެވެ.

ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންވުމަށް އަލްޖަޒާއިރުން ކުރި ހަނގުރާމާގައި ބައިވެރިވެވަޑައިގެންނެވި ބޫތަފްލީޤާއަކީ އޭނާއަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި ޤައުމީ ބަޠަލެކެވެ.

ފަރަންސޭސިވިލާތުން ޖަޒާއިރު 1962 ވަނަ އަހަރު މިނިވަންވުމަށްފަހު ބޫތަފްލިޤާއަކީ އެ ޤައުމުގެ ޚާރިޖީވަޒީރުކަމާއި ވަކި ފަރާތަކަށް ނުޖެހޭ ދައުލަތްތަކުގެ އިއްތިހާދުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އޭގެފަހުން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފަލަސްޠީނުގެ ލީޑަރު ޔާސިރު ޢަރަފާތަށް އާންމު މަޖިލީހުގައި ތަޤުރީރުކުރައްވަން ދައުވަތު ދެއްވީވެސް ބޫތަފްލީޤާއެވެ. އެއީ ބައިނަލްއަޤުވާމީ މަސްރަހުގައި ފަލަސްޠީނުގެ މައްސަލައަށް ސަމާލުކަން ލިބުނު ނިންމެވުމެކެވެ.

ބޫތަފްލީޤާ ޖަޒާއިރުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އެ ޤައުމުގެ އަސްކަރިއްޔާއާއި އިސްލާމީ ފިކުރުގެ ބައެއް ޖަމާޢަތްތަކާމެދުގައި އަހުލީ ހަނގުރާމައެއް ހިނގި ދުވަސްވަރުގައެވެ. 1999 ވަނަ އަހަރު އެ ޤައުމުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން އެ ޤައުމުގެ އަހުލީ ހަނގުރާމަ ނިމުމަކަށް ގެންނަވައި ޞުލްޙައިގެ ޚާއްޞަ އިޖުރާއާތުތަކެއް އޭނާ ތަންފީޒުކުރެއްވިއެވެ.

އޭނާގެ ވެރިކަމުގެ ކުރީކޮޅުގައި އެ ޤައުމަށް އިޤުތިޞާދީ ބޮޑު ކުރިއެރުން ހޯއްދަވައިދެއްވުމާއެކު މުޅި ޤައުމު ތަރައްޤީކުރެއްވުމުގެ ޚާއްޞަ މަސައްކަތްޕުޅެއް ފައްޓަވައި ތަންފީޒުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ