އިންޓެނެޓު މެދުވެރިކޮށް ޖަރީމާތައް ހިންގާ މުޖުރިމުން ވަގަށްނަގާފައިވާ މައުލޫމާތާއި ހެކުކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ވިޔަފާރިކުރުމަށް ޑާކްވެބްގެ ބަދަލުގައި މުވާސަލާތީ މަންސަ ޓެލެގުރާމް ބޭނުންކުރަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސައިބާ އިންޓެލިޖެންސް ގުރޫޕެއް ކަމުގައިވާ ސައިބެރިންޓްއާއި ފައިނޭޝަލް ޓައިމްސް ނޫސް ގުޅިގެން ހިންގި ތަހުގީގަކުން ފެނުނު ގޮތުގައި، ފުޅާވަމުން ބޮޑުވަމުން އަންނަ ހެކަރުންގެ ވިއުގައަކުން މައުލޫމާތު ހިއްސާކުރުމަށް ޓެލެގުރާމް އަންނަނީ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންނެވެ. އެގޮތުން ހެކަރުން ބޭނުންކުރާ ބައެއް ޓެލެގުރާމް ޗެނަލުތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެއެވެ.
މި ޗެނަލުތައް ވަރަށް ގިނަ ފަހަރަށް ފެންނަނީ ޑާކު ވެބުގައި ހުންނަ ކޮންޓެންޓު ހިމެނޭ ޗެނަލްތަކެއް ގޮތަށެވެ. ޑާކްވެބަކީ ވަކި ޚާއްޞަ ސޮފްޓްވެއާ ބޭނުންކޮށްގެން ނޫނީ ނުވަދެވޭ ގޮތަށް އިންޓަނެޓުގައި ނުވަތަ ވެބްގައި ފޮރުވައި ވަންހަނާކޮށްފައި ހުންނަ ވެބްސައިޓުތަކެކެވެ.
ސައިބެރިންޓްގެ ސައިބާ ނުރައްކާތައް ތަހުލީލުކުރާ މުހައްލިލެއް ކަމުގައިވާ ޓަލް ސަމްރާ ފައިނޭންޝަލް ޓައިމްސް ނޫހާ ވާހަކަދައްކަމުން ބުނެފައިވަނީ ސައިބާ މުޖުރިމުން ޓެލެގުރާމް ބޭނުންކުރާ މިންވަރު 100 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި ވަގަށް ނަގާފައިވާ މައުލޫމާތު ވިއްކުމަށާއި، މަކަރާއި ހީލަތުގެ މުއާމަލާތްތައް ހިންގުމަށް ޓެލެގުރާމް ބޭނުންކުރާ މިންވަރު އިތުރުވެފައިވަނީ އެ މުއާމަލާތްތައް ހިންގުމަށް ޑާކްވެބް ބޭނުންކުރުމަށްވުރެ ޓެލެގުރާމު މެދުވެރިކޮށް އެ މުއާމަލާތްތައް ހިންގަން ފަސޭހަވުމުން ކަމަށެވެ.
ޖަރީމާތައް ހިންގުމަށް ޓެލެގުރާމް ބޭނުންކުރުން އިތުރުވެފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައި ޓެލެގުރާމާ ވާދަކުރާ ވަޓްސްއަޕްގެ ޕްރައިވަސީ ސިޔާސަތުތައް ގެނައި ބަދަލުތަކާއެކު ޓެލެގުރާމް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.
2013 ވަނަ އަހަރު ވުޖޫދަށް އައި ޓެލެގުރާމަކީ ފަސޭހައިން ބޮޑެތި ފައިލުތައް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. އަދި އެ ސޮފްޓްވެއާ ބޭނުންކޮށްގެން ގިނަ ބަޔަކަށް މެސެޖުތައް ރައްދުކުރުމަށް ޗެނަލްތައް ޤާއިމުކުރެވެއެވެ.
ޓެލެގުރާމުން މައުލޫމާތު ދޭ ގޮތުގައި އެ އެޕް ބޭނުންކުރާ މީހުންގެ އަދަދުވަނީ 500 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި ސެންސާޓަވާއިން އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ އެޕް ޑައުންލޯޑުކުރި މީހުންގެ އަދަދުވަނީ 1 ބިލިއަނަށް އޯގަސްޓު މަހުގައި ވާސިލުވެފައެވެ.