2019 ވަނަ އަހަރުގެ ކެމްޕެއިންނަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ޤާސިމް ހަރަދުކުރެއްވި ފައިސާ އަނބުރާ ނުދެއްވާނެ ކަމަށް ދޭހަވާ މޭރުމަކުން އަބްދުﷲ ރިޔާޒު ވާހަކަ ދެއްކެވުމުން އެކަމަށް ބ.އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ރައްދު ދެއްވައިފިއެވެ.
އެކަމާއި ގުޅިގެން "ދިޔަރެސް" އިން ލިޔުނު ހަބަރެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ސަލީމް ވިދާޅުވީ އަމާނާތްތެރި މީހެއް ނަމަ ރަނގަޅު ގޮތަކީ ފައިސާ (ޤާސިމް އަތުން ނެގި) ދިނުން ކަމަށެވެ. އަދި އެހެން ނޫނީ އެ ވާނީ މަކަރާއި ހީލަތުގެ އަމަލަކަށް ކަމަށް ސަލީމް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރަހިމް ވިދާޅުވީ، މެމްބަރު އަބްދުﷲ ރިޔާޒު އާއި މެމްބަރު އަހްމަދު ނާޒިމްގެ ކެމްޕެއިންނަށް އެ ބޭފުޅާށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދެއްވައިފިނަމަ ޖުމްހޫރީ ޕާޓީ ވެސް ރަނގަޅަށް ހިންގޭނެ ކަމަށެވެ.
އަދި ކެމްޕެއިނަށް ހަރަދުކުރެއްވި ފައިސާ އަނބުރާ ޤާސިމަށް ދެއްވާނަންތޯ ސުވާލު ކުރުމުން ރިޔާޒު ވަނީ އެގޮތަށް ހަރަދު ކުރާ ފައިސާ އަކީ އަނބުރާ ދޭންޖެހޭނެ އެއްޗެއް ނޫން ކަމަށެވެ.