ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބަށް ކުރިމަތިލައްވައި އިންތިޚާބުވެވަޑައިގެންނެވި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ރިޓަޔާޑް) އިންތިޚާބުކުރައްވަން ކުރެއްވި ޚަރަދު އަނބުރާދެއްވި ނަމަ ޖުމްހޫރީ ޕާޓީ ވަރަށް ރަނގަޅަށް ހިންގުނީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ރިޔާޒު މަޖިލީހަށް ހޮވިވަޑައިގަތީ ކިހިނެއްކަން އެނގިވަޑައިގެންނަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެގޮތުން ޤާސިމް ވިދާޅުވީ އެ ބޭފުޅުން އޭނާއަށާއި ޖުމްހޫރީ ޕާޓީއަށް ބަސްތައް ރައްދކުރެއްވި ނަމަވެސް އޭނާއަކީ ޗޭވެގެން ވަޑައިގަންނަވާނެ ބޭފުޅެއްކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އަދި ރިޔާޒު ހޯއްދަވަން ކުރެއްވި މަސައްކަތަށް އިޝާރާތްކުރައްވައި ވިދާޅުވީ ޤާސިމްގެ އަނބިކަނބަލުންނާއި ރިޔާޒުގެ އަނބިކަނބަލުންނަކީ ތިމާގެ ދެ ބޭފުޅުން ކަމުގައިވެސްވާތީ ރިޔާޒަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށެވެ. އެގޮތުން ކިނބިދޫ ދާއިރާއިން ރިޔާޒު ހޮވިވަޑައިގަތީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކަމަށެވެ. އެގޮތުން ބޭސްފަރުވާއާއި ސްކޮލާޝިޕަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރެއްވި ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ޤާސިމް ވިދާޅުވީ އެ ބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގެން އޭނާއަށް ބަސް ރައްދަކުރައްވަނީ ލަނދުހަޔާތް ކުޑަވެގެން ކަމަށެވެ. އެއީ ބޮޑުވަރު ކަމަށާއި، އެ ބޭފުޅުންގެ އިހުސާސެއް ހުރިނަމަ އަމިއްލަ ޟަމީރުވެސް އެ ބޭފުޅުންނަށް މަލާމާތްކުރާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ހަމައެހެންމެ ޤާސިމް ވިދާޅުވީ އެން ކޮންމެ ބޭފުޅަކު ވެރިކަމަށް ގެނައުމަށް ފަސް ހަތަރު މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާނެ ކަމަށެވެ. އެ ފައިސާ އަނބުރާ ޖުމްހޫރީ ޕާޓީއަށް ދެއްވިނަމަ އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީއަށް ވަރަށް ގިނަ ކަންކަން ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.