Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަބްދުލްރަހީމް އަބްދުﷲ

ޕާޓީއަށް މެންބަރުން ހަމަނުވެގެން ރައީސް ޔާމީނަށް ހިތްހަމަނުޖެހުން ބޭލުމަކީ ބުއްދިވެރި ގޮތެއް ނޫން: އަދުރޭ

އަލަށް އުފައްދަވަން އުޅުއްވާ ޕާޓީއަކަށް މެންބަރުން ހަމަނުވުމުން އެކަމުގައި އުޅުއްވާ ބޭފުޅުން ހިތްޕުޅުހަމަޖެހިވަޑައިނުގަތުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ބޭލެއްވުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް އިދިކޮޅު އިއްތިހާދު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ ރައީސް ޔާމީނަކީ ކަންނެތް ބޭފުޅެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ވާހަކަފުޅަށް ރައްދުދެއްވަމުން އަދުރޭ ސުވާލުކުރެއްވީ ކަންނެތް ބޭފުޅަކު މިހާރު ރާއްޖެއިން ފެންނަން މިހިރަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާނީ ކިހިނެއްތޯއެވެ؟

ނާޒިމް އަލަށް ޕާޓީއެއް އުފައްދަވަން ކުރައްވާ މަސައްކަތަށް އިޝާރާތްކުރައްވައި އަދުރޭ ވިދާޅުވީ ޕާޓީ ހަދަން ނުކުންނަންވާނީ އެކަމުގައި އެބައެއްގެ ހުރި ޤާބިލުކަމަށް ބަލައިގެން ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ކުރިން ޑީއާރުޕީ އުފެއްދެވުމުގައިވެސް ރައީސް ޔާމީން އިސްކޮށް އުޅުއްވިކަން އަދުރޭ ފާހަގަކުރެއްވިއެވެ. ޑީއާރުޕީ ހަފުތާއެއްހައި ދުވަސްތެރޭ ރަޖިސްޓުރީ ކުރެއްވި ކަމަށެވެ. އަދި ފަހުން ރައީސް ޔާމީން ގިނިކަންޏާ ޕީއޭވެސް ހަފުތާއެއް ތެރޭ ރަޖިސްޓަރީކުރެއްވި ކަމަށާއި، ފަހުން ރައީސް ޔާމީނާއި ރައީސް މައުމޫނު ހިމެނިވަޑައިގެން ޕީޕީއެމް އުފެއްދެވިއިރު އެ ޕާޓީވެސް 24 ގަޑިއިރު ތެރޭ ޤާނޫނީ އަދަދު ހަމަކޮށް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފެށި ކަމަށާއި، ޕީއެންސީ އުފައްދަވަން ނިންމެވިތާ 24 ގަޑިއިރުތެރޭ 5،000 މީހުން ހަމަކުރެއްވި ކަމަށެވެ.

އަދި ޕާޓީއެއް ހަދަން ބައެއް ބޭފުޅުން ނުކުމެވަޑައިގެން، ޕާޓީއެއް ހައްދަވަން އުޅުއްވައިގެން 3،4 މަސް ފާއިތުވިއިރު މެންބަރުން ހަމަނުކުރެވުމަކީ ރައީސް ޔާމީނުގެ އަދި އިދިކޮޅުގެ މައްސަލައެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބޭފުޅުން ރައީސް ޔާމީނާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަނެގެން އުޅުއްވަނީ އެމަނިކުފާނާ އެއްވަރުގެ ޚިދުމަތެއް މިއިން ބޭފުޅަކަށް އަރާހަމަނުކުރެވިގެން ކަމަށެވެ.

އަދި ކާނަލް ނާޒިމް ރައީސް ޔާމީނާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވީ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އަބަދު ރައީސް އޮފީހުގައި އުޅުއްވިދާނެކަމަށް ދެކެވަޑައިގެން ގިނަ ވަގުތު ރައީސް އޮފީހުގައި އުޅުއްވަނިކޮށް ވަޒީރުންގެ ޒިންމާ އަދާކުރާނީ އެ ވަޒީރެއްގެ އޮފީހުންކަން އެންގެވުމުން ކަމަށެވެ. އަދި އޭގެ ފަހުން ފިސްތޯލައިގެ މައްސަލަ ކުރިމަތިވުމުން ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޔާމީނާ ދެކޮޅަށް ނުކުތުމަށް ސިފައިންގެ ކިބައިންވެސް ނާޒިމް އެދިވަޑައިގެންނެވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ސިފައިންގެ އިސްވެރިން އެކަން ނާޒިމަށް އެންގެވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް ޢަބްދުﷲ ރިޔާޒް ރައީސް ޔާމީނާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަތީ ހޯމް މިނިސްޓަރުކަން ލިބިވަޑައިނުގަތުމުން ކަމަށާއި، އެކަމަކު އެއީ ރައީސް ޔާމީނުގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ އަދުރޭވަނީ އެކަން ހިނގައިދިޔަ ގޮތްވެސް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ.

ހޯމް މިނސްޓްރީއަކީ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓިއަށް ލިބުނު ސްލޮޓެއް ކަމަށާއި އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު ބޭނުންފުޅުވީ ހޯމް މިނިސްޓަރުގެ މަގާމް ކަމުގައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރާ މަޝްވަރާކުރެއްވުމުން ގާސިމް އިބްރާހީމް އަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރަކަށް ގެނައުމަށްޓަކައި ސީޕީ ކަމުން އިސްތިއުފާ ދެއްވަން އެންގެވުމުން އިސްތިއުފާ ދެއްވާފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅަކު އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށާއި ހޯމް މިނިސްޓަރުކަމަށް ނަން ފޮނުވަން ޖެހޭނީ ކައުންސިލުން ކަމަށް ވިދާޅުވެ ކައުންސިލް ބާއްވައިގެން ކައުންސިލުން ނިންމީ އުމަރު ނަސީރު އެމަގާމަށް ހަމަޖެއްސުމަށް ކަމަށެވެ.
މި ލިއުމާއި ގުޅޭ