ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މުޅި ޤައުމު ތަމްސީލުކުރަން ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބައެކެވެ. އެއީ ޤައުމަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކޮށް އެއިރެއްގައި އޮންނަ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާއާ ހަވާލުވެގެން ތިބޭ ބައެކެވެ. މަޖިލީހަށް ހޮވުމުން މަޖިލީހުގެ ގޮނޑި ހޫނުކުރަން ތިބެފައި، މަޖިލީހުގެ ގޮނޑިއަށްވުރެ ބޮޑު ގޮނޑިއެއް ބޭނުންވުމުން ސިޔާސީ ގޮތުން ބައެއް މީހުން ރައްޔިތުންގެ ޙައްޤުތައް މާ ބޮޑަށް އެނގިގެން، މާބޮޑަށް ޤައުމުގެ މަސްލަހަތުތަކާ ގަޔާވެގެން އުޅުމުން އެމީސް މީހުންގެ ނިޔަތާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެއެވެ.
އަޅުގަނޑު މި ދަންނަވަނީ މިހާރު އަލަށް ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ވަކާލާތުކުރައްވަމުން ގެންދަވާ އެ މަސައްކަތުގައި ރެއާއި ދުވާ ހޭދަކުރައްވަމުން ގެންދަވާ ދެ ބޭފުޅެއްގެ ވާހަކައެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.
މި ބޭފުޅުން މިހާރު ދައްކަވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބެންނުވާނެ ކަމުގެ ވާހަކައެވެ. ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދުގައި ހަދާ އެއްބަސްވުންތައް ހާމަކުރަންޖެހޭ ވާހަކައެވެ. އެ އެއްބަސްވުންތަކުގައި ހުރި އެއްޗެއް ރައްޔިތުންނަށް އެނގެންޖެހޭ ވާހަކައެވެ. ލައްކަ ގިނަ ވާހަކައެވެ. އެ ބޭފުޅުން ނޫނިއްޔާ ޤައުމަށް ކަމެއް ކޮށްދިން، އިޚުލާޞްތެރިއަކު ހުނަރުވެރިއެއް ތަޖުރިބާހުރި މީހެއް ޤައުމަށް ފައިދާއެއް ކުރާނެ ކަމެއް ކުރާން އެނގޭނެ މީހަކު ނެތް ވާހަކައެވެ.
މި ދެ ބޭފުޅުންނަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެއް ބޭފުޅަކީ ދަނގެތީ ދާއިރާގެ މެންބަރެވެ. އަނެއް ބޭފުޅަކީ ތިމަރަފުށީ ދާއިރާގެ މެންބަރެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒަކީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފާއިތުވި 2 އަހަރެއްހައި މުއްދަތު އިންނެވި ބޭފުޅެކެވެ.
އެހެންކަމުން މި ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އިވިފައި އަޅުގަނޑު ކޮސްވެއްޖެއެވެ. އިންޑިޔާއާއެކު ގޮތް ނޭނގޭ އަސްކަރީ އެއްބަސްވުންތައް ހަދާތީ ކަންބޮޑުވެގެން ރައްޔިތުން އުޅެން ފެށީ މި ދެ ބޭފުޅުން ޕާޓީއެއް ހައްދަވަން އުޅުއްވި ހިސާބުން ހެއްޔެވެ؟ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭތީ ރައްޔިތުން ނުތަނަވަސްކަން ފާޅުކޮށް އެ އިހުސާސުތައް ބަންޑުންކުރަން ފެށީ، އެމްއެންޕީ ވުޖޫދުކުރާކަން އިއުލާނުކުރެއްވުމުން ހެއްޔެވެ؟ އޭގެ ކުރިން އެއިން އެއްވެސް ކަމެއް ނުހިނގަނީ ހެއްޔެވެ؟
އުތުރުތިލަފަޅުގައި އިންޑިޔާއިން ޤާއިމުކުރާ ވަސީލަތްތަކާ ގުޅޭ އެއްބަސްވުމުގެ ޑްރާފްޓެއް އަޅުގަނޑުމެންނަށް ލިބިގެން އެކަން އާންމުކުރީ މި އަހަރުގެ މާޗު މަހުގައެވެ. އެކަމާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ހުރުމުން މަޖިލީހަށް އެ މައްސަލަ ވައްދައިދިނުން އެދި އަޅުގަނޑުމެން މީސްމީޑިޔާގައި އާދޭސްކުރީމެވެ. އެ އަޑު މިއިން ބޭފުޅަކަށް އިވިވަޑައިނުގަތެވެ.
ކުއްލި މައްސަލައެއް ހުށަހަޅުއްވައި މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ގެންނެވީ އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. އެ އެއްބަސްވުމަކީ ޙަޤީޤީ އެއްބަސްވުމެއް ނޫން ކަމަށް ސަރުކާރުން ބުނުމުން، އެއްބަސްވުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ގެނެސް ބަލައި ދިރާސާކުރަން ހުށަހެޅުއްވީ ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އެ ކޮމިޓީގައި އާދަމް ޝަރީފު އިންނެވި ފަދައިން ޢަބްދުﷲ ރިޔާޒުވެސް އިންނެވިއެވެ. އެއިރަކު އެކަމާ ޢަބްދުﷲ ރިޔާޒެއް، ކާނަލް ނާޒިމެއް ނުއުޅުއްވައެވެ.
މަޖިލީހުގެ ތަޅުމުގައި މި މައްސަލަތަކާ މެދު ކުރެވުނު ބަހުސްގައިވެސް އެއިން ބޭފުޅަކު ބަހެއް ވިދާޅުނުވެއެވެ. އެ ބޭފުޅުން އުފައްދަވާ ޕާޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން މި މައްސަލާގައި ތެދުވެވަޑައިގެން ވަކާލާތުކުރެއްވީ ދެ ބޭފުޅުންނެވެ. ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ)އެވެ. ދެން އިޚުލާޞްތެރިކަމާއެކު އެކަމުގައި މަސައްކަތްކުރެއްވި ބޭފުޅުން ތެރެއިން އެ ބޭފުޅުންނާއެކު ފެންނަނީ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން، އަލީ އިހުސާނެވެ.
އެހެންކަމުން މިއަދު ނާޒިމާއި ރިޔާޒަށް މިކަންކަން ބޮޑުވެގެން އުޅުއްވަނީ ކީއްވެތޯއެވެ؟ ރައްޔިތުން އަމާނާތެއް ހަވާލުކުރުމުން 2 އަހަރަށްވުރެ ގިނަ ދުވަސް އެ އަމާނާތު އަދާނުކުރައްވައި ތިއްބަވާފައި މިއަދަކު ނުކުމެވަޑައިގެން މިއުޅުއްވަނީ ކީއްވެތޯއެވެ؟ އެ ސުވާލުގެ ޖަވާބުވެސް އަރުވާނަމެވެ.
އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަދި ދެތިން ނުކުތާއެއް ފާހަގަކޮށްލަންޖެހެއެވެ. ލަންކާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެކެވެ. ސުވާލުތަކަށް ޖަވާބުދެއްވަން އިންނެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނެވެ. ސުވާލުކުރަނީ ބޭރުގެ ނޫސްވެރިއެކެވެ. ސުވާލު އަމާޒުވީ އެމެރިކާއާއި ރާއްޖޭގެ މެދުގައި ހެދުމަށް ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި މަޝްވަރާކުރެވުނު ސޯފާ އެއްބަސްވުމާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވީ "ސޯފާ އިޒް ސޯ ފާ އަވޭ ފްރަމް މީ"އެވެ.
އަޅުގަނޑަށް އެމްއެންޑީއެފްގެ އިސްވެރިޔަކު ވިދާޅުވެދެއްވި ގޮތުގައި އެ ބުނާ ސޯފާ އެއްބަސްވުމެއް އެކުލަވައިލައްވަން އުޅުއްވި ބޭފުޅަކީ ނާޒިމެވެ. އެމެރިކާގެ ބޭސްއެއް ނުވަތަ އެމެރިކާގެ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ޖާގައެއް ޤާއިމުކުރައްވަން އުޅުއްވީ ނާޒިމެވެ. ބޭރު ސިފައިން ރާއްޖޭގައި ނުބައިތިއްބާ ވާހަކަދައްކަވަން ނާޒިމަކީ އެކަށީގެންވާ ކުފޫހަމަވާ ބޭފުޅެއްތޯވެސް މި މައުލޫމާތާއެކު ސުވާލު އުފެދެއެވެ.
އަދިވެސް އެއް ވާހަކައެވެ. ހެލިކޮޕްޓަރުގެ ވާހަކައެވެ. އިންޑިޔާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ދެވަނަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނައުމުގެ އެއްބަސްވުމުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ސޮއިކުރެއްވީ ނާޒިމެވެ. ރައީސް ޔާމީނަށް އެނގިވަޑައިގަތުމެއް ނެތިކަމަށް އެއިރު ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅަކު އަޅުގަނޑަށް މައުލޫމާތު ދެއްވިއެވެ. އެކަން ކުރެއްވިފަހުން އެ އެއްބަސްވުން ނިމުމަކަށް އައުމާއެކު ހެލިކޮޕްޓަރާއި ސިފައިން އަނބުރާ އިންޑިޔާއަށް ގެންދަން އެންގެވީ ރައީސް ޔާމީނެވެ. ލިޔެކިޔުމާއި ސިޓީބިޓީ އެހެރީ ފެންނާށެވެ.
މި ތާރީޚާއި މާޒީ އޮތް ބޭފުޅުން މިއަދު ސިފައިން ބޭރުކުރާ ވާހަކައާއި ސިޔާދަތުގެ ވާހަކައާއި މިނިވަންކަމުގެ ވާހަކަ މިދައްކަވަނީ ޕާޓީއެއް އުފައްދަވާށެވެ. ވެރިކަމަށް ވަޑައިގަންނަވާށެވެ. ސިޔާސީ ބާރު ހޯއްދަވާށެވެ. ރައްޔިތުންގެ ވިންދާއި އިހުސާސުގެ ވައިޖެހޭ ކޮޅަށް މި ވަގުތު ހޭރިޔާކުރައްވަނީއެވެ. ތަންފީޒުކުރައްވާނެ ސިޔާސަތު އެނގޭނީ ބާރެއް ލިބޭ ދުވަހަކުންނެވެ.