ޤައުމީ އެއާލައިންގައި ހުރި މައްސަލަތައް ހައްލުނުކުރެވޭނަމަ އާދީއްތަދުވަހުން ފެށިގެން މޯލްޑިވިއަންގެ ކެބިން ކުރޫންވެސް ވަޒީފާއަށް ނުނުކުންނަން ނިންމައިފިއެވެ.
ރޭ އެ ކުންފުނީގެ ޕައިލެޓުންނާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބައްދަލުކުރެއްވި ބައްދަލުވުމެއްގައި ކުންފުނީގެ ޕައިލެޓުންވަނީ ހައްލުކުރަންވީ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ހައްލުނުކުރެވޭނަމަ އާދީއްތަދުވަހުން ފެށިގެން އެއްވެސް ޕައިލެޓަކު ވަޒީފާއަށް ނުނުކުންނާނެކަން އެމްޑީއަށް އަންގާފައެވެ.
"ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ޤައުމީ އެއާލައިނުގައި މަސައްކަތްކުރާ ކެބިންކުރޫއެއް ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކޮވިޑާ ގުޅިގެން އުނިކުރި ގޮތަށް އަދިވެސް ފުރިހަމައަށް އިއާދަކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަމިއްލަ ކުންފުނިތަކުގައި މިހާރު މުސާރައާއި އިނާޔަތްތައް އިއާދަކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ ކެބިންކުރޫންނަށް ލިބެންޖެހޭ ޑެއިލީ އެލަވެންސް ނުލިބި ގިނަދުވަސްވެފައިވުމަކީވެސް ކެބިންކުރޫންގެ ހިތްހަމަނުޖެހުމެކެވެ.
އަދި ކެބިންކުރޫންގެ މުސާރައާއި ގިނަ އިނާޔަތްތަކެއް އުނިކޮށްފައިވާ މައްސަލަ ކުންފުނީގެ އިސްވެރިންނާ ހަމައަށް ގެންދިޔަ ނަމަވެސް އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ މައްސަލަތަކަށް ވެރިން ސަމާލުކަމެއް ނުދެއްވާ ކަމަށްވެސް އޭނާ ބުންޏެވެ.
ކުންފުނީގެ ޕައިލެޓުންނާއި ކެބިންކުރޫން މަސައްކަތަށް ނުނުކުމެ އިހުތިޖާޖުކުރުމަށް ތައްޔާރުވަމުން އަންނައިރު އެ ކުންފުނީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް އަދި ކުންފުނީގެ ހެޑް އޮފް ޓްރެއިނިންވަނީ އެ ބޭފުޅުންގެ މަޤާމުތަކުން އިސްތިއުފާދެއްވާފައެވެ.
މޯލްޑިވިއަންއަކީ 2018 ވަނަ އަހަރާ ހަމައަށް ފައިދާވަމުން އައި ކުންފުންޏެއް ނަމަވެސް މިހާރު ކުންފުނީގެ މާލީ ހާލަތު ގޯސްވެ ނަގާފައިވާ ލޯނުތަކާއި އެނޫންވެސް ކުންފުނީގެ މާލީ އިލްތިޒާމުތައް އަދާކުރުމުގެ ޤާބިލުކަން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުން ނެރެފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވެއެވެ.