Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަބްރޫކް އަޒީޒު

އެސްޑީއެފްސީން ރައީސްގެ ތަރުޖަމާން މަބްރޫކު ނެންގެވި ލޯނު ނުދައްކަވާތާ 8 މަސް

އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ކޮވިޑާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ދޫކުރި ލޯނުތަކުގެ ތެރެއިން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު ޢަޒީޒު ނަންގަވާފައިވާ 500،000 ރުފިޔާގެ ލޯނު އަނބުރާނުދައްކަވާކަން ހާމަވެއްޖެއެވެ.

"ދިޔަރެސް"އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މަބްރޫކު ނަންގަވާފައިވާ ލޯނު އަދާކުރައްވަން ފައްޓަވަންޖެހިވަޑައިގަންނަވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކޮންމެ މަހެއްގެ 28 ވަނަ ދުވަހުގައި އެ ފައިސާ ދައްކަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. މަބްރޫކު މި ލޯނު އަނބުރާ ދައްކަވަނީ 36 މަސްދުވަހުގެ މުއްދަތަކަށް ބަހާލައްވައިގެންނެވެ. ކޮންމެ މަހަކު ދައްކަވަން ޖެހޭ އަދަދަކީ 15300 ރުފިޔާއެވެ.

"ދިޔަރެސް"އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މަބްރޫކު އޮގަސްޓު މަހާ ހަމައަށް އެ ލޯނުގެ އެއްވެސް ފައިސާއެއް ދައްކަވާފައިނުވެއެވެ. ނަމަވެސް މަބްރޫކު ވިދާޅުވީ އެ ލޯނުން އަނބުރާ ދައްކަވަންޖެހޭ ފައިސާއެއް ހުރިހެން ހީފުޅުނުވާ ކަމަށެވެ. "ދިޔަރެސް"އަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އޯގަސްޓު މަހާ ހަމައަށްވެސް އެ ލޯނުން އެއްވެސް ފައިސާއެއް މަބުރޫކު ދައްކަވާފައިނުވާކަން ފާހަގަވެއެވެ.

އޭގެ އިތުރަށް މަބްރޫކުވަނީ 2019 ވަނަ އަހަރު އެސްޑީއެފްސީން އިތުރު ލޯނެއްވެސް ނަންގަވާފައެވެ. އެ ލޯނު ނުދައްކައި ގިނަ ދުވަސްވުމުގެ ސަބަބުން މަބްރޫކުވަނީ އެ ލޯނު ރިސްޓްރަކްޗާކޮށްދިނުމަށް އެދިވަޑައިގެންފައެވެ. "ދިޔަރެސް"އާ ލިޔުންތައް ހިއްސާކުރެއްވި އެސްޑީއެފްސީގެ ކުރީގެ ބޯޑު މެންބަރަކު ވިދާޅުވި ގޮތުގައި ރިސްޓްރަކްޗާ ކުރަން އެދުމުން އެ ކުންފުނިން އާންމުކޮށް އަމަލުކުރާ ގޮތަކީ 7 ދުވަހުގެ ތެރޭގައި ހުރިހާ ލިޔުމެއް ހުށަހަޅަން ފުރުސަތު ދެނީއެވެ. އެ މުއްދަތުގައި ލިޔުންތައް ހުށަނާޅައިފިނަމަ ރިސްޓްރަކްޗާ ކުރަން ހުށަހަޅާ ހުށަހެޅުން ރިޖެކްޓުކުރަނީއެވެ.

ނަމަވެސް ރިސްޓްރަކްޗާ ކުރަން މަބްރޫކު ހުށަހެޅުއްވި ފަހުން އެތައް މަހެއް ފާއިތުވެފައިވާ ކަމަށާއި، އަދިވެސް އެ ލިޔުންތައް އޭނާ ހުށަހަޅުއްވާފައިނުވާ ކަމަށާއި، ނަމަވެސް ކުންފުނިން މިހާތަނަށް ލޯނު ރިސްޓްރަކްޗާ ކުރަން ހުށަހެޅުއްވި ހުށަހެޅުއްވުން ރިޖެކްޓުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯނު ރިސްޓްރަކްޗާކޮށްދިނުމަށް މަބްރޫކު އެދިވަޑައިގަތުމުން އެސްޑީއެފްސީން އޭނާއަށް ފޮނުވި މެއިލެއްވެސް "ދިޔަރެސް"އަށްވަނީ ލިބިފައެވެ. އެ މެއިލުގައި އެ ކުންފުނިން ބުނެފައިވަނީ އެ ލޯނު ހޯއްދެވުމަށްޓަކައި ކުރައްވާނެ ކަންކަން ކަމަށް މަބްރޫކު ވިދާޅުވެފައިވާ މަސައްކަތްތައް ކުރެވިފައިނުވާކަން އެ ކުންފުނިން ހެދި އިންސްޕެކްޝަނުން ފާހަގަވެފައިވާ ކަމަށެވެ.

އަދި މިހާތަނަށްވެސް އެ ލޯނު ފައިސާ ބޭނުންކުރައްވާފައިވާ ގޮތުގެ ތަފުސީލުތައް ހުށަހަޅާފައިނުވާތީ އެ ތަފުސީލުތައް ހުށަހެޅުމަށާއި، 2020 ވަނަ އަހަރުގެ ހުރިހާ ކުއާޓާއަކާއި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ޖީއެސްޓީ ރިޓާންވެސް ހުށަހެޅުމަށް އެ ކުންފުނީގެ މެއިލުގައި އެދިފައިވެއެވެ. އަދި މަބްރޫކު އެދިވަޑައިގެންނެވި ގޮތަށް ލޯނު ރިސްޓްރަކްޗާ ކުރުމަށް މިހާތަނަށް ދައްކަން ޖެހި ނުދައްކަވައި ހުރި 165،200.00 ރުފިޔާ ދެއްކެވުމަށް ހުށަހަޅާ ކަމަށްވެސް އެ މެއިލުގައި ބުނެފައިވެއެވެ. އެ މެއިލަކީ މޭ މަހުގެ 2 ވަނަ ދުވަހު ފޮނުވާފައިވާ މެއިލެކެވެ.

"ދިޔަރެސް"އަށް ލިޔުންތައް ހިއްސާކުރެއްވި ބޭފުޅާ ފާހަގަކުރެއްވީ އޯގަސްޓު މަހާ ހަމައަށް މަބްރޫކު ލޯނު ނުދައްކަވާތީ މިހާރު ދައްކަވަންޖެހޭ އަދަދު އެއަށްވުރެ މާ ބޮޑަށްވެސް އިތުރުވެފައިވާނެ ކަމަށެވެ. އަދި މިހާރު އެ ލޯނަކީ އެމްއެމްއޭގެ އުސޫލުތަކާ އެއްގޮތަށް ނަން ޕާފޯމިން އެސެޓެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅުގެން ސުވާލުކުރުމުން މަބްރޫކު ވިދާޅުވީ އެ ލޯނަކީ އޭނާގެ ނަންމަތީގައި 2015 ވަނަ އަހަރު ރަޖިސްޓަރީކޮށްފައިވާ މެރާކީ ކޮފީ ރޯސްޓާސްއަށް ނެގގި ލޯނެއް ކަމަށެވެ. އަދި މެރާކީ ބިނާކުރެއްވީ އޭނާގެ ހިތްޕުޅުގައި ކޮފީއަށް އޮތް ޝައުޤެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ރައީސް އޮފީހާ ގުޅިވަޑައިގަތުމުގެ ކުރިން އާމްދަނީ ލިބޭ ހަމައެކަނި ގޮތަކީ އެއީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯނު ދައްކަން ދަތިވެފައިވަނީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތިތަކުގެ ސަބަބުންނެވެ. މިހާރު އެސްޑީއެފްސީއަށް ދައްކަވަންޖެހޭ 330،400 ރުފިޔާ އެބައޮތް ކަމަށާއި އެ ފައިސާ ދެއްކުން ރިސްޓަރަކްޗާ ކޮށްދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މިއީ މެރާކީ ނޫން އެހެން ވިޔަފާރިތަކަށްވެސް ކުރިމަތިވި ހާލަތެއް ކަމުގައި މަބްރޫކު ވިދާޅުވިއެވެ.

އަދި ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން ބަނދިގޭގެ އުމްރާނީ މަސައްކަތްތަކާއި ރޯސްޓިން އެގްޒޯސްޓާއި ޑްރެއިނޭޖުގެ މަސައްކަތް ފަދަ މަސައްކަތްތައް ނިމިފައިވީ ނަމަވެސް ބައެއް މަސައްކަތްތައް މަޑުޖެހުނީ އެއްބަސްވުން ހެދި ކޮންޓްރެކްޓަރުގެ ކުންފުނި އުވައިލުމާ ގުޅިގެން މަސައްކަތް މެދުކެނޑުމުގެ ސަބަބުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މެރާކީއަކީ ސައްތައިންސައްތަ ދިވެހިން މަސައްކަތްކުރާ ކުޑަ ވިޔަފާރިއެއްކަން ފާހަގަކުރައްވަމުން މަބްރޫކު ވިދާޅުވީ މެރާކީއަށް ފައިދާއެއް ހޯއްދެވުމަށް އެއްވެސް އިރެއްގައި އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުއްވާފައިނުވާނެ ކަމަށެވެ. އަދި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަވާފައިވެސް ނުވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ