Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ނައިބުރައީސް އަދީބް

މުއައްވިޒާއި އަދީބުގެ މެސެޖުތަކެއް: މުއައްވިޒަށް އަދީބުގެ ނުފޫޒު އޮތް މިންވަރު ހާމަވޭ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަދި ކުޑަ ދުވަސްކޮޅަކަށް އެ ކޮމިޝަނުގެ ރައީސްކަންވެސް ކުރެއްވި މުއައްވިޒު ރަޝީދަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި ދެމެދު ކުރެވިފައި ހުރި މެސެޖުތަކެއް "ދިޔަރެސް" އަށް ލިބިއްޖެއެވެ.

އަދީބު އާއި މުއައްވިޒު ފޯނުން ކޮށްފައި ހުރި މެސެޖުތަކުގެ އިތުރަށް، މުއައްވިޒަށް ފައިސާ ދިނުމަށް އިރުޝާދުދީ އަދީބު އޭނާގެ އެކުވެރި ގ.އޮއިވާލި މުހައްމަދު ހުސެއިން (އޮއިއްޓޭ) އަށް ކުރި މެސެޖާއި، މުއައްވިޒު އޭސީސީގެ މެމްބަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލުމުން އޭނާގެ ނަން ފާސްކޮށްދިނުމަށް އެދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އަދީބަށް ފޮނުއްވި މެސެޖުތައްވެސް "ދިޔަރެސް" އަށް ވަނީ ލިބިފައެވެ.

މިގޮތުން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އޭރުގެ ޕީޖީ މުހުތާޒު މުހުސިން އަދީބަށް ފޮނުއްވި މެސެޖެއްގައި ވަނީ އެބޭފުޅާ ހިޔާރު ކުރާނީ މުއައްވިޒު ރަޝީދާއި ސޮއްފަތު މުހައްމަދު ކަމަށެވެ. އެގޮތަށް މެސެޖު ކުރެއްވުމުން އަދީބު މުއައްވިޒު؟ އެގޮތަށް ސުވާލު ކުރައްވައެވެ. މުހުތާޒު ހަމަ އަނެއްކާވެސް އެ ބޭފުޅާގެ ޗޮއިސް އަކީ އެ ދެބޭފުޅުން ކަމަށް ވިދާޅުވެއެވެ. އަދި އޯކޭ ދޯ އޭ އައްސަވައެވެ. އޭރުވެސް މުއައްވިޒު އާއި ސޮއްފަތަކީ އޭސީސީގެ މެމްބަރުންނެވެ. އެހެން ނަމަވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަށް މެމްބަރުންގެ ދައުރު ހަމަވާތީ އަލުން މެމްބަރުން ނެގުމަށް ކުރިމަތިލުމަށް ވަނީ އޭރު ހުޅުވާލެވިފައެވެ.

އަދި ޖެހިގެން އައި އޯގަސްޓު މަހުގެ 23 ވަނަ ދުވަހު އަލަށް ހޮވާ މެމްބަރުންނަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ރުހުން ދިނެވެ. އޭރުވެސް ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި މުއައްވިޒެވެ. ކޮމިޓީގެ ނިންމުމަށް މަޖިލީހުން ވޯޓަށް އެހީ އޯގަސްޓު މަހުގެ 27 ގައެވެ. އޭގެ އެއް ދުވަސް ކުރިން އަދީބު ވަނީ މުއައްވިޒުގެ ވޯޓު "ފައިނަލް" ކަމަށާއި ހާސް ނުވުމަށް އެދި މުއައްވިޒަށް މެސެޖު ކޮށްފައެވެ. އަދި އެކަމަށްޓަކައި މުއައްވިޒު އަދީބަށް ޝުކުރު ދަންނަވާފައި މެސެޖުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުއައްވިޒު މިހާރު މަސައްކަތް ކުރައްވަނީ މުހުތާޒުގެ ލޯ ފާމްގައެވެ.

ދެވަނަ ދައުރަކަށް ހޮވުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް މުއައްވިޒު އަދީބަށް ބަރާބަރަށް މެސެޖު ކޮށްފައިވެއެވެ. މިގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީނަށް ތުހުމަތު ކުރެވުނު ކޮރަޕްޝަން މައްސަލައެއްގައި އޭނާ ކޮމިޝަނަށް ހާޒިރު ކުރާ ވާހަކަވެސް މުއައްވިޒު ވަނީ އަދީބަށް ކިޔާ ދެއްވާފައެވެ. އަދި އަމީން ހާޒިރުކޮށް ކޮމިޝަނަށް ދެއްވި ބަޔާނުގެ ތަފްސީލުވެސް މުއައްވިޒު އަދީބާއި ހިއްސާ ކުރެއްވިއެވެ. އަމީންގެ މައްޗަށް އޭރު ކޮރަޕްޝަންގެ ތުހުމަތު ކުރެވުނީ މަރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަން ހަވާލުކުރި ކުންފުންނިން ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާފައި ނުވުމުން، ސަރުކާރުން އެ ކުންފުނި ޖޫރިމަނާ ކުރުމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށް ބުނެ އަމީން ޖޫރިމަނާ މައާފްކޮށްދީފައިވާ މައްސަލާގައެވެ.

އެ މައްސަލާގައި އަމީން ހާޒިރު ކުރުމުގެ އެއްދުވަސް ކުރިން މުއައްވިޒު އަދީބު އަރިހުގައި، އަމީން ހާޒިރު ކުރަން އުޅޭ ވާހަކަ ވިދާޅުވެއެވެ. އޭގެ ފަހު ދުވަހު އަދީބު އެކަމާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުން މުއައްވިޒު، އެދުވަހު ކަން ހިނގި ގޮތުގެ ތަފްސީލު ކިޔާދެއްވައެވެ. މިގޮތުން އަމީން ހާޒިރުވި ކަމަށާއި، އެ މައްސަލާގައި އެގޮތަށް އަމަލު ކުރެއްވީ ރައީސް ޔާމީން އަންގަވައިގެންކަމަށް ވިދާޅުވެއެވެ. އެހެން ނަމަވެސް އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް އަމީނަށް ދެއްކިފައި ނުވާކަމަށްވެސް މުއައްވިޒު އަދީބު އަރިހު ވިދާޅުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޭސީސީ އަކީ މިނިވަން މުއައްސަސާއަކަށް ވާއިރު އެ މުއައްސަސާގެ ތަހުގީގުތަކާއި ގުޅޭ މައުލޫމާތު ކަމާއި ނުބެހޭ ފަރާތްތަކަށް ދީ، ތަހުގީގު ކުރިއަށް ގެންދަންވާ ގޮތުގެ އިރުޝާދު އެހެން ފަރާތެއްގެ ކިބައިން ހޯދުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި ހިލާފު ކަމެކެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ކަންކަމުގައިވެސް މުއައްވިޒު ވަނީ އަދީބަށް މެސެޖު ކުރައްވާފައެވެ. މިގޮތުން ކޮމިޝަނުގެ މެމްބަރުކަމަށް ދެވަނަ ދައުރަކަށް ނުހޮވުނު ކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަފީއު އަށް ސަރުކާރުން ވަޒީފާއެއް ހަމަޖައްސައި ދިނުމަށްވެސް މުއައްވިޒު އެދިފައިވެއެވެ.

އަދީބާއި އޮއިއްޓޭގެ މެސެޖުތައް އަދި އަދީބާއި މުއައްވިޒުގެ މެސެޖުތަކުން ހާމަވާ ގޮތުގައި މުއައްވިޒު ވަނީ އަދީބު އަތުން 4 ލައްކަ ރުފިޔާ ނަގާފައެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު މުއައްވިޒު ވަނީ އަދީބު ކައިރީ އޭނާއަށް ގުޅުމަށް އެދިފައެވެ. މިގޮތުން އަދީބުގެ ކޯލަކަށް އިންތިޒާރު ކުރާ ކަމަށާއި ވަގުތެއްވެގެން އޭނާއަށް ގުޅުމަށް އެދިފައިވެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު 9:11 ގައި އަދީބު ވަނީ އޮއިއްޓޭއަށް މެސެޖުކޮށް މުއައްވިޒަށް 4 ލައްކަ ރުފިޔާ ދިނުމަށް އަންގާފައެވެ.

އަދި ހަމަ އެދުވަހު ހެނދުނު 9:43 ގައި މުއައްވިޒު ވަނީ "ސަރ ތޭންކްސް ލޮޓް ގޮޓް އިޓް" (ވަރަށް ބޮޑަށް ޝުކުރިއްޔާ ލިބިއްޖެ) މިގޮތަށް މެސެޖުކޮށްފައެވެ.

މި މައްސަލަ މިހާރު އެސެޓު ރިކަވަރީ ކޮމިޝަނުންވެސް ބަލަމުން އަންނަ އިރު އަދި މި މައްސަލަ އާއި ގުޅިގެން މުއައްވިޒަށް ދައުވާކޮށްފައި ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގައި މުއައްވިޒު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައެވެ. މިގޮތުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ލާރިއަކީ އެމްއެމްޕީއާރުސީ ފައިސާ ކަމަށް ދެންނެވި ކަމަށާއި އެކަން ކުރީވެސް ރައީސް އޮފީހަށް ގޮސްގެން ކަމަށް ވިދާޅުވެ މުއައްވިޒު ދޮގު ހެކިބަސް ދެއްވިއެވެ.

މައުލޫމާތު ލިބޭ ގޮތުގަިއި މުއައްވިޒު އެގޮތަށް ހެކިބަސް ދެއްވާފައިވަނީ ސަރުކާރުން ބިރު ދައްކައިގެންނެވެ. އަދި މިއަދު ލީކު ވެފައިވާ މުއައްވިޒުގެ އޯޑިއޯއެއް ކަމަށް ބުނެވޭ އޯޑިއޯއެއްގައި، ރައީސް ޔާމީން އާއި ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާއަށް މަޖުބޫރު ކުރުވީ ކަމަށް މުއައްވިޒު ވިދާޅުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން މުއައްވިޒާއި ކުރެއްވި ސުވާލުތަކަށް މުއައްވިޒަށް ޖަވާބުވެސް ނުދެއްވުނެވެ. އަދި ވާހަކަ ދެއްކެވި އިރު ވަރަށް ބޮޑަށް އަޑު ތުރުތުރު އަޅާ ބިރުން ހުންނެވިކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ