ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް 1979 ވަނަ އަހަރު ކިއުބާގެ ވެރިރަށް ހަވާނާގައި އޮތް ނަން އެލައިންޑް މޫވްމެންޓްގެ ސަމިޓަށް ވަޑައިގެންނެވި މަގުމަތީގައި އެމެރިކާގައި މަޑުކުރެއްވިއެވެ.
އަދި ސަމިޓް ނިންމަވާލައްވާފައި އަނބުރާ ރާއްޖެ ވަޑައިގެންނެވި ދަތުރުމަތީގައިވެސް އެމެރިކާގައި މަޑުކުރެއްވިއެވެ. އެ ދަތުރުފުޅުކުރެއްވުމުގެ ކުރިން، ރައީސް މައުމޫން ވަނީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށް، އެމެރިކާގައި މަޑުކުރައްވާ 2 ދުވަހު، އެމެރިކާގެ ރައީސްއާ ބައްދަލުކޮށްލެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.
އެމެރިކާ އެމްބަސީ އިން އޭރުކޮށްފައިވާ މުއާމަލާތުތަކުގެ ލީކުވެފައިވާ ކޭބަލް ތަކުން ދައްކާ ގޮތުން ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެގޮތަށް އެދުމުން، އެކަން އެމްބަސީ އިންވަނީ އެމެރިކާގެ ސަރުކާރަށް އެގޮތަށް ރައީސް މައުމޫން އެދިވަޑައިގަންނަވާކަން އަންގާފައެވެ. ނަމަވެސް އެގޮތަށް ބައްދަލުކުރެއްވުމުގެ ފުރުސަތުރައީސް މައުމޫނަށް އެމެރިކާ ސަރުކާރަކުން ނުދިނެވެ. ސަބަބަކީ، ހަވަނާގައި އޮތް ސަމިޓަށް ވަރަށް ގިނަ ޤައުމުތަކުގެ ވެރިން ވަޑައިގަންނަވާނީ އެމެރިކާގައި ޓްރާންސިޓުކުރައްވާފައި ކަމުން، އެއް ޤައުމުގެ ރައީސަކަށް އެފަދަ ފުރުސަތެއް ދީފިނަމަ، އެހެން ޤައުމުތަކުންވެސް އެފަދަ ފުރުސަތުތަކަށް އެދޭނެތީ ކަމަށް އެމެރިކާ ސަރުކާރުން ވަނީ އޭރު އަންގާފައެވެ.
ރައީސް މައުމޫނާއި ރައީސް ޖިމީ ކާޓަރ ބައްދަލު ނުކުރެއްވި ނަމަވެސް، ރައީސް މައުމޫނަށް އެމެރިކާ ސަރުކާރުން ވަނީ ސެކިއުރިޓީ ފޯރުކޮށްދީފައެވެ. އަދި އޭގެ ފަހުން އެމެރިކާގެ އެހެން ބައެއް ރައީސުންނާ ރައީސް މައުމޫން ބައްދަލުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.