އެމޭޒަން ސްޓޫޑިއޯސްއިން ތައްޔާރުކުރަމުންދާ ލޯޑް އޮފް ދަ ރިންގްސްގެ ސިލްސިލާގެ މަސައްކަތްތައް ނިއުޒިލޭންޑުން އިނގިރޭސިވިލާތަށް ބަދަލުކުރަން ނިންމައިފިއެވެ. މިއީ ލޯޑް އޮފް ދަ ރިންގްސް ފްރެންޗައިސްއާއި ނިއުޒިލޭންޑުގެ މެދުގައި އޮތް ގުޅުމަށް ބޮޑު ހީނަރުކަމެއް ކުރިމަތިވާނެ ކަމެކެވެ.
އެމޭޒަން ސްޓޫޑިއޯސްއިން ބުނެފައިވަނީ އެ ސްޓޫޑިއޯގެ އެންމެ މުހިއްމު އެއް ސިލްސިލާގެ މަސައްކަތް ނިއުޒިލޭންޑުން އިނގިރޭސިވިލާތަށް ބަދަލުކުރުމަކީ އިނގިރޭސިވިލާތުގައި އެ ސްޓޫޑިއޯ ފުޅާކޮށް އިތުރު ޖާގަ ހޯދުމަށް އިންވެސްޓުކުރަން ރާވާފައިވާ ޕްލޭނާ އެއްގޮތަށް ނިންމި ނިންމުމެއް ކަމުގައެވެ.
މި ނިންމުމަކީ އިނގިރޭސި ފިލްމު އަދި ޓީވީގެ ސިނާއަތަށް ލިބުނު އިތުރު ކާމިޔާބެކެވެ. ސްޓްރީމްކޮށްގެން ފިލްމާއި ސިލްސިލާތައް ބަލާ މިންވަރު އިތުރުވެފައިވާތީ އެ ފަރާތްތަކުގެ ޑިމާންޑަށް އެކަށޭނެ މިންވަރަށް އުފެއްދުންތައް އުފެއްދުމަށް ފަންނުވެރިން ކުރާ މަސައްކަތުގައި އިނގިރޭސިވިލާތް ވެފައިވަނީ މަސައްކަތްކުރަން މަޤުބޫލު މަންޒިލަކަށެވެ.
ލޯޑް އޮފް ދަ ރިންގްސްގެ ފުރަތަމަ ތިން ފިލްމުން ލިބުނު ކާމިޔާބުގެ މައްޗަށް ނިއުޒިލޭންޑުންވަނީ ވަރަށް ކާމިޔާބު ފިލްމާއި ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާކޮށްފައެވެ. އެހެންކަމުން މި ސިލްސިލާ އެ ޤައުމުން އެހެން ޤައުމަކަށް ގެންދިއުމަކީ އެ ޤައުމަށް ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމުގައި އެ ޤައުމުގެ ގިނަ ބަޔަކު ދެކެއެވެ.
އަދި ނިއުޒިލޭންޑުން މި ސިލްސިލާ އެ ޤައުމަށް ގެނައުމަށްޓަކައި ދިން ބައެއް ޓެކްސްއާ ގުޅުންހުރި ލުއިތައް މުރާޖަޢާކުރާނެ ކަމަށް އެ ޤައުމުގެ އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ސްޓުއާޓް ނޭޝް ވިދާޅުވެފައިވެއެވެ.
އެމޭޒަންއިން އުފައްދާ ލޯޑް އޮފް ދަ ރިންގްސް ސިލްސިލާގެ ފުރަތަމަ ސީޒަންގެ ހުރިހާ އެޕިސޯޑެއް މިހާރުވަނީ ރެކޯޑުކޮށް ނިމިފައެވެ. އެ މަސައްކަތްކުރީ ނިއުޒިލޭންޑުގައެވެ. މި ސިލްސިލާ އިފުތިތާހުކުރާނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރުގައެވެ. ފުރަތަމަ ސީޒަން އުފެއްދުމުގެ މަސައްކަތުގައި 2،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ލޯޑް އޮފް ދަ ރިންގްސް ސިލްސިލާގެ ދެވަނަ ސީޒަން ރެކޯޑުކުރުމަށް މިހާރު ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގައެވެ. އިނގިރޭސި ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުގައި ރިޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށް މި ސިލްސިލާގެ މަސައްކަތް ގެނައުމަށް ވަކި ޚާއްޞަ މަސައްކަތެއް އިނގިރޭސި ސަރުކާރުން ނުކުރާ ކަމަށެވެ.
ނަމަވެސް ނިއުޒިލޭންޑުގައި އަޅާފައިވާ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ކުރިމަތިލާންޖެހޭ ހިފަހެއްޓުންތަކަކީ ނިއުޒިލޭންޑުގެ ބަދަލުގައި އިނގިރޭސިވިލާތް އިޚުތިޔާރުކުރި ސަބަބު ކަމުގައިވެދާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓުކުރިއެވެ.