ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ނަމުގައި މި ސަރުކާރުން 2019 ވަނަ އަހަރު އުފެއްދި ކުންފުންޏަށް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ގެއްލުމެއް ލިބުނުއިރު އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ 123 މިލިއަން ރުފިޔާ ނުދައްކައި ހުރިކަން ހާމަވެއްޖެއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތާ ބެހޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން އާރްޑީސީއަށް އެ ކުއާޓާގައި 12.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
އެ ކުންފުނީގެ އާމްދަނީއަށް ބަލާއިރު އާމްދަނީވެސްވަނީ 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާ އަޅާބަލާއިރު މަދުވެފައެވެ. 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި 18.69 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކުންފުންޏަށް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 16.96 މިލިއަން ރުފިޔާއެވެ. އެއީ 9 އިންސައްތަ މަދުވުމެކެވެ.
ކުންފުނިން ހިންގި މަޝްރޫޢުތަކަށް ޚަރަދުވި ފައިސާ ކެނޑުމަށްފަހު 10.79 މިލިއަން ރުފިޔާ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ނަމަވެސް، ކުންފުނީގެ އިދާރީ ޚަރަދުތައް ކެނޑުމުން ކުންފުންޏަށް 12.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
ކުންފުނީގެ އެސެޓުތަކުގެ ހާލަތަށް ބަލާއިރު މިހާރު ކުންފުނީގައި ހުރި އެސެޓުތަކުން އެ ކުންފުނިން ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާނުކުރެވޭނެ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ކުންފުނިން މިހާރު އަދާކުރަންޖެހިފައިވާ މާލީ އިލްތިޒާމުތައް 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާ އަޅާބަލާއިރު، 36 އިންސައްތަ އިތުރުވި ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ 123 މިލިއަން ރުފިޔާ އެބަހުރި ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ހުރި ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ސަޕްލައަރުންނާއި ކުންފުންޏާއެކު ވިޔަފާރިކުރާ ފަރާތްތަކުން ކްރެޑިޓަށް ޚިދުމަތް ދިނުމަށް ޖެހިލުންވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.