ދުނިޔޭގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ފެސިލިޓިއެއް ރާއްޖޭގައި ހަދައިފި ނަމަ އެކަމުން ލިބޭ ހިތި ދުވަހަކުވެސް ނުފިލާނެ ވޭންހުރި ކަމަކަށްވާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެންބަރު ސައީދު މިހެން ވިދާޅުވެފައިވަނީ އަލްޖަޒީރާގެ އައި ޔުނިޓުން ހިންގި ތަހުގީގަކުން، މޮރިޝަސްގެ ރަށެއް ކަމުގައިވާ އަގެލޭގާގައި އިންޑިޔާއިން ސިއްރިއްޔާތުގައި އަސްކަރީ ބޭސްއެއް ހަދަމުން އަންނަކަން ހާމަވުމާއި ގުޅުވައިގެންނެވެ.
ސައީދު ވިދާޅުވީ ރައީސް ޞާލިހުއާއި އެމަނިކުފާނުގެ ބައިވެރިންގެ އެއްބަސްވުންތަކުން މުޅި ރާއްޖެވަނީ ކޮމްޕްރޮމިސްކޮށްފައިކަމަށާއި އެފަދަ މިލިޓަރީ ބޭސްއެއް ރާއްޖޭގައި އަޅައިފިނަމަ އޭގެ ހިތި ދުވަވަހަކުވެސް ނުފިލާނެކަމަށެވެ.
މީގެއިތުރުން މެންބަރު ސައީދު ވިދާޅުވީ ރާއްޖޭގައި އަސްކަރީ ބޭސްއެއް ތަރައްޤީ ކުރާނީ "ބަހުން ބަހަށް" ބުނެފައި ނޫންކަމަށެވެ.
އިންޑިއާއިން މޮރިޝަސްގެ އަގޭލާގައި ބޭސްއެއް ތައްޔާރުކުރަމުން އައީވެސް ސިއްރިއްޔާތުގައެވެ.
އެ މައްސަލައިގެ ތަހުގީގުގައި އަލްޖަޒީރާގެ އިންވެސްޓިގޭޝަން ޔުނިޓުންވަނީ ސެޓަލައިޓު ފޮޓޯތަކާއި ފައިސާގެ ޑާޓާތައް އެއްކޮށް ދިރާސާކޮށްފައިވެއެވެ. އެ ދިރާސާގެ އަލީގައި އަލްޖަޒީރާއިން އެއްކުރި މައުލޫމާތުތައް ދިރާސާކުރި އަސްކަރީ މާހިރުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކުރި ގޮތުގައި އެ ރަށުގައި އިންޑިޔާއިން ދަނީ ސިއްރިއްޔާތުގައި ކަނޑުގެ ސަރަހައްދު ޕެޓްރޯލުކުރުމަށް ބޭނުންވާ އަސްކަރީ ބޭސްއެއް ތަރައްޤީކުރަމުންނެވެ.
ފާހަގަކޮށްލެވޭގޮތުގައި މީގެ ކުރިން 2018 ވަނަ އަހަރުގައި އެ ރަށުގައި ތަރައްޤީކުރަނީ އަސްކަރީ ބޭސްއެއް ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރުމުން މޮރިޝަސްގެ ސަރުކާރާއި އިންޑިޔާއިންވެސްވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ސެޓެލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި އަގަލޭގާގައި 3 ކިލޯމީޓަރުގެ ރަންވޭއަކާއި ބޮޑު ޖެޓީއެއް އިންޑިޔާއިން ދަނީ އިމާރާތްކުރަމުންނެވެ. އެ ރަށަކީ 300 އެއްހައި މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
އަގަލޭގާގައި ހިންގާ މަސައްކަތަކީ 2015 ވަނަ އަހަރު މޮރިޝަސްއާއެކު އަގަލޭގާގައި އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް އެ ރަށާއި މޮރިޝަސްގެ އެހެން ރަށްތައް ދެމެދުގައި ގުޅުވައިލުމަށް ހަދާފައިވާ އެއްބަސްވުމެކެވެ.