Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

އެމްޑީޕީގެ ވެރިކަމަކީ ޣައިރު ޤާނޫނީ ވެރިކަމެއް: ޑރ.ޖަމީލް

އެމްޑީޕީގެ ވެރިކަމަކީ މިހާރު ޣައިރު ޤާނޫނީ ވެރިކަމެއް ކަމުގައި ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ ފަރާތުން އިފުތިތާހުކުރި "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން" ހަރަކާތް ފެށުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިހާރު އެ ޕާޓީގެ މުސްތަޝާރުގެ މަޤާމުގައި ހުންނެވި ޑރ.ޖަމީލު ވިދާޅުވީ މިހާރު އެމްޑީޕީގެ ވެރިކަންވަނީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޣައިރު ޤާނޫނީ ވެރިކަމަކަށް ވެފައި ކަމަށެވެ.

ޑރ.ޖަމީލު އިތުރަށް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ބޮޑު ދެ މަޝްރޫޢެއް ފަށާ ކަމަށެވެ. އެއިން ފުރަތަމަ މަޝްރޫޢަކީ ދިވެހިރާއްޖޭގައި ބޭނުން ގޮތަކަށް އުޅެވެންޖެހޭނެ ކަމުގައި ބުނެ އެކަމަށް ފަށާ މަޝްރޫޢެއް ކަމަށެވެ. އިސްލާމްދީނާ ޚިލާފު އަމަލުތައް ހިންގުމުގެ މިނިވަންކަން ހޯދުމަށް އެމްޑީޕީން މަސައްކަތްކުރާ ކަމަށް ޑރ.ޖަމީލު ތުހުމަތުކުރެއްވިއެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި މުޅިންވެސް ކުށްވެރިވަނީ އާދައިގެ ރައްޔިތުން ކަމަށާއި، އެގޮތުން ސައިކަލު ޕާކުކުރާ ގޮތުން ނުވަތަ އެނޫންވެސް ކަމެއް ކުރާ ގޮތުން ދިވެހި ރައްޔިތުން ޖޫރިމަނާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާއެއް އަދި ވަޒީރުންގެ މަޖިލީހެއް ކުށްވެރިނުވާ ކަަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ޑރ.ޖަމީލު ފާހަގަކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވަޒީރުކަމުގެ އިތުރަށް މަސައްކަތެއް ނުކުރެވޭނެ ކަމަށް ޤާނޫނު އަސާސީގައި ސަރީހަ ނައްސުން ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވަޒީރުކަމުގައި ހުންނަވައިގެން އިތުރު ވަޒީފާއެއް އަދާކުރެއްވުމަކީ ނުރައްކަލެއް ކަމަށް ވިދާޅުވެ، ދުސްތޫރާ ޚިލާފަށް ވެރިކަން ހިންގެވުމަކީ ރައީސް ޞާލިޙު ކުރައްވާ ޣައިރު ޤާނޫނީ އަމަލެއް ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާ ޚިލާފަށް ކުރާ މަސައްކަތްތަކުގެ ތަޅުދަނޑި އުފުއްލަވަނީ ސީދާ ޚާރިޖީވަޒީރު ޝާހިދު ކަމަށް ޑރ.ޖަމީލު ތުހުމަތުކުރެއްވިއެވެ.

ޑރ.ޖަމީލު އިތުރަށް ވިދާޅުވީ މިނިވަންކަމުގެ ދިފާޢުގައި ކުރައްވާ މަސައްކަތްޕުޅު ނިންމަވައިލައްވާނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކޮށް ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނަވައިގެން ކަމަށެވެ.

މި ލިއުމާއި ގުޅޭ