Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ނިއުކުލިއާ ޓެސްޓުތައް ހިންގަން ޕޮލިނީޝިއާ ބޭނުންކުރުމުން ފްރާންސްވަނީ ދަރަނިވެރިވެފައި: މެކްރޯން

ފަރަންސޭސިވިލާތުގެ ދަށުގައި އޮންނަ ޕޮލިނޭޝިއާ ނަމަކަށް ކިޔާ ރަށް ނިއުކުލިއާ ޓެސްޓުތައް ހެދުމަށް ބޭނުންކޮށްފައިވާތީ ފަރަންސޭސިވިލާތްވަނީ އެ ރަށުގެ ރައްޔިތުންނަށް ދަރަނިވެރިވެފައި ކަމަށް އެ ޤައުމުގެ ރައީސް އިމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ. އެފަދައިން ވިދާޅުވި ނަމަވެސް އޭނާ އެ ރަށުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައިނުވެއެވެ.

ނިއުކުލިއާ ޓެސްޓުތައް ހިންގުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ކުރި ސަލްބީ އަސަރުތަކާއި ލިބުނު ގެއްލުންތައް ފަރަންސޭސިވިލާތުން ފޮރުވަން މަސައްކަތްކުރާ ކަމަށް އެ ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ޓެސްޓުތަކަށް ފަހުގައި އެ ރަށުގައި ކެންސަރު ބަލި ޖެހޭ މީހުންގެ ނިސްބަތް ވަރަށް މަތިވިއެވެ.

ޕޮލިނޭޝިޔާގެ ތަހީތީގައި ހުންނަވައިގެން ދެއްވި ތަޤުރީރުގައި މެކްރޯން ވިދާޅުވީ ފަރަންސޭސި ޤައުމުވަނީ ޕޮލިނޭޝިއާއަށް ދަރަނިވެރިވެފައި ކަމަށެވެ. އެ ދަރަންޏަކީ 1966 ވަނަ އަހަރުން ފެށިގެން 1974 ވަނަ އަހަރާ ދެމެދުގައި އެ ރަށްތަކުގައި ހިންގި ނިއުކުލިއާ ޓެސްޓުތަކާ ގުޅޭ ދަރަންޏެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް މެކްރޯން ވިދާޅުވީ މި ޓެސްޓުތައް ފަރަންސޭސިވިލާތުގެ މެދުތެރޭގައި ނުވަތަ އުތުރު ހުޅަނގުގައި ނުހިންގާނެކަން ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޕޮލިނޭޝިޔާގައި އެ ޓެސްޓުތައް ހިންގީ ޕޮލިނޭޝިޔާ އޮންނަނީ ޕެސިފިކު ކަނޑުގައި ފަރަންސޭސި މައި ފަސްގަނޑާ ދުރުގައި ކަމަށްވުމުން ކަމަށްވެސް އޭނާ އިއުތިރާފުވެވަޑައިގަތެވެ.

ޙަޤީޤަތާއި ދެފުށްފެންނަ ސިޔާސަތަށް އިސްކަންދެއްވާނެ ކަމުގައި ވިދާޅުވެ މެކްރޯން ވައުދުވެވަޑައިގެންފައިވަނީ ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް މިހާރަށްވުރެ ރަނގަޅު ބަދަލެއް ދެއްވުމަށެވެ. މިހާތަނަށް ފަރަންސޭސިވިލާތުން ބަދަލު ދީފައިވަނީ 63 މީހުންނަށް ކަމުގައިވާއިރު ފަރަންސޭސި ވެބްސައިޓް ޑިސްކްލޯސްއިން އަންދާޒާކުރާ ގޮތުގައި ރޭޑިއޭޝަނުގެ ސަބަބުން އެ ރަށްތަކުގެ 110،000 މީހުންނަށް އަސަރުކޮށްފައިވެއެވެ.

ފަރަންސޭސިވިލާތުން އެ ޤައުމުގެ ނިއުކުލިއާ ޕްރޮގުރާމުގެ ފުރަތަމަ ޓެސްޓުތައް ކުރިއަށް ގެންދިޔައީ އަލްޖީރިއާގެ ސަހަރާތގައެވެ. އޭގެ ފަހުން 193 ޓެސްޓެއް ފަރަންސޭސި ޕޮލިނޭޝިއާގައި އެ ޤައުމުން ހިންގާފައިވެއެވެ. އެންމެ ފަހު ޓެސްޓު ހަދާފައިވަނީ 1996 ވަނަ އަހަރުގައެވެ.

މި ލިއުމާއި ގުޅޭ