Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނާސިރު

ރައީސް ނާޞިރާމެދު ކަންކުރި ގޮތާއި ނާޞިރު ކަންކުރެއްވި ގޮތުގެ ތަފާތު

ރައީސް އިބްރާހީމް ނާޞީރު ރަންނަބަޑޭރި ކިލެގެފާނު ރާއްޖޭގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އެ ކިލެގެފާނުގެ ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެވި އިބްރާހީމް ފާމުދޭރި ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވުމުންނެވެ. އެ ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވީ އިނގިރޭސި ދައުލަތާއެކު އައްޑޫއިން ބައެއް 100 އަހަރަށް ދެއްވުމަށް ރަމްޒީ އެއްބަސްވުމެއްގައި ރމްޒީ ސޮއެއް އަޅުއްވައިގެން އުފެދުނު ނުރުހުމާއި ނުތަނަވަސްކަމުގެ ތެރެއިންނެވެ.

ބޮޑުވަޒީރުކަމާ ނާޞިރު ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ސިޔާސީ ސަގާފަތުގައި އޮންނަ އެއް ކަމަކީ ވެރިކަން ބަދަލުވުމުން ކުރިން ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ހިތުހުރި އެއްޗެއް ގޮވުމެވެ. ހަޑިހުތުރު އަންބާތައް ހަދައިގެން ކިޔުމެވެ. މި ސަގާފަތް ނާސިރު ހުއްޓުވުމަކަށް ގެންނެވިއެވެ. މުއައްރިޚުން ލިޔުއްވާ ގޮތުގައި ވެރިކަން ބަދަލުވުމަށްފަހު ބޭއްވި މަޖިލިސް ޖަލްސާގައި އިބްރާހީމް ފާމުދޭރި ކިލެގެފާނަށް ކުޑައިމީސްވާ ގޮތަށް ބައެއް ބޭފުޅުން ވާހަކަދައްކަވަން ފެއްޓުވުމުން ނާޞިރު އެކަން މަނާކުރެއްވިއެވެ.

ފާމުދޭރި ކިލެގެފާނަށް ހަޑިހުތުރު ބަސްތައް ރައްދުކޮށް ބަޔަކު އަންބާތަކެއް ހެދިކަން ނާޞިރަށް އެނގިވަޑައިގަތުމުން އެކަން މަނާކުރައްވައި ހުއްޓުވައި އެ ފަރާތްތަކާމެދުގައި ފިޔަވަޅު އެޅުއްވި ކަމަށްވެސް މުއައްރިޚުން ލިޔުއްވާފައިވެއެވެ. އެވަރުން ފުއްދަވައިނުލައްވައެވެ. ނާޞިރުގެ ބޮޑުވަޒީރުކަމުގައި ބޭއްވެވި ރަސްމީ ގިނަ ހަފުލާތަކެއްގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ފާމުދޭރި ކިލެގެފާނު ބައިވެރިކުރެއްވިއެވެ.

އަދި އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ފާމުދޭރި ކިލެގެފާނު ކޮޅުބަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ ކިލެގެފާނު ބަނދަރާ ހަަމައަށް ގެންދަވަނީ ނާޞިރުގެ ކާރުކޮޅުގައެވެ. ކާރު ދުއްވަވަން ޑުރައިވަރަކަށް އިންނަވަނީވެސް ނާޞިރެވެ. ކިލެގެފާނު މާލެ ވަޑައިގަތުމުން ގެކޮޅަށް ގެންދަވަނީވެސް ނާޞިރުގެ ކާރުކޮޅުގައެވެ. ފާމުދޭރި ކިލެގެފާނަށް ދައުލަތުން މުސާރަދެއްވައެވެ. ބޭސްފަރުވާއަށް ދައުލަތުން ޚަރަދުކުރައްވައެވެ.

ދެން އޮތީ ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލާމެދު ކަންކުރެވުނު ގޮތެވެ ވެރިކަމުގެ ތިންވަނަ ދައުރެއް އެ މަނިކުފާނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށް ވެރިކަން ދޫކޮށްލައްވައި އާއިލާއާއެކު ސިންގަޕޫރަށް ވަޑައިގަތެވެ. ދިވެހިރާއްޖޭގެ ކަންކަމާމެދު ބަސްފުޅު ވިދާޅުވުން އެކީ ހުއްޓަވައިލެއްވިއެވެ. އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނަށް އާޑަ ފުރައްސާރަކޮށް މާލޭގައި މުޒާހަރާކުރަން ފެށިއެވެ.

އެ ދުވަސްވަރު ހެދި ލަވަތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ. "ކަރުކުރު" ފަދަ ހުތުރު އިބާރާތްތައް ހިމަނައިގެން ހަދާފައިވާ ލަވަތައް މުޅި މާލޭގައި ދިޔައީ ގުގުރަމުންނެވެ. އެމަނިކުފާނަށް ހުތުރުހައި ނަންތައް ކިޔައި ލަވަކިޔައިގެން ފުއްދައިލީއެއް ނޫނެވެ. ބޮޑެތި ތުހުމަތުތަކުގައި ނާޞިރުގެ މައްޗަށް ޣައިރު ޙާޟިރުގައި ޝަރީޢަތެއް ހިންގައި އެމަނިކުފާނުގެ މުދާވެސް ދައުލަތަށް ނެގީއެވެ. އެތައް މަސައްކަތްޕުޅަކުން މިނިވަންކުރެއްވި ޤައުމުން އެ މަނިކުފާނަށް އެރުވީ ޚާއިނެއްގެ ލަޤަބެވެ. ޣައްދާރެއްގެ ދަރަޖައެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލު އިބްރާހީމް ނާޞިރު ދުނިޔެ ދޫކުރެއްވީ ސިންގަޕޫރުގައެވެ. ވެރިކަން ދޫކުރައްވައި ވަޑައިގެންނެވި ފަހުން ޤައުމަށް ވަޑައިނުގެންނަވައެވެ. އެ މަނިކުފާނުގެ އަގުހުރި ތަޖުރިބާއިން ފައިދާއެއް ދިވެހިންނަށް ނުލިބިއެވެ. އަމިއްލަ ވަޒަނުން، މިނިވަންކުރެއްވި ލޮބުވެތި ވަޠަނާ ދުރުގައެވެ.

މި ލިއުމާއި ގުޅޭ