Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނާސިރު

ރައީސް އިބްރާހީމް ނާޞިރު: މިނިވަންކަމުގެ އަގުހުރި ބަޠަލު، ތެދުވެރި ޤައުމީ ޝަޚުޞިއްޔަތެއް

މިއަދަކީ ދިވެހީން އިނގެރޭސި ދައުލަތުގެ ހިމާޔަތުން ނުކުމެ، މިނިވަންކަމާއެކު ހިންދެމިލައި ބައިނަލްއަޤުވާމީ ދުނިޔޭގައި ސިޔާދަތު ލިބިފައިވާ މުސްތަޤިއްލު ބައިވެރިއެއް ކަމުގައި ހިމެނުނުތާ 56 އަހަރު ފުރޭ މުނާސަބަތެވެ. މި މުނާސަބަތުގެ ޒިކުރާތަކާއި ހަދާންތައް ގުޅެނީ ޤައުމު މިނިވަންކުރެއްވުމަށް ގަދައަޅުއްވައި މަސައްކަތްކުރެއްވި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ރައީސް އިބްރާހީމް ނާޞިރާއެވެ. އެމަނިކުފާނުގެ ޝަޚުޞިއްޔަތާއި މިނިވަންކަމާއި އިސްތިޤުލާލަށްޓަކައި ކުރެއްވި މަސައްކަތްޕުޅަކީ މިއަދުގެ ދިރިތިބީންނަށް އިބުރަތެކެވެ. މިނިވަން ދުވަސް ފާހަގަކޮށް އިހުތިފާލުކުރާއިރު އެ މަތިވެރި ޝަޚުޞިއްޔަތުގެ މަތީން ހަދާންކުރުމަކީ މި މުނާސަބަތާ އެންމަ އެކަށީގެންވާ ކަމެވެ.

މޫތައް ގުޅިފައިވަނީ ސިޔާސަތާ

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ އާއިލީ މޫތައް ގުޅިފައިވަނީ ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ވަރުގަދަ ފުންނާބުއުސް އާއިލާތަކުގެ ތެރެއިން އެއް އާއިލާއާއެވެ. އެ ކިލެގެފާނުގެ ބައްޕާފުޅަކީ ވެލާނާގޭ މުޙައްމަދު ދީދީގެ އަޙްމަދު ދީދީއެވެ. ވެލާނާގެއަކީ ސިޔާސީ ގޮތުން އެ ދުވަސްވަރު މާލޭގެ އެންމެ ބާރުގަދަ ޚާންދާނުތަކުގެ ތެރެއިން އެއް ޚާންދާނެވެ.

އެ ކިލެގެފާނުގެ މައިފުށް ގުޅެނީ ދެކުނުގެ އެންމެ ވަރުގަދަ އަތޮޅު އަދި ރަށް ކަމުގައިވާ ފުވައްމުލަކާއެވެ. އެ ކިލެގެފާނުގެ މަންމާފުޅަކީ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ޢާއިޝަތު މޫސާ ދީދީއެވެ. ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެންބަރު 1926 ވަނަ އަހަރުގައެވެ.

ސުއްމުވުލްއަމީރު އިބްރާހީމް ނާޞިރުގެ ބައްޕާފުޅު ފަރާތުގެ މާމާފުޅަކީ އަތިރީގޭ ބޭކަނބަލެކެވެ. އެކަމަނާއަކީ ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާއި، ޢަބްދުލް ޙަމީދު އަފަންދީ އާއި އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުންގެ އެއްބަފާ ބޭކަނބަލެކެވެ. އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުންނަކީ ނާޞިރުގެ ކުރިން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްކަން ކުރެއްވި ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުންގެ ބައްޕާފުޅެވެ.

އެހެންކަމުން ނާޞިރަކީ ހުރިހައި ގޮތަކުންވެސް ސިޔާސީ ޚާންދާނަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ހުރިހައި ގޮތަކުންވެސް ވަރުގަދަ އާއިލާއަކުން ވަޑައިގެންނެވި ސިޔާސީ މުޙައްނިކެކެވެ.

ޤައުމީ ޝަޚުޞިއްޔަތެއް

ނާޞިރުގެ ސިޔާސީ ޙަޔާތްޕުޅު ފެއްޓެވުމާއެކު އެމަނިކުފާނު ފާހަގަވީ ޤައުމީ ޝަޚުޞިއްޔަތެއްގެ ގޮތުގައެވެ. "ނޭޝަނަލިސްޓިކް" ނުވަތަ ވަޠަނީ ޤައުމީ ބޭފުޅެއްގެ ގޮތުގައެވެ. އެއިރު ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގައި އޮތް އޮތުމާ ދެކޮޅު، ވޯރާ ވިޔަފާރިވެރިންގެ އިޤުތިޞާދީ ނުފޫޒާމެދު ކަންބޮޑުވެވަޑައިގަންނަވާ ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމުގެ ފަލްސަފާއަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

މަދުރަސަތުއް ސަނިއްޔާއިން ކިޔަވައިވިދާޅުވުމަށްފަހު އެ ކިލެގެފާނު ސިލޯނުން އިތުރަށް ތައުލީމު ހާސިލުކުރެއްވިއެވެ. އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ބަޔާންކުރައްވާފައިވާ ގޮތުން ސިލޯނުގައި ނާޞިރު ތައުލީމު ހާސިލުކުރެއްވީ ސެއިންޓް ލޯރެންސް ސުކޫލުންނެވެ. ތައުލީމު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ޤައުމީ ޚިދުމަތުގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ.

ސަރުކާރުގެ އެކި ފަންތީގެ ވަޒީފާތައް އަދާކުރެއްވުމަށްފަހު 1995 ވަނަ އަހަރުގައި މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައި ވަޒީރުންގެ މަޖިލީހުގައި ނާޞިރު ހިމެނިވަޑައިގަތެވެ. އެއިރު ބޮޑުވަޒީރަކީ ސުއްމުވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދާއިރާ ތަމްސީލުކުރެއްވީވެސް ނާޞިރެވެ. އަދި ވަގުތީ ގޮތުން ފިނޭންސް މިނިސްޓަރުކަމާއި ސިފައިންގެ ވެރިޔާގެ ނައިބުކަން ކުރެއްވިއެވެ. ދާޚިލީ ވަޒީރުގެ މަޤާމުގައިވެސް ހުންނެވިއެވެ.

ސިލޯނުގައި ފާމުދޭރި ކިލެގެފާނުން އިނގިރޭސި ދައުލަތާއެކު ހެއްދެވި އެއްބަސްވުމާއެކު، ނާޞިރު ވެވަޑައިގަތީ އެ އެއްބަސްވުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި އަޑުއުފުއްލެވި ޒުވާން މެންބަރަކަށެވެ. ރައްޔިތުންނާއި ބޮޑުންގެ ނުރުހުން އަމާޒުވެ، އެންމެފަހުން ފާމުދޭރި ކިލެގެފާނުން ބޮޑުވަޒީރުކަން ދޫކޮށްލެއްވީއެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި އެ ހިސާބަށް އެ ނުރުހުން ގެންދެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި މުދައްބިރަކީ ސުއްމުވުލްއަމީރު އިބްރާހީމް ނާޞިރެވެ.

ބޮޑުވަޒީރުކަން: މިނިވަންކަމަށް ކުރެއްވި މަސައްކަތް

ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވެރިކަމުން އިސްތިއުފާދެއްވުމާއެކު ބޮޑުވަޒީރުގެ މަޤާމު ހުސްވިއެވެ. އެ ކިލެގެފާނު އިސްތިއުފާ ދެއްވީ 11 ޑިސެންބަރު 1957 ވަނަ އަހަރުއެވެ. ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި އަލްއުސްތާޛު އިބްރާހީމް ޝިހާބު ހުށަހަޅުއްވައި މަޖިލީހުގެ މެންބަރުންގެ ފުރިހަަމަ ތާއީދާއެކު ސުއްމުވުލްއަމީރު އިބްރާހީމް ނާޞިރު ބޮޑުވަޒީރުކަމަށް އައްޔަންކުރެވުނެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދުގެ މައްޗަށް ހިނގަމުންދިޔައީ ވޯރާއިންގެ "ފޭރިކާ ވިޔަފާރި"އެވެ. ދައުލަތާއި ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ވޯރާއިންނަށް ދަރާފައެވެ. މުސްކުޅި ބަންޑާރައިންގެ ވެރިކަމުގައި 1857 ވަނަ އަހަރު ރާއްޖެއަށް އައި މި ވޯރާއިން މާލެއަށް ގަދަކުރެއްވީ ދިވެހި ބޮޑުންގެ ތެރެއިން ކަކާގޭ އަލީ ރަންނަ ބަނޑޭރި ކިލެގެފާނުން ކަމަށް ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވެއެވެ.

ވޯރާއިންގެ ނުފޫޒު ކުޑަކުރެއްވުމުގެ މަސައްކަތަކީ ނާޞިރުގެ ކުރިން ސުއްމުވުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ފައްޓަވާފައިވާ މަސައްކަތްޕުޅެކެވެ. އަމީންދީދީ ފެއްޓެވި މަސައްކަތްޕުޅު އިތުރު ދަރަޖައަކަށް ގެންދަވައި އިތުރަށް ވަރުގަދަކުރައްވައި، ދިވެހިރާއްޖެއަށް ވިޔަފާރިއާއި އިޤުތިޞާދުގެ މިނިވަންކަން ހޯއްދަވައިދެއްވުމުގެ މަސައްކަތް ނާޞިރު ފެއްޓެވީ ވެރިކަމަށް ވަޑައިގެންނެވިތާ އަހަރު ދުވަސް ފަހުންނެވެ. އެއީ 1959 ވަނަ އަހަރުގައެވެ. 105 އަހަރު ދުވަހެއްހައި މުއްދަތަކަށް ދިގުލައިގެން ދިޔަ ވޯރާއިންގެ ދުއްތުރާއިން ދިވެހި ޤައުމު މިންޖުކުރެއްވުމުގެ މަސައްކަތްޕުޅު، 1962 ވަނަ އަހަރުގައި ނާޞިރު ކާމިޔާބުކުރެއްވިއެވެ.

އިޤުތިޞާދު މިނިވަންކުރެއްވުމާއެކު ނާޞިރުގެ އަމާޒު ދެން ބަދަލުކުރެއްވީ ދިވެހިރާއްޖެއަށް ޚާރިޖީ މިނިވަންކަން ހޯއްދަވައިދެއްވުމަށެވެ. ދިވެހި ރާއްޖެ އިނގެރޭސިންގެ ހިމާޔަތުގައި އޮތް ނަމަވެސް އަމިއްލަފުޅަށް ޚާރިޖީ ސިޔާސަތެއް ބިނާކުރައްވައި ތަންފީޒުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެކަންވީ އިނގިރޭސިންނަށް ތަހައްމަލުކުރަން ދަތިވި ކަމަކަށެވެ.

އެކަމުގެ ތެރެއިން އިނގިރޭސީން އަޑީގައި ތިބެގެން ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި ވަކި ދައުލަތެއް އިއުލާނުކުރިއެވެ. ނާޞިރު އެ މައްސަލަ ހައްލުކުރެއްވީ ބާރުގެ ބޭނުންކުރައްވައިގެންނެވެ. އެކަމުގައި ނާޞިރު ބާރުގެ ބޭނުންކުރެއްވުމުން އިނގިރޭސި ދައުލަތުން ހިތްހަމަނުޖެހިގެން ބަޔާނެއްވެސް ނެރުނެވެ. އެ ގަޑުބަޑުގައި އެންމެ އިސްކޮށް އުޅުއްވި ޢަބްދުﷲ ޢަފީފު ދިވެހި ދައުލަތުގެ އެނގުމެއް ނެތި އިނގިރޭސި މަތިންދާ ބޯޓެއްގައި ބޭރަށް ގެންދިޔަ ހިސާބުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ނާޞިރު ގެންދެވިއެވެ.

މިކަމުގައި ނާޞިރު މަސައްކަތްކުރެއްވި މިންވަރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ މިނިވަންކަން ހޯދުމަށް އިނގިރޭސީންނާއެކު ކުރެވުނު މަޝްވަރާތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި، އެއިރު ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަލްމަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ.

ހަވީރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވި ގޮތުގައި ނާޞިރު ކުރެއްވި މިންވަރަށް މަސައްކަތް ނުކުރެއްވިނަމަ އެ ދުވަސްވަރު އެހައި އަވަހަށް ދިވެހިރާއްޖެއަށް މިނިވަންކަން ނުލިބުނީހެވެ. މަޝްވަރާތައް ކުރެވެމުންދިޔައިރު ކޮންމެ ދުވަހަކު ކުރެެވޭ މަޝްވަރާތައް އެ ދުވަހެއްގައި ބައްލަވައި އެކަމުގައި އިތުރަށް އަޅާންވާ ފިޔަވަޅުުތަކާއި ދައްކަވާންވީ ވާހަކައާއި ދެއްވާންވީ ޖަވާބު ނާޞިރު ވިދާޅުވެދެއްވާ ކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ނާޞިރުގެ ބުރަ މަސައްކަތްޕުޅާއި ހިކުމަތު އަމަލީއާއި ދިވެހިންގެ ހިތްވަރުގެ ނަތީޖާއަކަށްވީ 1965 ވަނަ އަހަރު ދިވެހިންނަށް މިނިވަންކަން ލިބުމެވެ.

މިނިވަންކަމަށް ކުރި ދަތުރުން ބައެއް އުސްއަލިތައް

އިނގިރޭސި ހައި ކޮމިޝަނަރު އެލެގްޒެންޑާ މޯލީ އަޑުއައްސަވަން އިންނެވި ބައްދަލުވުމެއްގައި އިނގިރޭސިން ހުށަހެޅި ގޮތަށް އައްޑޫގެ ގަމާއި ހިތަދޫން ބައެއް 100 އަހަރަށް އިނގިރޭސިންނަށް ދިނުމާ ދިވެހިރާއްޖެ ދެކޮޅުކަން ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން ދައްކުވައިދިނީ 1958 ވަނަ އަހަރުގައެވެ. ނާޞިރުގެ ޤިޔާދަތުގައެވެ.

1962 ވަނަ އަހަރު ދިވެހިންގެ މިނިވަންކަމުގެ ޙައްޤު ހޯދުމަށް ދިވެހި އަންހެނުން މާލެ މަގުތަކަށް ނުކުމެ އިނގިރޭސިންގެ ސިޔާސަތުތަކާ ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށް އަޑު އުފުލިއެވެ. މި މުޒާހަރާތައް އިންތިޒާމުކުރުމުގައި އިރުޝާދުދެއްވި އާރުކާޓީއަކީ ޤާއިދުލް އަޢުޡަމް އިބްރާހީމް ނާޞިރެވެ.

ހުޅުލޭގައި 1960 ގައި އިނގެރޭސިން ދަގަނޑު ފިލާތަކެއް އަޅަިއގެން ހެދި ރަންވޭއަށް ލަންކާއިން ދަތުރުކުރި ވަފުދެއް އައި މަތިންދާބޯޓު ތިރިކުރުމުގެ ހުއްދަ ނުދިނުމާއެކު ދިވެހި ސަރުކާރުން އެއާޕޯޓެއް ތަރައްޤީކުރަން ނިންމިއެވެ. ދިވެހި ދައުލަތުގެ ޚަރަދުގައި ދިވެހިންގެ އަތްތަކުން، ދިވަހި ހަށިތަކުން ދަައު އޮހޮރުވައިގެން ދިވެހިންގެ އެއާޕޯޓު ތަރައްޤީކުރިއެވެ. މަސައްކަތް ވިލަރެސްކުރައްވައި އަމަލީ ގޮތުން މަސައްކަތް ހިންގެވި މޭސްތެރިއަކީ އިބްރާހީމް ނާޞިރެވެ.

މިހުރިހާ ކަމެއް ނިމިގެންދިޔައީ ދިވެހިރާއްޖެއަށް ފުރިހަމަ މާނާގައި މިނިވަންކަން ލިބިގެންނެވެ. ދިވެހި ދައުލަތަކީ ސިޔާދަތު ލިބިފައިވާ މުސްތަޤިއްލު ދައުލަތެއް ކަމުގައި ވެގެންނެވެ.

ނާޞިރުގެ ޚިދުމަތާއި އެމަނިކުފާނާމެދު ކަންވީ ގޮތް

މިނިވަންކަން ހޯއްދަވައިދެއްވުމަކީ ނާޞިރުގެ ޚިދުމަތްތަކުގެ ދިގު ލިސްޓުން އެންމެ އަގުހުރި އެއްވަނަ ދަރަޖައިގެ ޚިދުމަތެވެ. އިނގިރޭސި ތައުލީމު ފައްޓަވައި މަސް އުޅަނދުތަކުގައި އިންޖީނު އަޅުއްވައި، މަސް ބަންދުކުރާ ކާރުޚާނާއެއް ޤާާއިމުކުރައްވައި، ފަތުރުވެރިކަން ފައްޓަވައި ޝިޕިން ލައިން ޤާއިމުކުރައްވައި ރާއްޖޭގެ ތަރައްޤީގެ އަސާސީ ބިންގާތައް ފުރިހަމަކުރެއްވީ ނާޞިރެވެ.

ސްކޮލާޝިޕްތައް ތައާރަފުކުރައްވައި އިސްލާމީ ތައުލީމާއި އިނގިރޭސި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި ދަރިންނަށް ނާޞިރު ހޯއްދަވައިދެއްވިއެވެ. އިތުރަށް ހުނަރުތައް ތަރައްޤީކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރޯފިލުވާ ކޯހަކަށް އޮސްޓްރޭލިއާއަށް ގިނަ ދިވަހިނ ފޮނުއްވައި އިތުރަށް ތަމްރީންކުރެއްވިއެވެ.

ރޭޑިޔޯގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެއްވިއެވެ. ކޭބަލް އެންޑް ވަޔާލެސް ގެންނަވައި ރާއްޖޭގެ މުވާސަލާތީ ޚިދުމަތްތައް ފެއްޓެވިއެވެ. ބޭންކްތައް ޤާއިމުކުރައްވައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަދި ޙަބީބު ބޭންކު ރާއްޖެއަށް ގެންނެވިއެވެ. ޤައުމީ ލަވައާ އެއްގޮތަށް ދިވެހި ދިދަ ބަދަލުކުރެއްވިއެވެ.

މިއަދު ދިވެހިން މިދެކޭ ޒަމާނީ ދިވެހިރާއްޖެއަކީ ނާޞިރު ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާ ކަމުގައި ބުނުމަކީ ދޮގެއް ނޫނެވެ. ވެރިކަމުގެ ދެ ދައުރު ފުރިހަމަކުރެއްވިއިރު ޒަމާނީ ދައުލަތެއްގެ އުންސުރުތައް އެމަނިކުފާނުވަނީ ފުރިހަމަކޮށްދެއްވާފައެވެ.

ނާޞިރަށް ތިންވަނަ ދައުރެއް އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށް އެމަނިކުފާނު ވެރިކަމުގައި އިތުރަށް ނުހުންނަވަން ނިންމެވީއެވެ. ދައުރު ނިމުމުން އާއިލާއާއެކު ދިވެހިރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަތީއެވެ.

އެމަނިކުފާނު ވަޑައިގަތުމުން ވެރިކަމާ ހަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ ރައީސްކަން އެންމެ ދިގު މުއްދަތަކަށް ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރައީސް ނާޞިރުގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް އެޅުވިއެވެ. މާލޭގެ މަގުތަކަށް އާންމުން ނުކުމެ ނާޞިރަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި، ހަޑިހުތުރު ލަވަތައް އެ ކިލެގެފާނަށް ނިސްބަތްކޮށް ހަދައިގެން ކިޔައި އުޅުނެވެ. އެހައި ހުތުރު ސިފަތަކަށް ނާސިރު ސިފަކޮށް ކުރެހުންތައް ކުރަހައި އާންމުކުރިއެވެ.

އެންމެ ފަހުން ބޮޑެތި ތުހުމަތުތަކުގައި ރައީސް ނާޞިރުގެ މައްޗަށް ދައުވާ އުފުލައި އެ ކިލެގެފާނުގެ މުދާ ދައުލަތަށް ނެގީއެވެ. އެ ކިލެގެފާނު ދުނިޔެ ދޫކުރެއްވީ ސިންގަޕޫރުގައެވެ. ދިވެހިރާއްޖެއަށް އަނބުރާ ވަޑައިނުގަންނަވައެވެ. އަވަހާރަވުމުން އެ ކިލެގެފާނުގެ ހަށިކޮޅު ރާއްޖެއަށް ގެނެސް ފަސްދާނުލެވުނީ ރަސްމީ ޢިއްޒަތުގައެވެ. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ ކިލެގެފާނަށް "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" އެރުވީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ.

ޒުވާން ޅެންވެރިޔާ އަޙްމަދު ޖަދުޢާން ވިދާޅުވެފައިވާ ފަދައިން މިއަދު ނާޞިރަށް އޮތީ ސަލާމެވެ. ލޯތްބާއި އިހުތިރާމެވެ. ހެޔޮ ދުޢާއާއި ޤަދަރެވެ.

"ވަޔާއޭ އެންމެހޮޔޮ ޒިކުރާ ޙަވާލޭ ގެންދާށެ މާތް އަރިހަށް

ނަޔާ މިނިވަންކަމުގެ ޣާޒީ ރައީސް ނާސިރުގެ މާތް އަރިހަށް"

މި ލިއުމާއި ގުޅޭ