ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ސިޔާސީ ލީޑަރުންނަށް ޖާސޫސުކޮށް އެ މީހުންގެ މުއާމަލާތްތައް ބެލުމަށް އިސްރާއީލުން ތައްޔާރުކުރި ޖާސޫސީ ސޮފްޓްވެއާ ބޭނުންކޮށްގެން ފުރާންސުގެ ރައީސް އެމަނުއޭލް މެކްރޯންއަށް ޖާސޫސު ކުރިކަމަށް އެގައުމުގެ މީޑިއާއަކުން ރިޕޯޓު ކޮށްފިއެވެ.
ފުރާންސުގެ މީޑިއާއެއް ކަމަށްވާ ލެ މޮންޑޭ އިން ހާމަކޮށްފައިވާ ގޮތުގައި، އެ ސޮފްޓުވެއާ ބޭނުންކޮށްގެން ޖާސޫސުކުރި މީހުންގެ ތެރޭގައި، ފުރާންސުގެ ރައީސް 2017 ވަނަ އަހަރުން ފެށިގެން ބޭނުންކުރި ފޯނު ނަންބަރެއް އޮތް ކަމަށާއި، ފުރާންސުގެ ރައީސަށް ޖާސޫސު ކޮށްފައިވަނީ މޮރޮކޯއިން ކަމަށެވެ.
ޑާޓާ ލީކަކާ ގުޅޭ ގޮތުން ވޮޝިންޓަން ޕޯސްޓާއި ގާޑިއަން އަދި އިތުރު 15 މީޑިޔާއެއް އެކުވެގެން ހިންގި ތަހުގީގަށްފަހު، ބައެއް ތަފުސީލު ހާމަކުރަމުން ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ ސަރުކާރުތަކުން ޕެގަސަސް ނަމަކަށްކިޔާ ސޮފްޓުވެއާ ބޭނުންކޮށްގެން 37 ސްމާޓުފޯން ހެކުކޮށްފައިވާ ކަމަށް ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މިގޮތުން، އެންއެސްއޯގެ ކުލައިންޓުން ޝައުޤުވެރިވާ 50،000 ފޯނު ނަންބަރު ހިމެނޭ ކަމަށް ވެއެވެ.