Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

ސީސީގެ ވެރިކަމުން މިޞްރުގެ އެންމެ ބޮޑު އެއް ވިޔަފާރި އާއިލާއަށް ދެމުންދާ އަނިޔާ

ޞަފްވާން ޘާބިތަކީ މިޞްރުގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާއެވެ. އޭނާގެ އާއިލީ ކުޑަ ވިޔަފާރިއަކީ މިޞްރުގެ އެންމެ ފެންވަރު ރަނގަޅު ކިރުގެ އުފެއްދުންތަކާއި ބުއިންތައް އުފައްދާ ކުންފުނި ޖުހައިނާއެވެ. އޭނާއަކީ މިޞްރުގެ ވެރިކަމަށް އަދި އިޖުތިމާޢީ ދިރިއުޅުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުން ނޭދެވޭ އަސަރެއް ނުކޮށް ސަލާމަތްވި ވިޔަފާރިވެރިއެކެވެ.

ނަމަވެސް މިހާރު އޭނާގެ ކުންފުނި ޖުހައިނާ ފުޑް އިންޑަސްޓްރީސްއަށް އޮތީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ. އުމުރުން 75 އަހަރުގެ ޞަފްވާން ހައްޔަރުކޮށް ޤާހިރާގެ މަޝްހޫރު ޖަލެއް ކަމުގައިވާ ތޯރާ ޖަލަށްވަނީ ލާފައެވެ. ޑިސެންބަރުގައި އޭނާ ހައްޔަރުކުރީ ޓެރަރިސްޓު ޖަމާޢަތަކަށް ޚަރަދުކުރާ ކަމަށް ތުހުމަތުކޮށެވެ.

ޤާހިރާގެ މާލީ ބާޒާރުގައި ލިސްޓުކޮށްފައިވާ ޖުހައިނާއަކީ ބައިނަލްއަޤުވާމީ އިންވެސްޓުމެންޓު ފަންޑުތަކުން އިންވެސްޓުކޮށްފައިވާ ކުންފުންޏެކެވެެ. އެ ކުންފުނި ހިންގުމާ ޞަފްވާނަށް ފަހުގައި ހަވާލުވީ އޭނާގެ ދަރިފުޅެވެ. ސައިފުއްދީން ޘާބިތު އެ މަޤާމާ ހަވާލުވިތީ ކުޑަ ދުވަސްކޮޅެއް ފަހުން ފާއިތުވި ފެބްރުއަރީ މަހުގައި އޭނާގެ ބައްޕައަށް ކުރި ތުހުމަތުތައްކޮށް ހައްޔަރުކޮށް ޖަލަށްލާފައިވެއެވެ.

ޘާބިތު އާއިލާގެ 51 އިންސައްތަ ހިއްސާ އޮންނަ ކުންފުނީގެ ވިޔަފާރިއަށް ވަމުން އަންނަ ގޮތް، އިންވެސްޓަރުންނާއި ބޭންކުތަކާއި އެ ކުންފުނީގެ މުދާ ގަންނަ ފަރާތްތަކަށް ކިޔައިދޭން ޑައިރެކްޓަރުންނަށްވަނީ މަޖުބޫރުވެފައެވެ. އެ ކުންފުނީގެ 4،000 މުވައްޒަފުން ތިބީ އެ މީހުންގެ މުސްތަޤުބަލު އޮންނާނެ ގޮތާމެދު ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

އިޚުވާނުލް މުސްލިމޫންގެ ވެރިކަން އަސްކަރީ އިންޤިލާބަކުން ބަދަލުކޮށް ވެރިކަމަށް ވަޑައިގެންނެވިފަހުން މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ ގެންގުޅުއްވާ ސިޔާސަތުގެ ގޮތް ނޭނގުމާއި މުސްތަޤުބަލުގައި ކަންކުރައްވާނެ ގޮތް ނޭނގޭ ނޭނގުމުގެ މިސާލެއް ކަމުގައި ޘާބިތުގެ ޢާއިލާއަށް ކުރިމަތިވި ގޮންޖެހުން ގިނަ މުހައްލިލުން ފާހަގަކުރައްވައެވެ. ސީސީ ގެންދަވަނީ ޓެރަރިޒަމުގެ ތުހުމަތުގައި އެކަޑެމިކުންނާއި ނޫސްވެރިންނާއި ވިޔަފާރިވެރިން ގިނަ އަދަދަކަށް ހައްޔަރުކުރައްވަމުންނެވެ.

އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގޮންޖެހުމަކަށްވާނެހެން ސީސީ ގެންދަވަނީ މިޞްރުގެ އިޤުތިޞާދުގައި އަސްކަރިއްޔާގެ ދައުރު ފުޅާކުރައްވަމުންނެވެ. ހުރިހާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރިތަކަށް ވާދަކުރަން މަޖުބޫރުވެފައިވަނީ ދައުލަތުގެ އެންމެ ބާރުގަދަ މުއައްސަސާއާއެވެ.

އެންކޭސީ އެފްރިކަމް އިކޮނޮމިކްސްގެ އެންމެ އިސް ޕޮލިޓިކަލް އިކޮނޮމިސްޓް ފްރެންކޯއީ ކޮންރައިޑެ ވިދާޅުވީ މިއީ އިންވެސްޓަރުންނަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ހިއްސާގެ ބާޒާރުގައި ޖުހައިނާގެ ހިއްސާއަކީ އެންމެންވެސް ގަޔާވާ ހިއްސާއެއް ކަމަށާއި، އެ ކުންފުންޏަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މިޞްރުގެ ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރުމުގެ ޝައުޤުވެރިކަން ނެތިގެންދާނެ ކަމަށެވެ. ފްރެންކޯއީ އިތުރަށް ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން މިޞްރުގައި ވިޔަފާރިތައް ޤާއިމުކުރުމުގެ ޝައުޤުވެރިކަން އެކީ ނެތިގެންދާނެ ކަމަށެވެ.

ޞަފްވާން ޘާބިތުގެ ބައްޕަ އަދި ކާފައަކީ އިޚުވާނުލް މުސްލިމީންގެ ދެ މެންބަރުން ކަމުގައިވީ ނަމަވެސް އޭނާގެ ޢާއިލާއިން ބުނެފައިވަނީ ޞަފްވާނާ އިޚުވާނުންގެ މެދުގައި އެއްވެސް ގުޅުމެއް އެއްވެސް އިރެއްގައި ނެތް ކަމަށެވެ. އަދި އޭނާއަކީ ސިޔާސީ ކަންކަމަށް އަދި ސިޔާސީ ޕާޓީތަކަށް އެއްވެސް މިންވަރެއްގެ ޝައުޤެއް ބަހައްޓާ މީހެއް ނޫން ކަމަށްވެސް އެ އާއިލާއިން ބުންޏެވެ.

މި ލިއުމާއި ގުޅޭ