އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ހާއްސަ 8000 އެނދު ޤާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެކަން ކުރައްވަން ގަސްތުކުރައްވާ ގޮތެއް، އެމަނިކުފާނު މިހާތަނަށް ހާމަކުރައްވާފައި ނުވެއެވެ.
އެހެން ނަމަވެސް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިވަނީ ކުރިއަށް އޮތް 2 އަހަރު ތެރޭގައި އައްޑޫ ސިޓީގެ ފަތުރުވެރިކަން ފުޅާކޮށް އެ ސިޓީގައި 8000 އެނދު ޤާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޮންލައިން ނޫސް "އަވަސް" އަށް ދެއްވި ބަސްދީގަތުމެއްގައި ނިޒާރު ވިދާޅުވީ، ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް، މިހާރު އެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އަދި، ހަންކެޑެ ރިސޯޓަށްވެސް 1000 އެނދު އިތުރުވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"އޭގެ އިތުރުން ހިތަދޫ ޓުއަރިޒަމް ޒޯން، ފޭދޫ ޓުއަރިޒަމް މަރަދޫ ޓުއަރިޒަމް ޒޯންގެ އަމަލީ މަސައްކަތް އެބަދޭ ކުރިއަށް. އެއީ ގާތް ގަނޑަކަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ 1200 އެނދު،" ނިޒާރު ވިދާޅުވެފައިވެއެވެ.
އަދި މި ކަންކަމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި، 2 އަހަރު ތެރޭގައި އެނދުތައް ފެންނަން ފަށާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި އެގޮތުން 8000 އެނދަށް ކަނޑައެޅި އަމާޒަށް ވާސިލު ވާނެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.
2 އަހަރުތެރޭގައި 8000 އެނދު އެޅޭނެ ކަމަށާއި ހަމައެކަނި ހަންކެޑެ ރިސޯޓުގައިވެސް 1000 އެނދު ހުންނާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. އެކަމަކު މިއީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ކަމަށް ޤަބޫލު ނުކުރެވެއެވެ.
މިސާލަކަށް ހަންކެނޑެ ސަރަހައްދުގައި 1000 އެނދު ޤާއިމް ކުރެވޭވަރަށް ބިމުގެ ޖާގަވެސް ނެތެވެ. ރާއްޖޭގެ ބިމުގެ ނިސްބަތުން އެންމެ ބޮޑު އެއް ރިސޯޓަކީ އައްޑޫގައި އޮންނަ ކެނަރީފް ރިސޯޓެވެ. އެ ރިސޯޓުގައިވެސް މުޅި އެކު ހުންނަނީ 542 އެނދެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ އެނދު ގިނަ އެއް ރިސޯޓު ކަމަށްވާ ސަން އައިލޭންޑް ރިސޯޓުގައިވެސް 1000 އެނދު ހަމަނުވެއެވެ. އަދި ދާދި ފަހުން ތަރައްޤީކުރި ބޮޑު ރިސޯޓެއް ކަމަށްވާ އޮޅުވެލީގައި ވެސް ހުންނަނީ 654 އެނދެވެ.
ހަންކެޑެ ސަރަހައްދުގައި ހުންނަނީ ގާތްގަނޑަކަށް 3.2 ހެކްޓަރެވެ. ސަން އައިލޭންޑުގައި 45 ހެކްޓަރު ހުންނަ އިރު ޝަންގްރިއްލާގައި ހުންނަނީ ގާތްގަނޑަކަށް 50 ހެކްޓަރެވެ. މި ދެ ރިސޯޓުގައިވެސް 1000 އެނދު ހަމަނުވާއިރު ހަންކެޑެ ސަރަހައްދުގައި 1000 އެނދު ޤާއިމް ކުރެވޭނީ ކިހިނެއް ކަމެއް ނޭނގެއެވެ.
އަދި 2 އަހަރު ތެރޭގައި މުޅި އައްޑޫ ސިޓީގައި 8000 އެނދު ޤާއިމް ކުރާނެ ކަމަށް ނިޒާރު ވިދާޅުވިއިރު، ރާއްޖޭގެ ފަތުރުވެރިކަން އެންމެ ކުރިއަރާފައިވާ އަތޮޅު ތަކުގައިވެސް އަދިވެސް 8000 އެނދު ހަމަނުވެއެވެ. މާލެ އަތޮޅު ފިޔަވައި އެންމެ ރިސޯޓު ގިނަ އދ. އަތޮޅުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ހުރީ 4676 އެނދެވެ. އެއީ 17 ރިސޯޓާއި، 48 ގެސްޓް ހައުސް އެއްކޮށްގެން ވާވަރެވެ.
މާލެ އަތޮޅަށް ބަލާއިރު އެ އަތޮޅުގައި 2018 ގެ ނިޔަލަށް 47 ރިސޯޓު އޮޕަރޭޓުކުރަމުން ދިޔައެވެ. އެ ހުރިހާ ރިސޯޓުތަކުގެ ޖުމްލަ އެނދުގެ އަދަދަކީ 10،568 އެވެ. މިއީ އެތައް ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓްތަކެވެ. އަދި މިއީ ފަތުރުވެރިކަން ރާއްޖޭގައި ފެށުނީއްސުރެ މިއަދާއި ހަމައަށް މުޅި ޖުމްލަ ޤާއިމް ކުރެވުނު އަދަދުކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީއަށް ބަލާއިރު އެ ސިޓީގައި މިވަގުތު ހުރީ ފަތުރުވެރިކަމުގެ ބޭނުމަށް ހާއްސަ 1174 އެނދެވެ. މާލެ އަތޮޅު ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގެ ޖުމްލަ އެނދުގެ އަދަދު 5000 އަށްވެސް އަދި ނާރައެވެ. އެހެން ކަމުން އެންމެ 2 އަހަރު ތެރޭގައި އައްޑޫ ސިޓީގައި 8000 އެނދު ޤާއިމް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތަށް ވާހަކަ ދައްކާ ބަޔަކު ދައްކަނީ ސީދާ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ.