އިންޑިޔާގެ ޑިޕިއުޓީ ހައިކޮމިޝަނަރާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހުން ޝާއިއުކުރި ލިޔުމަކާ ގުޅިގެން ނޫހާމެދު ފިޔަވަޅުއެޅުމަށް ކުރަމުންދާ މަސައްކަތާމެދު ދިވެހިރާޖޭގެ އެޑިޓަރުންގެ ގިލްޑުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމްއިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ނެރޭ ނޫސްތަކަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނެރޭ ނޫސްތަކެއް ކަމުގައިވާތީ އެއިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކާމެދު އިންޑިޔާ ހައިކޮމިޝަނުގެ ނުތަނަވަސްކަމެއް އޮތް ކަމުގައިވަނީނަމަ އެ މައްސަލައެއް ޚާރިޖީވުޒާރާއަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެކަމެއް ބަލައިދިނުމަށް ކަމާ ގުޅޭ މުއައްސަސާއެއްގައި އެދޭނީ ފޮރިން މިނިސްޓްރީން ކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ މައްސަލަ އެންމެ ފުރަތަމަ އިންޑިޔާ ހައިކޮމިޝަނުން ހުށަހެޅީ ފޮރިން މިނިސްޓްރީއަށް ކަމުގައިކަން ފާހަގަކުރަމުން އެ ޖަމްޢިއްޔާއިން ބުނީ، ފަހުން އިންޑިޔާ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މުޤައްރިރު ރޮޒައިނާ އާދަމަށް އަމިއްލައަށް ގުޅުއްވައި އެ މައްސަލަ ބައްލަވަން އެދިވަޑައިގަތުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ 41 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައި އެ ޖަމްޢިއްޔާއިން ދެކޭ ކަމަށެވެ.
ހަމައެހެންމެ އެފަދައިން ގުޅުމަކީ ވިއެނާ ކޮންވެންޝަނާ ޚިލާފަށް ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުންޏެވެ. އަދި ރޮޒައިނާގެ ބަހުން ޑިޕްލޮމެޓް ސީދާ އޭނާއަށް ގުޅުއްވިކަން ސާފު ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
އެ ޖަމްޢިއްޔާއިން އިތުރަށް ބުނީ އިންޑިޔާ ހައިކޮމިޝަނުގެ ނައިބު ގުޅުއްވުމުން ރޮޒައިނާ އަމިއްލައަށް ކޮމިޓީގެ ނަމުގައި އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުގައި އެދިވަޑައިގަތުމަކީވެސް ޑިމޮކްރަސީގެ އުސޫލުތަކާ ބީރައްޓެހި ކަމެއް ކަމަށެވެ. އަދި ކައުންސިލަށް މައްސަލަ ބެލުމަށް އެކަށީގެންވާ ފުރުސަތު ނުދީ މަޖިލީހުގެ ކޮމިޓީއަށް ކައުންސިލު ހާޒިރުކުރުމަކީވެސް ސީދާ ކައުންސިލަށް ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ބަލަންޖެހޭ މައްސަލައެއް ފުލުހަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ބުނުމަކީވެސް އެ ޖަމްޢިއްޔާއިން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އެ ގިލްޑުން އެދިފައިވަނީ މީޑިޔާއެއްގައި ޝާއިއުކުރާ ޚަބަރަކާ ގުޅިގެން ކަންބޮޑުވުމެއް އޮތްނަމަ އެކަމެއް މީޑިޔާ ކައުންސިލުން ބެލުމެވެ. އަދި އަމިއްލައަށް ބާރުގެ ބޭނުންކޮށްގެން މައްސަލައަށް ވާސިލުވާން އުޅުމަކީ ތަހުޒީބީ ހަމައެއް ކަމުގައި ނުދެކޭ ކަމަށާއި، ރާއްޖެއިން ބަލައިގަނެފައިވަނީވެސް އެގޮތް ނޫން ކަމަށް ގިލްޑުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް މީޑިޔާތަކަށް އިލްތިމާސްކުރުމާއެކު ޚަބަރު ގެނެސްދިނުމުގައި ބެސްޓް ޕްރެކްޓިސްއަށް އަމަލުކުރުމަށާއި، ބޭރުގެ ޑިޕްލޮމެޓެއްގެ ޚަބަރު ގެންނަނަމަ އެ ޚަބަރެއް ގެނައުމުގައި ވިއެނާ ކޮންވެންޝަނުގެ 29 ވަނަ މާއްދާއަށް ރިއާޔަތްކުރުމަށް އެ ގިލްޑުން ނޫސްވެރިންނަށާއި ނޫސްތަކަށް އިލްތިމާސްކޮށްފައިވެއެވެ.