Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ ހެލިކޮޕްޓަރ އެއްބަސްވުން

ހެލިކޮޕްޓަރުތަކާއި ގުޅޭ ގޮތުން ޝަމާލު ހެއްދެވީ އިތުރުފުޅުކަން ހާމަވާ ސިޓީތަކެއް!

ހެލިކޮޕްޓަރާއި ގުޅޭ ގޮތުން ޝަމާލު ހެއްދެވީ އިތުރުފުޅުކަން ވަނީ ހާމަވެފައި.

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެއްބަސްވުމުގެ ޑްރާފްޓެއް ލީކު ވުމާއި ގުޅިގެން އެއީ ބަޔަކު ހަދާފައިވާ އެއްޗެއް ކަމަށް ބުނެ އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު 16 މާޗު 2021 ގައި ނޫސްވެރިންނާއި ބައްދަލުކުރެއްވިއެވެ.

އެދުވަހު ޝަމާލު ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ދިވެހި ދައުލަތުން ބޭނުންވި ކޮންމެއިރަކުވެސް ބާތިލުކޮށްލެވޭނެއެވެ. އެކަމާއި ގުޅިގެން އެދުވަހު "ދިޔަރެސް" އިން ވަނީ އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓު ކުރުމަށް ހެދިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުންތައް އާނުކޮށް ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ކުރީ ސަރުކާރުން އެންގުމުން އެކަން އިންޑިއާ އިންކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅިގެން އެފަދަ ކަމެއް ދިމާވެދާނެތޯ އެ ދުވަހު "ދިޔަރެސް" އިން ސުވާލު ކުރިއެވެ.

އެ ސުވާލުގެ ޖަވާބުގައި ޝަމާލު ވިދާޅުވީ އޭރު އެއްބަސްވުން ބާތިލު ނުކުރެވުނީ ކަމަށް ޤަބޫލުކުރަން ބޭނުންފުޅު ނުވާކަމަށެވެ. އަދި އިންޑިއާ ސިފައިން ހެލިކޮޕްޓަރާއި އެކު ދާށޭ ބުނުމުން ނުދެވުނީ ކަމަށް ޤަބޫލު ނުކުރައްވާކަމަށް ޝަމާލު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލު ކުރާކަށް ބޭނުމެއް ނުވޭ މި ނުކުރެވުނީކަމަށް. އެގްރީމެންޓެއް ބާތިލް ނުކުރެވުނީކަމަކަށް. ދާށޭ ބުނީމަ ނުދެވުނީ ކަމަކަށް. އެހެންވެއްވެއްޖިއްޔާ މިއީ ކީއްކުރަން ތިބިބައެއްތޯ ސިފައިންނަކީ. އޭރުވެސް ސިފައިން ބޭނުންކޮށްގެން ބާތިލު ކުރަންވީ ނޫންތޯ. ކީއްވެތޯ ނުކުރީ." ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން ޝަމާލު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާލު ވިދާޅުވީ ސަރުކާރުން ކެރިގެން އޭރު ކެރިގެން ހެލިކޮޕްޓަރު އެއްބަސްވުން ބާތިލު ކުރަން ނުކުންނެވި ނަމަ އެއްބަސްވުން ބާތިލު ކުރެވުނީސް ކަމަށެވެ. އަދި ރާއްޖެ އަކީ މިނިވަން ދައުލަތެއް ކަމަށާއި އެހެން ކަމުން އެކަން އޭރު ކުރެވުނީސް ކަމަށް ޝަމާލު ވިދާޅުވިއެވެ.

އަޅުގަނޑު ނުވެސް ދެކެން ލިޔުމެއް މިތަނުން ފުރައިގެން ދާށޭ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިޔުމަށް އިންޑިއާއަށް ރަސްމީކޮށް އަންގާފައެވެ. އަދި އޭރު ރާއްޖޭގެ ނޫސްތަކުންނާއި އިންޑިއާގެ ނޫސްތަކުންވެސް އެކަން ރިޕޯޓުކުރިއެވެ. އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ ލިޔުމެއް ދެކެފައި ނުވާކަމަށް ޝަމާލު ވިދާޅުވި ނަމަވެސް، ސަރުކާރުން އޭރު އިންޑިއާ އެމްބަސީ އާއި ލިޔުމުން ކުރެވުނު ބައެއް މުއާމަލާތްތަކުގެ ކޮޕީ "ދިޔަރެސް" އަށް ވަނީ ލިބިފައެވެ.

މިގޮތުން އެންމެ ފުރަތަމަ 22 އޭޕްރިލް 2018 ގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ފޮނުވި ނޯޓެއްގައި ވަނީ، އިންޑިއާ އިން އައްޑޫ ސިޓީގައި އޮޕަރޭޓު ކުރަމުން ދިޔަ ހެލިކޮޕްޓަރު ރާއްޖެއިން ގެންދިޔުމުގެ މަސައްކަތް އެ އަހަރުގެ ޖޫންގެ ނިޔަލަށް ނިންމުމަށް އެދިފައެވެ.

އޭގެ ފަހުން 6 މޭއި 2018 ގައި އިންޑިއާ އެމްބަސީއަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ އިންޑިއާ އިން ލާމު އަތޮޅުގައި އޮޕަރޭޓު ކުރަމުން ދިޔަ ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ މުއްދަތު 1 މޭއި 2018 އަށް ހަމަ ވެފައިވާ ކަމަށާއި އެހެން ކަމުން އެ ހެލިކޮޕްޓަރުވެސް އަނބުރާ ގެންދިޔުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެދޭ ކަމަށެވެ.

އެ ދެ ސިޓީ ފޮނުވި ފަހުންވެސް އިންޑިއާ އިން އެ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިޔުމުގެ މަސައްކަތެއް ކޮށްފައިނުވާތީ ދިވެހި ސަރުކާރުން ވަނީ އަނެއްކާ 10 ޖޫން 2018 ގައި އިންޑިއާ އެމްބަސީ އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ދިވެހި ސަރުކާރުން ވަނީ އައްޑޫ އާއި ލާމުގައި އޮޕަރޭޓު ކުރަމުން ދިޔަ ހެލިކޮޕްޓަރުތައް ރާއްޖެއިން ބޭލުމަށް އެދިފައިވާކަން ހަނދާންކޮށްދީ އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ޝެޑިއުލްއެއް ފޯރުކޮށްދިނުމަށް އެދިފައެވެ.

އިންޑިއާ އިން އެދުނީ ސަރުކާރުގެ ނިންމުން "ދިރާސާކުރަން" އިތުރު ވަގުތަށް

10 ޖޫން 2018 ގައި ދިވެހި ސަރުކާރުން ފޮނުވި ސިޓީގެ ޖަވާބު އިންޑިއާއިން ދީފައިވަނީ 25 ޖޫން 2018 ގައެވެ. އެ ދުވަހު އިންޑިއާ އެމްބަސީ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ހެލިކޮޕްޓަރުތައް ރާއްޖެއިން ގެންދިޔުމަށް ދިވެހި ސަރުކާރުން އެންގި އެންގުން ދިރާސާ ކުރުމަށް އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި އެ ސިޓީގައި އިތުރަށް އިންޑިއާ އެމްބަސީ އިން އެދިފައިވަނީ ހެލިކޮޕްޓަރުތަކާއި އެކު ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. އެ އެންމެންގެ ވިސާވެސް 30 ޖޫންގެ ނިޔަލަށް ހަމަވެއެވެ. އަދި ވިސާ އާކޮށްދޭން އެއްބަސްވުމުން އެ ފަރާތްތަކުގެ ޕާސްޕޯޓް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އިންޑިއާ އިން ބުނެފައިވެއެވެ. ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ ވިސާ އައުކޮށްދިނުމަށް އެދުމުން އެކަން ދިވެހި ސަރުކާރުން އެއިރު ނުކުރާކަން އިންޑިޔާގެ ނޫސްތަކުން މިއަދުވެސް ފެންނަން އެބަހުއްޓެވެ.

25 ޖޫންގައި އިންޑިއާ އެމްބަސީ އިން ފޮނުވި ސިޓީގެ ޖަވާބު 27 ޖޫން 2018 ދިވެހި ސަރުކާރުން ދީފައިވަނީ 27 ޖޫން 2018 ގައެވެ. މިގޮތުން ފޮރިން މިނިސްޓްރީ އިން އިންޑިއާގެ އެމްބަސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ކުރިންވެސް ބުނެފައިވާ ފަދައިން 30 ޖޫންގެ ނިޔަލަށް ރާއްޖެއިން ހެލިކޮޕްޓަރުތައް ގެންދިޔުމަށް އެދޭ ކަމަށެވެ. އަދި އެކަން ކުރާނެ ގޮތުގެ ތާވަލެއް ވީއެންމެ އަވަހަށް ދިވެހި ސަރުކާރަށް ހުށަހެޅުމަށް ސަރުކާރުން ވަނީ އެދިފައެވެ.

ޖޫންގެ ނިޔަލަށް ވެސް ހެލިކޮޕްޓަރުތައް ނުގެންދިޔަ

ދިވެހި ސަރުކާރުން އެ ހެލިކޮޕްޓަރުތައް ރާއްޖެއިން އަނބުރާ ގެންދަން ދިން މުއްދަތު ހަމަވީއިރުވެސް އިންޑިއާއިން އެ ހެލިކޮޕްޓަރުތައް ނުގެންދެއެވެ. އަދި ތަފާތު އުޒުރުތައް ދައްކާ ރާއްޖޭގައި މަޑުކުރިއެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމެންދެން އޭގެ ފަހުން އިންޑިއާ އިން އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓު ނުކުރެއެވެ.

އެހެން ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު އެއްބަސްވުންތައް ވަނީ އާ ކުރެވިފައެވެ. މިގޮތުން 12 ޑިސެމްބަރުގައި އިންޑިއާ އެމްބަސީ އިން ވަނީ ދިވެހި ސަރުކާރަށް އެކަމާއި ގުޅޭގޮތުން ސިޓީއެއް ފޮނުވާފައެވެ. އޭގެ ފަހުން 2 ޖެނުއަރީގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އިންޑިއާ އިން އެދިފައިވާ ގޮތަށް ހެލިކޮޕްޓަރު އެއްބަސްވުންތައް އާކޮށްފައެވެ.

މާރިޔާ އޭރު ވިދާޅުވެފައިވަނީ ރާއްޖެއަކުން އަވަށްޓެރިން ދޭ ހަދިޔާ އަނބުރާ ރައްދު ނުކުރާނެ ކަމަށެވެ. އެއާއެކު ސަރުކާރަށް ދެ މަސް ނުވަނީސް އެ އެއްބަސްވުން އަލުން ދިވެހި ސަރުކާރުން އައުކުރިއެވެ. ސަރުކާރުން އޭގެ ފަހުންވަނީ ހާމަނުކުރާ ގޮތް ނޭނގޭ އެތައް އެއްބަސްވުމެއްގައި އިންޑިޔާއާއެކު ސޮއިކޮށްފައެވެ.

"ދިޔަރެސް"އަށް ލިބިފައިވާ ސިޓީތަކުން ސާފުކޮށް އެނގޭ ގޮތުގައި ދިވެހި ދައުލަތުގެ ސިޔާދަތު އިންޑިޔާއިން ޤަބޫލެއް ނުކުރެއެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގެ އަސާސަކީ ދޭދޭ ދައުލަތްތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ އަސާސަކީ ހުރިހާ ދައުލަތެއްގެ މެދުގައި އޮންނަ ސިޔާދަތީ ހަމަހަމަކަމެވެ. އަދި އެއް ދައުލަތުން އަނެއް ދައުލަތުގެ ކުޑަބޮޑުކަމަށް ބެލުމެއް ނެތި އެއް ދައުލަތުން އަނެއް ދައުލަތަށް އިހުތިރާމުކުރުމެވެ. އިންޑިޔާއިން ދިވަހި ދައުލަތުގެ، އަދި ދިވެހީންނާމެދު ދެކެނީ ހަމަހަމަކަމުގެ ނަޒަރަކުން ކަމުގައި މި ސިޓީތަކުގެ އަލީގައި ބެލޭނެ ޖާގައެއް ނެތެވެ.

އަޅުގަނޑުމެންގެ މި ދައުލަތަށް އެ އިހުތިރާމުނުދޭ ދައުލަތަކާމެދު ހަދާ އެއްބަސްވުންތައް ސިއްރުކުރުމަކީ ހަމަބުއްދިން ވިސްނާއިރު ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އެކަމުގެ ސަބަބުން ފަހުން ނޭދެވޭ ނުރަނގަޅު އަސަރުތައް ކުރާނެ ކަމެއް ކަމުގައި ދިވެހިން ދެކެންޖެހެއެވެ. ދިވެހިންގެ މިނިވަންކަމާއި ދައުލަތުގެ ސިޔާސަދަތު ނަގަހައްޓާނީ ދިވެހީންނެވެ.

މި ލިއުމާއި ގުޅޭ