Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަބްރޫކް އަޒީޒު

ފެކްޓް ޗެކް: ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާމެދު މަބްރޫކު ދެއްކެވި ވާހަކަ

މިއަދު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒުވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅިގެން ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވާފައެވެ. އެ ދެއްކެވި ވާހަކަފުޅުގެ ތެރެއިން އެންމެ ބޮޑަށް ބާރުލައްވައި ދެއްކެވި ވާހަކައަކީ ކުރީގެ ސަރުކާރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހިންގި "ހިޔާ" މަޝްރޫޢާއި މި ސަރުކާރުން ތައާރަފުކުރި ކަމުގައި ބުނާ ލޯނު ސްކީމެއްގެ ވާހަކައެވެ.

ހިޔާ ފުލެޓުތައް ދޭން ކުރީ ސަރުކާރުން ނިންމީ ފިނިޝިން ނުނިންމައި

މިއަދު ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ ހިޔާ ފުލެޓުތައް ދިނުމަށް ކުރިއްސުރެ ނިންމާފައިވަނީ އެ ފުލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިންމައި ކަމަށެވެ. އެހެންކަމުން އެތަނުގައި ދޮރެއް، ޓައިލްސްއެއް އަދި އެ ނޫންވެސް ބައެއް ކަންކަން ނުހުންނާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެއީ އެ މަޝްރޫޢު ރާވާފައިވާ ގޮތްކަމަށް މަބްރޫކު ވިދާޅުވިއެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ.

2018 ވަނަ އަހަރު ހިޔާ މަޝްރޫޢުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް އެޗްޑީސީން ލޯނެއް ހޯދުމުގެ މަސައްކަތްކުރިއެވެ. އަދި ލޯނު ލިބޭ ހިސާބަށް މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން 2018 ވަނަ އަހަރު ވެރިކަން ބަދަލުވިއިރު ލޯނު ދިނުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ވާސިލުވެވިފައިވާ ކަމަށް އެޗްޑީސީގެ އިސްވެރިޔަކު ދިޔަރެސްއަށް މީގެ ކުރިން މައުލޫމާތު ދެއްވާފައިވެއެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ފިޗް ކްރެޑިޓުން "ބީ" ރޭޓިން ދީފައިވާ ކުންފުންޏަކީ ބަނގުރޫޓުވެފައިވާ ކުންފުންޏެއް ކަމުގައި މި ސަރުކާރުން ބުނުމާއި، ސަރުކާރުގެ ބައެއް މައްސަލަތަކުގެ ސަބަބުން އެ ލޯނު ފަހުން ހަމަނުޖެހުނީއެވެ.

ކުރީ ސަރުކާރުގެ ލިޔެކިޔުންތަކަށް ބަލާއިރުވެސް އެއިރު ވިސްނުން ހުރީ ފިނިޝިން ނިންމުމަށްފަހު މަހު ކުއްޔެއްގެ ގޮތުގައި 5،600 ރުފިޔާ ކަނޑައަޅައި، އިތުރަށް ކޮންމެ މަހަކު މެއިންޓެނޭންސް ފީއެއްގެ ގޮތުގައި 1،000 ރުފިޔާ ނެގުންކަން އެނގެއެވެ. އެހެންކަމުން ހިޔާ ފުލެޓުތައް ދިނުމަށް ކުރީ ސަރުކާރުން ވިސްނާފައިވަނީ ހިޔާ ފުލެޓުތަކުގެ ފިނިޝިން ނިންމާފައެވެ. ފިނިޝިންގެ މަސައްކަތް ނިންމުމަށް ކްރެޑިޓް ސުއިސްއިން ހަމަޖައްސާފައިވަނީ 43 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެކެވެ.

އެޗްޑީސީގެ ފަރާތުން ކުރިން އެ މަސައްކަތުގައި އުޅުއްވި ބޭފުޅަކު ވިދާޅުވީ ވެރިކަން ބަދަލުވުމުން ކްރެޑިޓް ސްވިސް ބޭންކުގެ ކްރެޑިޓް ރިސްކް އެސެސްމެންޓް ކޮމިޓީއިން އެ ލޯނު ދޫނުކުރަން ނިންމިކަމަށެވެ. އަދި އޭގެ އެންމެ ބޮޑު ސަބަބަކީ، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވި އިރު، ވެރިކަމަށް އައިސް ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓުތައް ހުއްޓާލާނެ ކަމުގެ އިންޒާރުދީ، އެޗްޑީސީ އަކީ ބަނގަރޫޓު ވެފައިވާ ކުންފުންޏެއް ކަމަށް ބުނެ ކުންފުނީގެ ތަސައްވުރަށް ގެއްލުންވާ ފަދަ ވާހަކަތައް ދައްކާފައިވުން ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

ކުރިންވެސް ގެދޮރު އަޅަން އަތޮޅު ތެރެއަށް ލޯނު ދޫކުރި

މި ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ މަޝްރޫޢަކީ އަލަށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ގެދޮރު އަޅަން ދޫކުރަން ފެށި ފެށުމެއް ކަމުގައި ވިދާޅުވެ މަބްރޫކު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވާފައިވާއިރު، "ގެދޮރުވެރިކުރުން" އެ ނަމުގައި އެޗްޑީއެފްސީން ޚާއްޞަ ލޯނު ސްކީމެއް ދޫކުރިއެވެ. 2014 ވަނަ އަހަރު މި ލޯނު ސްކީމް ފެށިއިރު ލޯނު ދޫކުރަމުން ދިޔައީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް 400،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއްގެ ލޯނުތަކެވެ. މި ލިންކުން އެއިރު ހިންގި ލޯނު ސްކީމުގެ މައުލޫމާތު މިހާރުވެސް ފެންނަން އެބަހުއްޓެވެ.

މިހާރުވެސް 1 މިލިއަން ރުފިޔާއާ ހަމައަށް އެޗްޑީއެފްސީން ގެދޮރު އެޅުމަށް ދަނީ ލޯނު ދޫކުރަމުންނެވެ. ނަމަވެސް އެއީ 11 އިންސައްތައިގެ އިންޓެރެސްޓު ރޭޓުގައެވެ. އެހެންކަމުން މި ސަރުކާރުން ތައާރަފުކުރި ލޯން ސްކީމަށް އަލަށް އަތޮޅުތަކުގެ ރައްޔިތުންނަށް ގެދޮރު ބިނާކުރަން ލޯނު ދޫކުރަން ފެށި ސްކީމު ކަމަށް ވިދާޅުވުމަކީ މަބްރޫކު ހެއްދެވި އިތުރުފުޅެކެވެ. މި ލިންކުން މިހާރު އެޗްޑީއެފްސީއިން ގެދޮރު އެޅުމަށް ދޫކުރާ ލޯނުތަކުގެ ތަފުސީލު ފެންނަން އަދިވެސް އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ