ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހިއްސާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެކުވެރި މަހުޖަނެއް ކަމަށްވާ ގައުތަމް އަދަނީ އަށް ނުވިއްކާނެ ކަމުގެ ޔަޤީންކަން ދެއްވިދާނެތޯ ސުވާލު ކުރުމުން އިކޮނޮމިކް މިނިސްޓަރު ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައިފިއެވެ.
މިގޮތުން ފައްޔާޒު ވިދާޅުވީ އެފަދަ ކަމެއް ކުރެއްވުމުގެ ހުވަފެނެއްވެސް އެބޭފުޅާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް މި ސަރުކާރަކުން އަޅުގަނޑުމެން ވިއްކާލުމުގެ ދިނުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް ވިސްނުމެއްވެސް ޝައުގުވެރިކަމެއްވެސް ނެތޭ". ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކުންފުނި ހަދައިގެން އެ ކުންފުނި ރަނގަޅަށް ވަރުގަދަވެ، ބޮޑުވެ އެ ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށް ވާ ހިސާބުން ރައްޔިތުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކިދާނެ ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވާހަކަ ދެއްކެވީ ވަރަށް ބޮޑަށް ކޯފާއިސްވެ ހުންނަވައެވެ. އަދި ހަރުއަޑުން ތަކުރާރުކޮށް އެއާޕޯޓު ވިއްކަން ނޫޅޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ނުކުރައްވާނެ ކަމަށް މާތް ﷲ ގަންދީ ހުވާވެސް ކުރެއްވިއެވެ.
"ވަރަށް ސާފްކޮށް މި ދަންނަވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް މި އަޅުގަނޑުމެން ދައްކާ ވާހަކަ އަނބުރައިގެން ގެންދަވާ ބޭފުޅުންނަށް އިތުރަށް އަޅުގަނޑު މިއަށްވުރެ ވަރުގަދަ ކޮށް ބުނަންޏާމުން ދެންނެވޭނީ މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީއޭ އިންޑިއަކަށެއް ނޫނީ އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ" ފައްޔާޒު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ދިނުމަށްފަހު، އެ އެއާޕޯޓު ދިވެހި ދައުލަތުން އަތުލުމުން، ޖީއެމްއާރުން ބަދަލު ހޯދަން ދިވެހި ދައުލަތާއި ދެކޮޅަށް ސިންގަޕޫރު އާބިޓްރޭޝަނަށް ދިޔައިރު ޖީއެމްއާރުގެ ވަކީލަކަށް ހުންނެވީ ފައްޔާޒެވެ. އަދި ފައްޔާޒަކީ އިންޑިއާގެ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންނާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.