Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުދަލު ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 34 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ 5 މަސް ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 34.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން 1 ޖެނުއަރީ 2021 އިން 31 މޭއި ގެ ނިޔަލަށް މީރާ އިން ވަނީ މުދަލު ޒަކާތުގެ ގޮތުގައި 34.1 މިލިއަން ރުފިޔާ ބަލައިގެންފައެވެ. މިއީ މި މުއްދަތުގައި މީރާއަށް ބަލައިގަތް އާމްދަނީގެ 0.5 އިންސައްތައެވެ. ޖުމްލަ 34.1 މިލިއަން ރުފިޔާގެ ތެރެއިން ދިވެހި ރުފިޔާއިން ލިބިފައިވަނީ 33.9 މިލިއަނެވެ. އަދި 13،657 ޑޮލަރު ލިބިފައިވެއެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި މީރާ އިން ބަލައިގެންފައިވަނީ 19 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިވަނީ 44 އިންސައްތައިން އިތުރުވެފައެވެ.

މޭއި މަހަށް އެކަނި ބަލާއިރު، އެ މަހުގައި 10.8 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި މީރާ އިން ބަލައިގަނެފައިވެއެވެ. މޭއިމަހުގައި މުދަލު ޒަކާތް ބަލައިގަތް މިންވަރު އަހަރުގެ އެހެން މަސް މަހާ އަޅާ ބަލާއިރު ގިނަ ވެފައިވަނީ، ރަމަޟާން މަސް ވެސް އައީ މޭއި މަހުގައި ކަމުން އާންމުކޮށް ވަރަށް ގިނަ ފަރާތްތަކުން ރަމަޟާން މަހު މުދަލު ޒަކާތް ދައްކާތީ ކަމަށް ބެލެވެއެވެ

ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 6961.5 ރުފިޔާއެވެ. އަދި ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ. މުދަލު ޒަކާތް ނެރުމަކީ ނިސާބު ހަމަވާ ކޮންމެ މީހަކުވެސް ކުރުން ވާޖިބު ކަމެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ޒަކާތް ނެރެނީ ނިސްބަތުން މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ