ދިވެހިރާއްޖޭގައި ކޮވިޑު-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދުތައް ގޯސް ނޫން ކަމަށާއި އަދަދުތައް ހުރީ ސިންގަޕޫރު ފަދަ ޤައުމުތަކާއި އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ ކޮވިޑު-19 ގެ ހާލަތު ހުރީ ސިންގަޕޫރު ފަދަ ޤައުމުތަކާއި އަޅާބަލާއިރު މާބޮޑަށްވެސް ގޯސްކޮށެވެ. މިގޮތުން 5.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި މިހާތަނަށް މިބަލި ޖެހިފައިވަނީ 62،219 މީހުންނަށެވެ. އަދި ބަލީގައި މަރުވެފައިވަނީ 33 މީހުންނެވެ. އަދި އާބާދީގެ ކޮންމެ މިލިއަނަކުން ސިންގަޕޫރުގައި ދުވާލަކަށް ބައްޔަށް ޕޮޒިޓިވް ވަނީ 3 މީހުންނެވެ. އަދި އާބާދީގެ ނިސްބަތުން މިހާތަނަށް ކޮވިޑު-19 ޖެހުނު މީހުންގެ އަދަދަށް ބަލާއިރު ސިންގަޕޫރު އޮތީ މުޅި ދުނިޔެއިން 130 ވަނައިގައެވެ.
ދިވެހިރާއްޖެއަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު މިވަނީ 189 އަކަށް އަރާފައެވެ. އާބާދީގައި 5 ލައްކަ މީހުން ތިބިއިރު 68،502 މީހުން ވަނީ މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު އާބާދީގެ ނިސްބަތުން ދިވެހިރާއްޖެ އަކީ 8 ވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހުނު ޤައުމެވެ. އަދި ދުވާލެއްގެ މައްޗަށް 1081 މީހުން އާބާދީގެ ކޮންމެ 1 މިލިއަން އަކުން ޕޮޒިޓިވްވެއެވެ. އަދި އެގޮތުން ބަލާއިރު ރާއްޖެ އޮތީ ދުނިޔޭގެ ދެވަނައިގައެވެ.
އެހެން ކަމުން ދިވެހިރާއްޖޭގެ ހާލަތު އޮތީ ސިންގަޕޫރު ފަދަ ޤައުމުތަކާއި އެއް ހާލަތެއްގައެއް ނޫނެވެ. އާބާދީ އާއި، ޤައުމުގައި ހުރި ވަސީލަތްތަކަށް ބަލާއިރު ދިވެހިރާއްޖެއަކީ އެންމެ ހާލަތު ގޯސް އެއް ޤައުމެވެ.
ވަރަށް ގިނަ ރައްޔިތުން ދަނީ ކޮވިޑު-19 މެނޭޖް ކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސް ވަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާފައެވެ.