ޢިންޑިޔާއިން ދިވެހިރާއްޖޭގައި އޮޕަރޭޓުކުރަމުންދާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އައްޑޫަގައި ބާއްވާފައިވާ އިންޑިޔާ ހެލިކޮޕްޓަރާއެކު ތިބޭ އިންޑިޔާ ސިފައިންގެ އަދަދު ހާމަވެއްޖެއެވެ.
އިންޑިއާއިން ދިވެހިރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރާއެކު ތިބޭ ސިފައިންގެ އަދަދަކީ މިހާތަނަށް ދިވެހި ސަރުކާރުން ސިއްރުކޮށްފައިވާ ކަމެކެވެ. ހެލިކޮޕްޓަރާއެކު ތިބި ސިފައިންގެ އަދަދު ހޯދުމަށް "ދިޔަރެސް"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އެދުމުން، އެ މައުލޫމާތަކީ ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެ މައުލޫމާތުކަމަށް ބުނެ އެ އަދަދު ހާމަކުރަން ޑިފެންސް މިނިސްޓްރީންވަނީ ދެކޮޅުހަދާފައެވެ.
އަދި މި މައުލޫމާތު ހާމަނުކުރަން ނިންމި ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި "ދިޔަރެސް"އިން އިސްތިއުނާފުކުރުން އެއިރުގެ އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތު ނޫން ކަމަށެވެ. ކޮމިޝަނަރުގެ ނިންމުން ދިޔަރެސްގެ ފަރާތުންވާނީ ހައިކޯޓުގައި މިހާރު އިސްތިއުނާފުކޮށްފައެވެ. އަދި މިހާތަނަށް އެ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި ބާއްވާފައިނުވެއެވެ.
އެހެން ނަމަވެސް މިހާރު އައްޑޫގައި އިންޑިއާގެ އަސްކަރިއްޔާއިން އޮޕަރޭޓު ކުރަމުންދާ ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ހެދި އެއްބަސްވުމުގެ ކޮޕީއެއް ދިޔަރެސްއަށް ވަނީ ލިބިފައެވެ.
އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު 2020 ވަނަ އަހަރުގެ ނޮވެންބަރުގައި "ދަ ޕްރެސް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އިންޑިޔާ ސިފައިން ތިބެނީ ހެލިކޮޕްޓަރު ދުއްވަންކަމަށެވެ. އަދި ހެލިކޮޕްޓަރު ދުއްވުމަކީ ކާރެއް ދުއްވުން ފަދަ ކަމެއް ނޫން ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
އެއް ހެލިކޮޕްޓަރާއެކު އިންޑިޔާގެ 24 ސިފައިންނާއި 1 އިންޖިނިއަރަކާއި ޓެކްނީޝަނެއް ތިބޭއިރު މިހުރިހާ މީހުންނަކީވެސް ޑިޕްލޮމެޓިކް ރައްކާތެރިކަމާއި އިމްތިޔާޒުތައް ލިބިފައިވާ ފަރާތްތަކެވެ. އެ މީހުންނާއި، އެ މީހުން ދިރިއުޅޭ ތަންތަނާއި ގެންގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނު އަދި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އިޚުތިޞާޞު ނުހިނގާނެ ކަމުގައި އެ އެއްބަސްވުމުގައި ބުނެފައިވެއެވެ.