އިންޑިޔާއިން ދިވެހިރާއްޖޭގައި އޮޕަރޭޓުކުރަމުންދާ އިންޑިޔާ ދެ ހެލިކޮޕްޓަރާއެކު ތިބޭ އިންޑިޔާ ސިފައިންނަށް ލިބޭ ޑިޕްލޮމެޓިކް އިމްތިޔާޒުތަކުގެ ދަށުން އެ ސިފައިން ތިބޭ ތަންތަނުގެ މައްޗަށް ދިވެހި ދައުލަތުގެ ޤާނޫނީ ބާރުވެރިކަން ނުހިނގާނެކަން ހާމަވެއްޖެއެވެ.
އިންޑިޔާގެ ކުރީގެ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާ ހުށަހަޅުއްވައި، ދިވެހި ސަރުކާރުގެ ފަރާތުން ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ އެއްބަސްވެވަޑައިގެންފައިވާ ހެލިކޮޕްޓަރާ ގުޅޭ އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންނަށް ފުރިހަމަ ޑިޕްލޮމެޓިކް އިމްތިޔާޒުތައް ދިނުމަށް ދިވެހި ސަރުކާރުންވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ހެލިކޮޕްޓަރާއެކު ތިބޭ އިންޑިޔާ ސިފައިންނާއި، އެ ސިފައިން ތިބޭ ތަންތަނާ ގެންގުޅޭ ލިޔެކިޔުންތަކަކީވެސް ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ އިޚުތިޞާޞު ނުހިނގާނެ ތަންތަނެވެ.
އަދި އެ ސިފައިން ދިވެހިރާއްޖޭގައި ތިބޭ މުއްދަތުގައި އެ ސިފައިން ވަނީ ހުރިހާ ޓެކުހަކާއި، ޑިއުޓީއަކާއި، ކަސްޓަމް ފީތަކެއް ދެއްކުމުންވެސް އިސްތިސްނާކޮށްފައެވެ. ހަމައެހެންމެ ކަސްޓަމުން ވަދެއުޅުމާއި، ނުކުތުން ފަސޭހަކޮށްދީ އެއާޕޯޓުތަކުންނާއި ބަނދަރުތަކުން ފަސޭހައިން ކަސްޓަމް ކުލިއަރޭންސް ހަދައިދީ އެތެރެވުމާއި ބޭރުވުން އަވަސްކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖައްސަންވެސް އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުންވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން އައްޑޫގައި ބާއްވާފައިވާ ހެލިކޮޕްޓަރާއެކު 24 އިންޑިޔާ ސިފައިން ތިބެއެވެ. އެ މީހުންގެ ފުރިހަމަ ކޮންޓުރޯލު އަދި ކޮމާންޑު އޮންނާނީ އިންޑިޔާ ކޯސްޓުގާޑުގެ ކޮންޓިންޖެންޓު ކޮމާންޑަރަށެވެ. އެ ކޮމާންޑަރު ޖަވާބުދާރީވާންޖެހޭ ފަރާތެއްގެ ގޮތުގައި އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. ރާއްޖޭގައި މި އެއްބަސްވުމުގެ ދަށުން ތިބޭ ސިފައިންނަކީ އިންޑިޔާ ސަރުކާރުގެ އެކްސްޕާޓުންގެ ގޮތުގައިވަނީ "ޑެޕިއުޓައިޒް"ކޮށްފައެވެ.
ހެލިކޮޕްޓަރާއެކު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހޯދުމަށް "ދިޔަރެސް" ނޫހުން ހުށަހެޅުމުން އެއީ ޤައުމީ ސަލާމަތަށް ނުރައްކާވާނެ މައުލޫމާތެއް ކަމުގައި ބުނެ ސަރުކާރުންވަނީ އެ މައުލޫމާތު ހާމަކުރުމާ ދެކޮޅު ހަދާފައެވެ. އެ މައުލޫމާތު ހާމަކުރަންނުޖެހޭނެ ކަމަށް ނިންމުމާ ގުޅިގެން އެ މައްސަލަ މިހާރު "ދިޔަރެސް"ގެ ފަރާތުންވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.