Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެނިސް

މެޗު ފިކްސްކުރުމުގެ ތުހުމަތުގައި ފްރެންޗް އޮޕެން ތެރެއިން ރަޝިޔާގެ ޓެނިސް ކުޅުންތެރިއެއް ހައްޔަރުކޮށްފި

މެޗު ފިކްސްކުރުމުގެ ތުހުމަތުގައި ޓެނިސްގެ އެންމެ މަތީ ފަންތީގެ އެއް މުބާރާތް ކަމުގައިވާ ފްރެންޗް އޮޕެން މުބާރާތުގެ ތެރެއިން، ރަޝިޔާގެ ޓެނިސް ކުޅުންތެރިޔާ ޔަނާ ސިޒިކޯވާ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތަހުގީގުގައި ސުވާލުކުރުމަށެވެ.

ފަރަންސޭސި ޓެނިސް ފެޑެރޭޝަނުގެ އޮފިޝަލެއްވަނީ އެ ޚަބަރަކީ ތެދެއްކަން ޔަޤީންކޮށްދެއްވާފައެވެ. އަދި ފުލުހުން މިހާރު ތަހުގީގެއް ފަށައިގެން ކުރިއަށްގެންދާކަން އޭނާ ހާމަކުރެއްވިއެވެ.

ޕެރިހުގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދިން ގޮތުގައި ބުރާސްފަތިދުވަހު ކުޅުންތެރިއެއް ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އޭނާ ހިންގި އަމަލުތަކަކާ ގުޅިގެންނެވެ. ފައިނޭންޝަލް ޓައިމްސްއިން މި މައުލޫމާތު ލިބިފައިވާ މީހަކާ ހަވާލާދީ ބުނެފައިވަނީ ސިޒިކޯވާއަށް ކުރެވޭ ތުހުމަތަކީ މެޗު ފިކްސްކުރުމުގެ ތުހުމަތުކަމަށެވެ.

ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގައި ޕްރޮސެކިއުޓަރުންވަނީ 2020 ވަނަ އަހަރުގެ ފްރެންޗް އޮޕެން މުބާރާތުގައި އިންތިޒާމީ ގޮތެއްގައި ކޮރަޕްޝަން ހިންގުމުގެ ތުހުމަތުގައި ތަހުގީގެއް ފަށާފައެވެ. އެ ތަހުގީގަކީ އެ މުބާރާތަކުގައި ސިޒިކޯވާއާއި އޭނާގެ ބައިވެރިޔާ މެޑިސަން ބެރެންގުލްއާއި ރޮމޭނިއާގެ ދެ ކުޅުންތެރިން ކަމުގައިވާ އެންޑްރީއާ މިޓޫއާއި ޕެޓްރިޝިއާ މާރިއާ ޓިގުގެ މެދުގައި ކުޅުނު ޑަބަލްސް މެޗުގައި ސިޒިކޯވާއާއި އޭނާގެ ބައިވެރިޔާ ގަސްތުގައި މެޗު ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

ސިޒިކޯވާގެ ވަކީލު ފްރެޑްރިކް ބެލޯޓު ބުނެފައިވަނީ ސިޒިކޯވާ ވަނީ ޓެނިސްގެ އިދާރާތަކަށް ފާއިތުވި އަހަރު އެ މެޗުގައި ބަލިވި ސަބަބުތައް ރަނގަޅަށް ތަފުސީލުކޮށްދީފައި ކަމަށާއި، އަދި އެ އިދާރާތަކުން އޭނާގެ ވާހަކަތައް ބަލައިގަނެފައިވާ ކަމަށެވެ.

އަދި އަންހެނުންގެ ޑަބަލްސް މުބާރާތުގައި ކުޅެން ސިޒިކޯވާ ފްރެންޗް އޮޕެން މުބާރާތަށް ދިޔައީ ވަރަށް ހަމަޖެހިގެން ހުރެ ކަމަށާއި، އޭނާ ހައްޔަރުކުރުމުން އޭނާއަށް އަދި އޭނާގެ ބައްޕައަށްވެސް ލިބުނީ ވަރަށް ބޮޑު ސިހުމެއް ކަމުގައި ވަކީލު ބުންޏެވެ.

އުމުރުން 26 އަހަރުގެ ސިޒިކޯވާއަކީ ޑަބަލްސްގައި ދުނިޔޭގެ 101 ވަނާގައި ރޭންކުކުރެވިފައިވާ އަދި ސިންގަލްސްގައި 765 ވަނާގައި ރޭންކުކުރެވިފައިވާ ކުޅުންތެރިއެކެވެ.

މި ލިއުމާއި ގުޅޭ