ފްރެންޗް އޮޕެން ޓެނިސް މުބާރާތުގައި ޕެޓްރިޝާ މާރިއާ ޓެގްއާ ބައްދަލުކުރި މެޗު ކާމިޔާބުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވުމުން، ދެވަނައަށް ފްރެންޗް އޮޕެން މުބާރާތުގައި ސީޑުކޮށްފައިވާ ކުޅުންތެރިޔާ ނައޯމީ އޮސާކާ 15،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
ހަތަރު ގްރޭންޑް ސްލޭމް މުބާރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮސާކާ ދަނީ ތަކުރާރުކޮށް މުބާރާތުގެ ޤަވާޢިދާ ޚިލާފުވަމުން ކަމަށެވެ. އަދި އެގޮތަށް އެކަންކުރާނަމަ އޭނާއާމެދު ފިޔަވަޅު އަޅަންޖެހިދާނެ ކަމަށާއި، އޭގެ ތެރޭގައި މުބާރާތުން އޭނާ ބޭރުކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއާ މެދު ތަހުގީގެއް ހިންގަން މަޖުބޫރުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބުދަދުވަހު އޮސާކާވަނީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވުން ހުއްޓައިލަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އަދި ބުދަދުވަހު އޭނާގެ މީސްމީޑިޔާ ޗެނަލްތައް މެދުވެރިކޮށް ކުރި އިއުލާނުގައި ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކުރާ ކަމަކީ މީހާ ހިތްދަތި ހާލަތެއްގައި ހުއްޓައި އިތުރަށް ނިކަމެތިކޮށްލުން ކަމަށެވެ. އަދި ނޫސްވެރިންގެ ސުވާލުތަކުން ކުޅުންތެރިންގެ ސިކުނޑިއަށް ޝައްކާއި ވަހުމު ވަންނަ ކަމަށް އޭނާ ބުންޏެވެ.
އޮސާކާގެ އިއުލާނަށް ޓެނިސްގެ ބައެއް ތަރިންގެ ތާއީދު ލިބުނުއިރު، އޭނާގެ ވިސްނުމަށް އިހުތިރާމުކުރުމާއެކު އެހެން ބައެއް ކުޅުންތެރިންވަނީ ތަފާތު ވިސްނުންތަކެއް ފާޅުކޮށްފައެވެ.
އޮސާކާވަނީ އޭނާއާމެދު ޖޫރިމަނާގެ ފިޔަވަޅެއް އެޅުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަވެސްކޮށްފައެވެ. ގްރޭންޑް ސްލޭމް މުބާރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޯލާންޑް ގެރޯސް އޯގަނައިޒޭޝަނުން އޮސާކާގެ ހާލު ދެނެގަތުމަށް މަސައްކަތްކުރި ކަމަށެވެ. އަދި އެ މުބާރާތްތަކުންވެސް އޭނާގެ ހާލު ބެލުމަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އޭނާއާ މުވާސަލާތު ކުރެވިފައިނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިން އޮސާކާވަނީ އެންމެ ފަހުން އޭނާ ބައިވެރިވި ދެ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ. ޔޫއެސް އޮޕެން އަދި އޮސްޓްރޭލިއަން އޮޕެން މުބާރާތައް އޭނާ ކާމިޔާބުކުރި ނަމަވެސް ޕެރިސްގައި އޭނާއަށް މިހާތަނަށް ތިންވަނަ ބުރަށް ވާސިލުވެވިފައިނުވެއެވެ.