މިއީ ރައީސް މުހައްމަދު ނަޝީދު "އަދަދު" ނޫހުގައި "އަނދިރި ދައުލަތް" މި ސުރުހީގެ ދަށުން ޝާއިއު ކުރައްވާފައިވާ މަޒުމޫންގެ "ފެކްޓް ޗެކް" އެކެވެ.
މި މަޒްމޫންގައި ރައީސް ނަޝީދު މައިގަނޑުގޮތެއްގައި ދައްކަވާފައިވަނީ ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރެިފައިވާ މިންވަރާއި ގުޅޭ ގޮތުންނާއި، ބޭރުގެ ޖަމާއައްތަކާއި ގުޅިގެން ދިވެހިން ހަނގުރާމަ ކުރާ ވާހަކައާއި އެފަދަ ޖަމާއަތްތަކުގައި ދިވެހިންގެ އަދާކުރި ދައުރާއި ގުޅޭގޮތުންނެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، އިސްލާމިކް ސްޓޭޓް އިން އިރާޤް އެންޑް ސީރިއާ ނޫނީ އައިސިސް އުފެއްދުމުގައި އާއި ދެމެހެއްޓުމުގައި ދިވެހިންގެ ތެރެއިން "ކިތަންމެ ބަޔަކު" ބައިވެރިވިއެވެ. އަދި ގިނަ މަސްދަރުތައް ދެކޭ ގޮތުގައި "ތިން ސަތޭކައަށް ވުރެ ގިނަ ދިވެހިން" މިކަމުގައި ބައިވެރިކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް އައިސިސް އުފެދުމުގައި ދިވެހިންގެ ބައިވެރިވުން އޮތްކަން ދައްކައިދޭ އެއްވެސް މަސްދަރެއް އަދި މިހާތަނަށްނެތެވެ. އައިސިސް އުފެދިގެން އައީ 1990 ގެ ފަހުކޮޅެވެ. އެ ޖަމާއަތް އުފައްދާފައިވަނީ އުރުދުންއަށް ނިސްބަތްވާ އަބޫ މުސްއަބް އަލް ޒަރްޤާވީއެވެ. އޭރު އެ ޖަމާއަތަށް ދީފައިވަނީ ނަމަކީ ޖަމާއަތު އަލް ތައުހީދު ވަ އަލް ޖިހާދެވެ. 2003 ވަނައަހަރު އެމެރިކާ ސިފައިން އިރާޤަށް އެރުމުން ޒަރްޤާވީ ވަނީ އިރާޤަށް ހިޖުރަކޮށް އެ ޖަމާއަތުގެ ހަރަކާތްތަށް އިރާޤުގައި ފުޅާކޮށްފައެވެ. އަދި އެ ޖަމާއަތް އެގޮތަށް ފުޅާވަމުން ގޮސް 2010 ވަނަ އަހަރު ޖަމާއަތުގެ ކޮންޓްރޯލް ނެގީ އަބޫ ބަކްރު އަލް ބަޣްދާދީއެވެ. ބަޢްދާދީގެ ކޮމާންޑުގެ ދަށުން އެ ޖަމާއަތުން 2014 ވަނަ އަހަރު އިރާޤުގެ މޫސަލް ހިފުމަށްފަހު ޖަމާއަތުގެ ނަން އިސްލާމިކް ސްޓޭޓް އަށް ބަދަލުކުރިއެވެ.
ރައީސް ނަޝީދު ވިދާޅުވި ފަދައިން 300 އެއްހާ ދިވެހިން މި ޖަމާއަތް އުފެއްދުމުގައި ހަރަކާތްތެރިވި ކަމެއް އޭނގޭކަށް ނެތެވެ. އެމެރިކާގެ ދިފާއީ ބާރަށް ދިފާއީ ކަންކަމުގައި އެންމެ ފުޅާދާއިރާއެއްގައި ދިރާސާތައް ހަދާދޭ ރޭންޑް ކޯޕަރޭޝަނުން އައިސިސް އުފެދުމުގެ އަސްލާއި، އައިސިސްގެ ކުރިން ޒަރްޤާވީ ހިންގި ޖަމާއަތާއި ގުޅޭގޮތުން ވެސް ގިނަ ދިރާސާތަކެއް ކޮށްފައިވާއިރު، މިއިން އެއްވެސް ދިރާސާއަކުން އެ ޖަމާއަތްތަށް އުފެދުމުގެ މަރުހަލާގައި ދިވެހިން ހަރަކާތްތެރިކަމެއް ބަޔާންކޮށްފައިނެތެވެ. އަދި އައިސިސްގެ ބާރުގެ ދަށުގައި ހުރި ތަންތަން އަލުން އިރާޤާއި ސީރިއާ ސިފައިން ހިފާފައިވާއިރު އެތަންތަނުން ހޯދިފައިވާ ލިޔެކިޔުންތަކަށް ބިނާކޮށް ހެދި ދިރާސާތަކުގައިވެސް، އައިސިސް ހިންގުމުގައި ދިވެހިން ބައިވެރި ނުވާކަން އެއީ "އެސްޓެބްލިޝްޑް ފެކްޓް" އެކެވެ.
އައިސިސް ދެމެހެއްޓުމުގައި ދިވެހިން ހަރަކާތްތެރިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ދެމެހެއްޓުމުގައި ހަރަކާތްތެރިވިކަމަށް ބުނެވޭނީ އެ ޖަމާއަތުގައި ނިސްބަތުން ގިނަ އަދަދަކަށް ދިވެހިން ތިބިކަމަށްވާނަމައެވެ. އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖްގެ ޑިޕާޓްމެންޓް އޮފް ވާރ ސްޓަޑީސްގެ ދަށުން ހިންގާ އިންޓަނޭޝަނަލް ސެންޓަރ ފޯ ސްޓަޑީ އޮފް ރެޑިކަލައިޒޭޝަން އިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެ ރިޕޯޓު ޝާއިއު ކުރި އިރު އަންހެނުންނާއި ކުޑަކުދިންނާއި އެކު އައިސިސް އާއި ގުޅިގެން ސީރިއާ އަދި އިރާޤުގައި ތިބީ 200 އެއްހާ ދިވެހިންނެވެ. 40000 އަށްވުރެ ގިނަ ބިދޭސީން އައިސިސްއާއި ގުޅިގެން ހަނގުރާމަ ކުރަމުން ދިޔައިރު އެންމެ 200 މީހުން އައިސިސް ދެމެހެއްޓުމުގައި މާބޮޑު ރޯލެއް ކުޅެވިދާނެ ކަމާއި މެދު ސުވާލު އުފެދެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި "އައިސިސް ހަނގުރާމަގައި ގިނަ މީހުން ބައިވެރިވެފައިވަނީ އައް ނުސްރާ އަދި ބިލާދުއްޝާމް ޖަމާއަތް" މެދުވެރިކޮށެވެ. މިތަނުގައި އައް ނުސްރާ ޖަމާއަތޭ ނަޝީދު މި ވިދާޅުވަނީ ޖަބަހަތުއް ނުސްރާއަށް ކަމަށްބެލެވެއެވެ. އެހެން ކަމުގައިވާ ނަމަ، މިއީ ހަގީގަތުގައި މި މައްސަލައާއި ގުޅޭގޮތުން ރައީސް ނަޝީދުގެ މައުލޫމާތު ނެތް މިންވަރާއި މިކަންތައްތައް ފަހުމް ނުވާކަން އެނގޭ ހެއްކެކެވެ. ސަބަބަކީ ޖަބަހަތުއް ނުސްރާ އަކީ އައިސިސް އާއި ވާދަވެރި ޖަމާއަތެކެވެ. އެއް ޖަމާއަތުން އަނެއް ޖަމާއަތާއި ހަނގުރާމަކޮށްފައިވާ އިރު މިއީ މި މައުޟޫއާއި ބެހޭގޮތުން ކުޑަކުޑަ ދިރާސާއެއް ކޮށްލިއަސް އެނގޭނެ ކަމެކެވެ.
އަދި ބިލާދުއްޝާމް ޖަމާއަތޭ ރައީސް ނަޝީދު ވިދާޅުވިއިރު އެހެން ކިޔާ ޖަމާއަތެއް ސީރިއާގައި ހަނގުރާމަކުރާކަށް ހަރަކާތްތެރިނުވެއެވެ. އަރަބި ބަހުން ބިލާދުއް ޝާމްގެ މާނަ އަކީ ޝާމް ގެ ބިމެވެ. އަދި ސީރިއާގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން މައުލޫމާތު ފޯރުކޮށްދޭ ޗެނަލް އަކަށްވެސް ބިލާދުއް ޝާމް ކިޔައެވެ. ދެން ރައީސް ނަޝީދު އެ ވިދާޅުވަނީ ތަހްރީރުއް ޝާމް ކަމުގައި ބަލާނަމަ އެއީ ޖަބަހަތުއް ނުސްރާ އާއި އިތުރު ބައެއް ޖަމާއަތްތައް އެކުވެގެން ފަހުން އުފެދުނު ޖަމާއަތެކެވެ. އެ ޖަމާއަތަކީވެސް އައިސިސްއަށް ވާގިވެރިވާ ޖަމާއަތެއް ނޫނެވެ.
އެހެން ކަމުން އައިސިސް އާއި ގުޅެން ޖަބަހަތުއް ނުސްރާ އާއި ގުޅިގެން އެއްވެސް ބަޔަކު ނުދާނެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް 26 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ވަޅި ޖަހާ މަރާލާފައިވާ ކަމަށެވެ. އަދި ކަމުގެ މާހިރުން ބުނަނީ ރާއްޖޭގެ މަރުތައް ހުރީ އަނދިރި ދައުލަތްތަކުގައި ކަންތައް ހުންނަ ގޮތަށް ކަމަށާއި މީހުން މަރާލާފައިވަނީ މަރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ގައިކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
މިއީ ވަރަށް ބޮޑު ވާހަކައެކެވެ. އައިސިސް ޖަމާއަތުން ނޫނީ އެ ޖަމާއަތަށް ވާގިވެރިވާ ދިވެހިންގެ ބަޔަކު 2013 އިން 2016 އަށް ވަޅިން ހަމަލާދީ 26 އަށްވުރެ ގިނަ މީހުން މަރާލި ވާހަކައެވެ. މިއީ "އަނދިރި ދައުލަތެއްގެ" ކަންތައް ހުންނަ ގޮތް ކަމަށް މާހިރަކު ބުނިކަމަށްވެސް ރައީސް ނަޝީދު އެބަވިދާޅުވެއެވެ. އެހެން ނަމަވެސް މިއީ ކަނޑައެޅިގެން ސީދާ ދޮގެވެ. ނަޝީދު އެ ވިދާޅުވި މުއްދަތުގައި، ރާއްޖޭގައި ހިނގާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ 22 ހާދިސާއެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމުގެ އަމަލާއި އެކު 23 ހާދިސާއެވެ.
މި މަރުތަކުގެ ތެރެއިން 12 މަރަކީ ގުރޫޕު މާރާމާރީއެވެ. އަދި މިކަންތައްތަކަކީ އެންމެނަށް އެނގޭ ހަގީގަތެކެވެ. މި މަރުތަކުގައި މަރުވެފައިވާ ބައެއް މީހުންނަކީ މާލޭގައި ނަން މަޝްހޫރު މީހުންނެވެ. ގުރޫޕުތަކުން އެކަން ކޮށްފައިވަނީ ސިލްސިލާ މާރާމާރީތަކުގެ ތެރެއިންނާއި ބަދަލު ހިފުމުގެ ތެރެއިންނެވެ. ފުލުހުންގެ ރެކޯޑުތަކުންވެސް މިކަން ސާފުވާނެއެވެ. މިއީ ދީނީ ގޮތުން މީހަކު ގެންގުޅުނު ވިސްނުމެއްގެ ނަތީޖާއެއްގެ ގޮތުން ހިނގާދިޔަ ކަންކަމެއް ނޫނެވެ.
ދެން މި މުއްދަތުގައި ހިނގާފައިވާ އިތުރު 10 މަރަކީ އެކިއެކި ސަބަބުތަކާއި ގުޅިގެން ހިނގި ހާދިސާތަކެވެ. މިގޮތުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި އުމުރުން ދުވަސްވީ ދެމީހުން މަރާލުމާއި ސިކުނޑި ހަމަނުޖެހޭ އަންހެނަކު އޭނާގެ ކުޑަ ދަރިފުޅު މަރާލުމާއި އެންމެހާ ދިވެހިންނަށް މަޝްހޫރު އިބްތިހާލްގެ މަރު ހިމެނެއެވެ.
މި މުއްދަތުގައި ހަރުކަށިފިކުރެއްގެ ތެރެއިން ރާއްޖޭގައި ހިނގާފައިވަނީ އެންމެ މަރެކެވެ. އެއީ ނޫސްވެރިޔާ ރިލްވާންގެ މަރެވެ. އެކަން ހިނގާދިޔަ ގޮތް މަރުކޮމިޝަނުގެ ރިޕޯޓުން އެއޮތީ ސާފުކޮށް ފެންނާށެވެ. އަދި އެ މުއްދަތުގައި ރާއްޖޭގައި ހިނގާ ދިޔަ އެހެނިހެން މަރުތަކަކީވެސް އެފަދަ މަރުތަކެއް ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވާހަކަ ދެއްކެވުމުން ދޭހަވަނީ އެމަނިކުފާނަށް މިކަންތައްތައް ހިނގާގޮތް ނޭނގޭ ކަމެވެ. ނުވަތަ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލަން އުޅުއްވަނީ ކަމެވެ. މި މުއްދަތުގައި ހިނގާފައި ހުރި ހުރިހާ މަރުތަކުގެ ތަފްސީލު މި ލިންކުން ފެންނާނެއެވެ.
މި ލިޔުމުގައި ދެން ރައީސް ނަޝީދު ދައްކަވާފައި ވާ އެންމެ ބޮޑު ވާހަކައަކީ ދިވެހި ދައުލަތުގެ ތެރޭގައި "އަމިއްލަ ބާރެއް" ހިންގަމުން އަންނަ ކަމުގެ ވާހަކައެވެ. އަދި އެއީ ބޭރުގެ "ކިތަންމެ ޖާސޫސީ އިދާރާއަކުން" ފާހަގަކުރާ ހަގީގަތެއް ކަމުގައި ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް، މިދެންނެވި ފަދަ "ބާރެއް" ދިވެހި ދައުލަތުގެ ތެރޭގައި ހަރަކާތްތެރިވާ ކަމުގެ އެއްވެސް ދަލީލެއް ނަޝީދު ދައްކަވާފައި ނުވެއެވެ. އަދި ބޭރުގެ ކިތަންމެ ޖާސޫސީ އިދާރާއަކުން އެގޮތަށް ފާހަގަކޮށްފައިވާ ހަގީގަތެއް ކަމަށް ވިދާޅުވިއިރު ރައީސް ނަޝީދު ނޫން ބޭފުޅެއް މިކަހަލަ ވާހަކައެއް އަދި ދައްކަވާފައިނުވެއެވެ. މިވާހަކަތައް އެމަނިކުފާނު އެންމެ ފުރަތަމަ ދައްކަވަން ފެއްޓެވީ ރައީސް ޔާމީންގެ ވެރިކަމުގައި، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގޯސް ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން އެ ޤައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ދުވަސްވަރުގައެވެ.
އޭރު އެމަނިކުފާނުގެ ގެންގުޅުވާ "އެލެކްސް އަހްމަދު" ޓުވިޓަރ އެކައުންޓުން މިފަދަ ވާހަކަތައް ދެއްކެވިއެވެ. ދުނިޔޭގެ އެއްވެސް ޖާސޫސީ އިދާރާއަކުން މިފަަދަ ވާހަކައެއް މިހާތަނަށް ދައްކާފައިނުވެއެވެ.
އަދި ނަޝީދު ވިދާޅުވެފައިވާ ފަދަ އަނދިރި ދައުލަތެއް މޫލައި ހަރަކާތްތެރި ވެވޭނެ މާހައުލެއް ރާއްޖެއަކު ނުވެސް ނެތެވެ. ދައުލަތްތައް ފެއިލްވާ ގޮތާއި، ބާރުގަދަ ދައުލަތްތަކާއި ބަލިކަށި ދައުލަތްތަކާއި ފުނޑިފައިވާ ދައުލަތްތަކާއި ގުޅޭގޮތުން ވޯލްޑް ޕީސް ފައުންޑޭޝަން ގެ ކުރީގެ ރައީސް ރޮބަރޓް ރޮޓްބާގް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައިވެއެވެ. މިގޮތުން ރޮޓްބާގް ލިޔުއްވާފައިވާ ގޮތުގައި ނަޝީދު އެ ވިދާޅުވި ފަދަ އަޑީ ދައުލަތެއް ނޫނީ ދައުލަތުގެ ތެރެއިން ދައުލަތެއް (ޕެރެލަލް ސްޓޭޓް) އެއް އުފެދޭނީ އާންމުކޮށް ފެއިލް ވެފައިވާ ނޫނީ ފެއިލްވަމުން އަންނަ ދައުލަތްތަކުގައެވެ. ފެއިލް ވަމުން އަންނަ ދައުލަތެއްގެ އެންމެ އަސާސީ ސިފައަކީ ޤައުމުގެ އިސްތިޤްލާލަށް ގޮންޖަހާ އިތުރު ބަޔަކު ދައުލަތުގެ ތެރޭގައި އުފެދުމެވެ. އަދި ފެއިލްވެފައިވާ ދައުލަތެއްގައި މަރުކަޒީ ބާރެއް ނޯންނާނެއެވެ. އޮތަސް އޮންނާނީ ވެރިކަން ކުރާ ރަށުގައި އެކަންޏެވެ. ލީބިއާ އަކީ ފެއިލް ވެފައިވާ ދައުލަތެކޭ ބުނެވިދާނެއެވެ. ރޮޓްބާގްގެ ލިޔުންތަކުގެ ތަފްސީލަށް ނުދިޔަ ކަމުގައިވިޔަސް ނަޝީދު އެވިދާޅުވި ފަދަ އަޑީ ދައުލަތެއް އުފެދޭނީ، އަދި މާޒީގައި އުފެދިފައި ހުރީ ވެސް މިދެންނެވި ހާލަތުގައި ވާ ޤައުމުތަކުގައެވެ. ރާއްޖެއަކީ އެ ހާލަތުގައި ވާ ޤައުމެއް ނޫނެވެ.
ރައީސް ނަޝީދު ދެން ވިދާޅުވެފައިވަނީ މެދު އިރުމަތީގައި އައިސިސް ބަލިވަމުން އަންނާތީ ރާއްޖެއަށް ނުރައްކާ އިތުރުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ހަނގުރާމައަށް ދިޔަ ދިވެހިންނާއި އެމީހުންގެ ރަހުމަތްތެރިންވެސް ރާއްޖެ އަންނަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. މިއީ ވެސް ކަނޑައެޅިގެން ދޮގެކެވެ. ސީރިއާގައި ހަނގުރާމަކުރުމަށްފަހު ރާއްޖެއަށް އެއްވެސް ބިދޭސީއެއް އައި ކަމެއް އެނގޭކަށް ނެތެވެ. މިއީ ކުޑަކުޑަ މުޖުތަމައެކެވެ. ނަޝީދު އެ ވިދާޅުވާ ގޮތަށް ބޭރުގެ ހަނގުރާމަވެރިން އަންނަމުންދާނަމަ އެކަން ދިވެހިންނަށް ނޭނގި އޮވެދާނެ ހެއްޔެވެ.
އަދި އައިސިސް "ބަލިވީމައި" ދެން އަނބުރާ އަންނަނީ ރާއްޖެއަށް ކަމަށައި ރާއްޖޭގެ ދައުލަތް "އެމީހުންގެ" އަތް މައްޗަށް ފުރޮޅާލަން ބޭނުންވާ ކަމަށް ބުނާއިރު އައިސިސްއާއި އަދި އެހެނިހެން ޖަމާއަތްތަކާއި ގުޅެންދާ ފަރާތްތަތަކަކީ ޤައުމިއްޔަތު ޤަބޫލު ކުރާ ބައެއް ނޫނެވެ. އަދި ޝާމްގެ ބިމަކީ ދީނީގޮތުން ބަލާއިރު މުޤައްދަސް ބިމަކަށްވެފައި އިސްލާމީ ތާރީހުގައި އާއި ފަހު ޒަމާނުގައި އެބިމުގައި ހިނގާނެ ކަންތައްތަކުގެ ވާހަކަ ހަދީސްތަކުން ވާރިދު ވެފައިވާއިރު މިކަހަލަ އެތައް ކަމެއްގެ މައްޗަށް ބިނާކޮށް ޝާމްގެ ބިމަށް ހިޖުރަ ކުރިއަސް، އެފަދަ މަޤްސަދެއް އޮވެގެން ދިވެހިރާއްޖެއަށް ބިދޭސީ ބަޔަކު ހިޖުރަކޮށް މިތަނުގައި ވެރިކަމެއް ކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތެވެ.
ރައީސް ނަޝީދުގެ މަޒްމޫނުން ދޭހަވަނީ އެންމެ ކަމެކެވެ. އެމަނިކުފާނަށް މި މައުޟޫގައި ލިބިފައިވާ މައުލޫމާތުގެ އުނިކަމެވެ. އަދި ކަމުގެ ހަގީގަތް ހޯދަން އެއްވެސް ވަރަކަށް މަސައްކަތް ވެސް ނުކުރާކަމެވެ. އެހެނީ، މީގެތެރެއިން ގިނަ މައުލޫމާތު ތަކަކީ އިންޓަނެޓުގެ ޒަރިއްޔާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހޯދޭނެ މައުލޫމާތެވެ.
ދިވެހިރާއްޖޭގައި ދީނީ ގޮތުން އާންމުކޮށް ދިވެހިން ޤަބޫލުކުރާ ގޮތާއި ހިލާފު ވިސްނުންތައް ގެންގުޅޭ ފަރާތްތައް ތިބިކަމީ ދެކޮޅު ނެހެދޭނެ ހަގީގަތެކެވެ. އެކަމަށް އޮތް ހައްލަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކައިގެން، ދައުލަތުން އާންމު ފަރުދުންގެ ޒާތީ މިނިވަންކަން ނިގުޅައިގަނެވޭނެ ފަދަ ޤާނޫނުތަކެއް ހަދާ ވަކި ކަހަލަ ހިޔާލު ފާޅުކުރުން މަނާކުރުމެއް ނޫނެވެ. ހައްލަކީ އެ ވިސްނުމަށް ދިޔުމަށް މަގުފަހިވާ ސަބަބުތައް އިލްމީ ދިރާސާތަކުގެ އަލީގައި ހޯދާ، ޤައުމީ ފެންވަރުގައި ދުރުރާސްތާ ޕްލޭންތަކެއް ހެދިގެން ތައުލީމީ ނިޒާމާއި އަދި އާންމު އިޖުތިމާއީ އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިން އިސްލާމްދީނުގެ ރަނގަޅުގޮތް ބުނެދީ، ޒުވާނުންގެ ހިތްތަކުގައި އުފެދޭ ޝައްކުތަކާއި ހިޔާލުތަފާތުވުންތަކަށް ޖަވާބު ދެވޭނެ ނިޒާމެއް ޤާއިމް ކުރުމެވެ.