ކޮވިޑް-19 ބަލިމަޑުކަން ހަންމަތަކުރުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެ، އެކަމުގެ ސަބަބުން ބޭރުގެ ޚާއްޞަ އެހީއަކަށް އެދިފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މިފަދައިން އޭނާ ވިދާޅުވީ އޮންލައިން ނޫހެއްގައި ކޮންޓުރޯލު ގެއްލި ސަރުކާރުން ޚާއްޞަ އެހީއަށް ބޭރުގައި އެދިފައިވާކަމަށް ރިޕޯޓުކުރުމާ ގުޅިގެން ރޭ ކުރެއްވި ޓުވީޓެއްގައެވެ.
މަބްރޫކު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އަބަދުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް "ކޮންޓުރޯލު ގެއްލި" ޚާއްޞަ އެހީއަކަށް ދިވެހި ސަރުކާރުން އެދިފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުގެ ހަލާތާ ގުޅިގެން ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން ދޭތޯ ސުވާލުކުރުމުން މަބްރޫކު ވިދާޅުވީ މި ހާލަތުގައި ރާއްޖެއަށް ބައިނަލްއަޤުވާމީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އެކި ގޮތްގޮތުން އެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެހީތެރިވެދޭނެ ޤައުމުތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މީގެ ކުރިންވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކި މިންވަރަށް އެހީތެރިކަން ލިބިފައިވާކަން މަބްރޫކު ފާހަގަކުރެއްވިއެވެ. އެއާއެކު މިހާރުވެސް އެ އެހީތަކުގެ ބޭނުންހިފަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު 1،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސިވަމުން އަންނައިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމުނު 24 ގަޑިއިރުގެ ތެރޭގަައި އެކަނި 7 މީހަކު މި ބަލީގައި ރާއްޖެއިން ނިޔާވިއެވެ. އަދި މިވަގުތުވެސް 14 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ. މިހަތަނަށް ޖުމްލަ 112 މީހަކު މި ބަލީގައި ނިޔާވެފައިވެއެވެ.