Saturday 5th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

މާލެއިން ފިޠުރު ޒަކާތުގެ ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބުނު

މި އަހަރުގެ ރަމަޟާން މަހު މާލެއިން ފިޠުރު ޒަކާތުގެ ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަނެފައިވާއިރު، އެ މުއްދަތުގައި މާލެ ސަރަހައްދުން 164،392 މީހުންވަނީ ފިޠުރު ޒަކާތް ދައްކާފައެވެ. އަދި ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 6،746،896 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އަދި މާލެ ސިޓީގައި ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ ޒަކާތް ޙައްޤުވާ މީހުންގެ ޖުމްލަ ޢަދަދެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނީ 1،498 މީހުންނެވެ. އަދި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަޤީރުންގެ ދަފުތަކުގައި ހިމެނުނު ފަރާތްކަށް ބަހާފައިވަނީ 6،274،800 ރުފިޔާއެވެ. އެހެންކަމުން އެ ލިސްޓުގައި ހިމެނުނު ކޮންމެ މީހަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 4،200 ރުފިޔާ ލިބުނެވެ.

މި ލިސްޓުގައި ހިމެނުނު 1498 މީހުންގެ ތެރެއިން 1472 މީހަކުވަނީ މިނިސްޓްރީން ދިން މުއްދަތުގައި އެ މީހުންގެ އެކައުންޓުތަކުގެ ތަފުސީލު މިނިސްޓްރީއާ ހިއްސާކޮށްފައި ކަމަށާއި، އެހެންކަމުން އެ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެކައުންޓުގެ ތަފުސީލު ނުލިބުނު މީހުންގެ ތެރެއިން 22 މީހަކަށް ޒަކާތުގެ ފައިސާ މިނިސްޓްރީން ދޫކޮށްފައިވާ ކަމަށާއި، ފައިސާ ނުދެވޭ 4 މީހަކު ތިބިކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ފަޤީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރަށް ފިޠުރު ޒަކާތުގެ ފައިސާއިން 472،096 ރުފިޔާ ހަވާލުކޮށްފައިވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާގެ އިތުރަށް ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒާއެވެ.

ފާއިތުވި އަހަރުތަކަށްވުރެ މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ މިންވަރުވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނުނު މީހުންގެ އަދަދުވަނީ މަދުވެފައެވެ.

މި ލިއުމާއި ގުޅޭ