ދިވެހިރާއްޖޭގައި މިހާރު އޮތް ޕެންޝަން ސުކީމުގެ ދަށުން އިންވެސްޓް ކުރާ ދާއިރާތައް އިތުރު ކުރުމަށް ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ރައްކާތެރި ކުރުމުގެ ގޮތުން ޕެންޝަން ސްކީމުން އިންވެސްޓް ކުރަނީ ވަކި ދާއިރާ ތަކަކަށެވެ. އެހެންނަމަވެސް، އިތުރު ދާއިރާތަކަށް އިންވެސްޓްކޮށް ޕެންޝަން ސްކީމުގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ފައިދާ އިތުރު ވާނެ ގޮތްތައް ހޯދުމަށް ދިރާސާ ކުރަމުންދާ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
މިހާރު ޕެންޝަން ފަންޑުން އިންވެސްޓް ކުރެވެނީ، ސަރުކާރުން ދޫކުރާ ސެކިއުރިޓީސްއާއި، ލައިސަންސް ލިބިގެން ހިންގާ ސްޓޮކް އެކްސްޗޭންޖާއި ރަސްމީކޮށް ވިއްކަމުންދާ ވިޔަފާރިތަކުގެ ސެކިއުރިޓީސް އާއި، ރާއްޖޭގައި ހުއްދަ ލިބިގެން ހިންގާ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑްތަކަށް އެކަންޏެވެ.
"އިތުރު ދާއިރާތަކުގައި އިންވެސްޓްކޮށް ސްކީމްގެ މެމްބަރުންނަށް އިތުރު އިންވެސްޓްމަންޓް ޗޮއިސްތައް ދެވޭ މިންވަރަށް އިންވެސްޓް ކުރުމުގެ މަސައްކަތް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިންވެސްޓް ކުރެވޭ ދާއިރާތައް އިތުރު ކުރުމަށް ކުރަން ޖެހޭ ދިރާސާތައް ދަނީ ކުރަމުން،" ޕެންޝަން އޮފީހުގެ މީޑިއާ އޮފިޝަލަކު އޮންލައިން ނޫސް އަވަސްއަށް މައުލޫމާތު ދެއްވާފައިވެއެވެ.
ސަރުކާރުގެ ފަރާތުން މި ފަހުން ވަނީ ޕެންޝަނާ ބެހޭ ގާނޫނަށް ވެސް އިސްލާހެއް ހުށަހަޅާފައެވެ. އެހެންނަމަވެސް ފާޑުކިޔުންތައް ބޮޑުވެ، އެ ބިލް ވަނީ އަނބުރާ ފޮނުވާލާފައެވެ. އެ ބިލް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުގެ ކުރިން ވަނީ ޕެންޝަން އޮފީހާއި ވެސް މަޝްވަރާ ކޮށްފައެވެ.