Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެ: ރައީސް ނަޝީދު

މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ވެރިކަންކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި މަސައްކަތްތެރިންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވަމުންނެވެ. "މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީ އަބަދުވެސް ވަކާލާތުކުރާނެ" ނަޝީދު ވިދާޅުވިއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ވިދިގެން އައި 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައިވެސް އެމްޑީޕީންވަނީ ވަރަށް ބޮޑެތި ވަޢުދުތައް މަސައްކަތްތެރިންނަށް ވެފައެވެ.

އެގޮތުން މަސައްކަތްތެރިންނަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި އެކަށީގެންވާ މިންވަރެއް ކަނޑައެޅުމާއި، މަސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ގޮތް ހެދުމާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށަށް ރޭގަނޑު އަނބިދަރިންގެ ގާތަށް ދެވޭނެ ގޮތް ހަމަޖެއްސުންފަދަ ކަންކަން ހިމެނެއެވެ. އަދި މުވައްޒަފުންގެ ސާވިސް ޗާޖު ކަށަވަރުކޮށްދިނުމަކީވެސް އެމްޑީޕީގެ ވަޢުދެކެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ޓުވީޓުގައި ފާހަގަކުރެއްވި ގޮތުގައި ރިސޯޓު މުވައްޒަފުންގެ ސާވިސް ޗާޖު މިހާރުވަނީ ކަށަވަރުކޮށްދެވިފައެވެ. ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުން ލާޒިމުކޮށް ވަކި މިންވަރެއް މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ސާވިސް ޗާޖުގެ ގޮތުގައި ބެހުން މިހާރުވަނީ ޤާނޫނުން ލާޒިމުކޮށްފައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އަދި ނިންމިފައިނުވާތީ އެކަމަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓައިނުލާ ކުރިއަށް ގެންދާނެ ކަމުގައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ދިގުލައިގެން ދިއުމާއި، އަލަށް ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ކުންފުނީގެ މާލީ ޙާލަތު ހުރި ގޮތުން ނުވަތަ ވިޔަފާރިއަށް އަންނަ ބަދަލަކާ ގުޅިގެން ވަޒީފާތައް އުވައިލާ އެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އޮތުމުން މަސައްކަތްތެރިންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

މި ލިއުމާއި ގުޅޭ