ޕެންޝަނުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ބިލުގައި ވާ ގޮތުން އެކި މަގާމުތަކުގައި އުޅުމަށް ފަހު ރިޓަޔާވާ މީހުންނަށް އެ މީހުން އަދާކުރި މަގާމާ ގުޅޭ ގޮތުންް ތަފާތުވާ ގޮތުގައި ދޭ ޕެންޝަަންތައް ކަނޑާލާނެއެވެ.
ދައުލަތުގެ ވަޒީފާތަކުގައި އުޅެ އުމުރުގެ ބޮޑުބައި ހިދުމަތުގައި ހޭދަކޮށް ރިޓަޔާކުރާ މީހުންނަށް އެ މީހުން އަދާކުރި ވަޒީފާއަށް ބަލައި ތަފާތު މިންގަނޑުތަކުން ދެމުން އަންނަ ޕެންޝަންތައް އުވައިލާއި އަދި ދައުލަތުގެ މަގާމެއް އަދާ ކުރުމަށް ފަހު ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމަކަށް އަންނަ ހިސާބުން، އޭނާއަށް ޕެންޝަން ލިބުން ހުއްޓޭނެއެވެ.
ތަފާތުވާ ގޮތުގައި ދޭ ޕެންޝަން ކަނޑާލުމުގައި ސިފައިންނާ، ފުލުހުންނާއި އަދި ފަނޑިޔާރުން އިސްތިސްނާ ވާނެއެވެ. މި ބިލުގެ 2-32 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނު ފިޔަވައި ދައުލަތުގެ އެކި އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން އައި، ދައުލަތުގެ އެހެނިހެން ޕެންޝަންތައް މިގާނޫނަށް އަމަލުކުރަން ފެށުމާއި ހިސާބުން އެއިދާރާއެއް މެދުވެރިކޮށް ދިނުން ނިމުމަކަށް އަންނާނެއެވެ. ބިލުގައި އިސްތިސްނާކޮށްފައިވާ މުއައްސަސާތައް ފިޔަވައި އެހެނިހެން ތަންތަނުގައި މަސައްކަތްކޮށް ރިޓަޔާވެފައިވާ މީހުންނަށް ވެސް ޕޭކޮމިޝަން މެދުވެރިކޮށް، ޕެންޝަނުގެ މިންވަރުތައް އަލުން ކަނޑައެޅުމަށް ބިލުގައި ވެއެވެ.
މި ބިލާ މެދު ހުރި ކަންބޮޑުވުން ފާޅު ކުރައްވާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ މިއަދު ސަރުކާރުން ޕެންޝަނުގެ ގާނޫނަށް ގެންނަމުންދާ ބަދަލު ތަކާއި ގުޅިގެން މިގައުމުގެ ތަރައްގީ އާއި ކުރިމަގަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ފަރާތްތައް މިވަނީ ނިކަމެތިވެފައި ކަމަށެވެ.
" ޕެންޝަނުގެ ގާނޫނަށް ސަރުކާރުތަކުން ގެންނަމުން އައި ބަދަލުތަކާ އެކީގައި މިއަދު އެންމެ ނިކަމެތި ބަޔަކަށް މި ވަނީ މިގައުމު ތަރައްގީކުރުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުން "އާދަމް ޝަރީފް
ދައުލަތަށް ވިހި ތިރީސް އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅުން އަޅާނުލާ ދޫކޮށްލުމީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހާރޫނު ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ.