Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެރޫ

ރައްޔިތުންނަށްވުރެ ކުރިން ޕެރޫގެ ކުރީގެ ރައީސް ވަގަށް ވެކްސިން ޖެހި މައްސަލާގައި ބޮޑު އަދަބެއް

އެހެން މީހުންނަށްވުރެ ކުރިން އުސޫލުތަކުގެ ބޭރުން ކޮވިޑު-19 ވެކްސިން ޖެއްސެވި މައްސަލާގައި ޕެރޫގެ ކުރީގެ ރައީސް މާޓިން ވިޒްކަރާއަށް އެ ޤައުމުގެ އެއްވެސް އިންތިހާބީ މަޤާމަކަށް ކުރިއަށް އޮތް 10 އަހަރު ކުރިމަތި ނުލެވޭ ގޮތަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ޕެރޫގައި ސައިނޯފަމް ކޮވިޑު-19 ވެކްސިން އާންމުންނަށް ދޭން ފެށުމުގެ އެތައް ދުވަހެއް ކުރިން، އެ ޤައުމުގެ ކުރީގެ ސަރުކާރުގެ އިސްވެރިން ވަނީ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ވެކްސިން ޖަހާފައެވެ. އެފަހުން އަލަށް އިންތިހާބުވި ސަރުކާރުން އެ މައްސަލަ ބެލުމަށްފަހު އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ދަނީ އަދަބު ދެމުންނެވެ.

ކުރީގެ ރައީސް މާޓިން ގެ އިތުރުން، ޕެރޫގެ ކުރީގެ ހެލްތު މިނިސްޓަރު ޕިލާރް މަޒޭޓީވެސް ކުރިއަށް އޮތް 8 އަހަރު އާންމު އިންތިހާބެއްގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު އެލިޒަބަތު އެސްޓެޓެ އަށް ކުރިއަށް އޮތް 1 އަހަރު ވާދަ ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައެވެ.

ޕެރޫގެ މިހާރުގެ ރައީސް ފްރާންސިސްކޯ ސަގަސްޓީ ވިދާޅުވެފައިވާ ގޮތުގައި ޕެރޫގެ ކުރީގެ ރައީސް އާއި ކުރީގެ މިނިސްޓަރުންވަނީ އޮކްޓޯބަރު 2020 ގައި ކޮވިޑު-19 ވެކްސިން ޖަހާފައިކަމަށެވެ. މިގޮތުން 487 ފަރާތަކުން ވަނީ މަޤާމުގެ ނޫފުޒުން ބޭނުންކޮށްގެން ވެކްސިން ޖަހާފައިކަމަށް ސަގަސްޓީ ވިދާޅުވެފައިވެއެވެ.

އަދި އެ ފަރާތްތަކުން ވެކްސިން ޖަހާފައިވަނީ ޕެރޫގައި ރަސްމީކޮށް ވެކްސިން ދޭން ފެށުމުގެ ކުރިންނެވެ. ކުރީ ސަރުކާރުގެ އިސް އޮފިޝަލުން ޖަހާފައިވަނީ ޗައިނާގެ ސައިނޯފާމް ވެކްސިންއެވެ.

ޕެރޫގައި ކުރިއަށް ގެންދިޔަ ސައިނޯފާމްގެ ޓްރައިލްތަކުގައި ބޭނުން ކުރަން ގެނައި މި ވެކްސިން ޖެހި ބައެއް މީހުންގެ ތެރޭގައި މިހާރުގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ހިމެނެއެވެ.

ޕެރޫގައި ރަސްމީކޮށް ވެކްސިން ދޭން ފެށީ 9 ފެބްރުއަރީގައެވެ. އަދި ޕެރޫ އަކީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ވެކްސިން ދޭން ފެށި ފުރަތަމަ ޤައުމެވެ.
މި ލިއުމާއި ގުޅޭ