ވޭތުވެދިޔަ އަހަރު ޒަކާތު ފަންޑު މެދުވެރިކޮށް 567 މީހުންގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި އަހަރީ ރިޕޯޓުން ދައްކާގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރު އެ ފަންޑުން 6.34 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ޒަކާތު ފަންޑުގެ ދަށުން އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށެވެ. އެގޮތުން ކެންސަރު ބަލި ތަހައްމަލުކުރަމުންދާ 144 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ދެވަނަ އަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ލޮލުގެ ބައްޔަށް ފަރުވާ ހޯދުމަށް ކަމަށްވާ އިރު، ލޮލުގެ ބައްޔަށް ފަރުވާ ހޯދުމަށް 58 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި ހިތުގެ ބަލި ހުންނަ 26 މީހަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން، ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 24 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، އޯޓިޒަމަށް ފަރުވާ ދިނުމަށްޓަކައި 14 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި ހޮސްޕިޓަލްގެ ބިލްތައް ދެއްކުމަށާއި ޓްރާންސްޕްލާންޓް ހެދުމަށް ހަތް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޒަކާތު ފަންޑު މެދުވެރިކޮށް އެހެނިހެން ކަންތައްތަކަށްވެސް އިސްލާމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އޭގެތެރޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށާއި، ތައުލީމް ހާސިލްކުރަމުންދާ ފަރާތްތައްވެސް ހިމެނެ އެވެ.
ޒަކާތު ފަންޑުގެ ދަށުން ވަނީ ފާއިތުވެދިޔަ އަހަރުގައި ފުލް ސްކޮލަޝިޕް ލިބިގެން ކިޔަވަމުންދާ 13 ދަރިވަރަކަށް ޖުމްލަ 677،166.10 ރުފިޔާ ޚަރަދުކޮށްފަ އެވެ.
2020 އަހަރު ނިމުނު އިރު، ޒަކާތު ފަންޑުގައި 129.9 މިލިއަން ރުފިޔާ އެބަހުއްޓެވެ.
ކޮވިޑް-19 އާއި ގުޅިގެން، ޒަކާތު ފަންޑުގެ ދަށުން ބޭސްފަރުވާއަށް އެދުނު މީހުންގެ އަދަދު މަދުކަން ފާހަގަކޮށް، އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު، ބޭސްފަރުވާއަށް ކޮށްފައިވާ ޚަރަދު މަދުވެފައިވާ ކަމަށެވެ.