Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ފަޤީރުންގެ ދަފުތަރާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ފަޤީރުންގެ ދަފުތަރުގައި ހިމަނައިދިނުން އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ލިސްޓުގައި ހިމެނިފައިނުވާ މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެ މިނިސްޓްރީން ހުޅުވާލައިފިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް ފަޤީރުންގެ ދަފްތަރުގައި ނަން ހިމެނުމަށް އެދުމުގެ ފުރުޞަތު ފާއިތުވި ފެބްރުއަރީ 21 ވަނަ ދުވަހުން މާޗު މަހުގެ 21 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީން ހުޅުވައިލިއެވެ.

އެ މުއްދަތުގެ ތެރޭގައި ހުށަހެޅި ފޯމުތައް ދިރާސާކުރުމަށްފަހު ދަފުތަރަށް އިތުރުކުރެވުނު ފަރާތްތަކަށް އެކަން އެންގުމާއެކު، ދަފުތަރުގައި ނުހިމެނުނު ފަރާތްތަކަށް މިނިސްޓްރީން އެކަން އެސްއެމްއެސް މެދުވެރިކޮށް އަންގަމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މިނިސްޓްރީގެ މި ނިންމުމާމެދު ޝަކުވާއެއް އޮތްނަމަ، އެކަން މިނިސްޓްރީއަށް އީ-މެއިލް މެދުވެރިކޮށް ހުށަހަޅަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހުގެ ވަގުތަކީ މާދަމާގެ މެންދުރު 14.00 ގެ ކުރިންނެވެ. ޝަކުވާ ހުށަހަޅާނީ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

އެންމެ ފަހުން ފަޤީރުންގެ ދަފުތަރު އެކުލަވައިލީ 2019 ވަނަ އަހަރުގެ ރަމަޟާން މަހަށެވެ. ފާއިތުވި އަހަރު ކޮވިޑާ ގުޅިގެން މާލެ ފުރަބަންދުކޮށްފައި އޮތުމުން ދަފުތަރު އައުކޮށްފައިނުވެއެވެ. ފަޤީރުންގެ ދަފުތަރު އަދާހަމަނުކޮށް މުދަލު ޒަކާތް ބެހުމުން ފާއިތުވި އަހަރު މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

އެންމެ ފަހުން މިނިސްޓްރީން އެކުލަވައިލި ދަފުތަރުގައި 10،944 މީހުން ހިމެނިފައިވެއެވެ.

މި ލިއުމާއި ގުޅޭ