Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

އަންހެނަކާއި ފިރިހެނެއް

ދިމިޝްޤަށް ކުރިމަތިވި އަނިޔާވެރިކަމުގެ އަނދިރިކަމާއި ދިލަހޫނާ އެ ޝަހަރު ހަނގުރާމަކުރަމުންދިޔަ ދުވަސްތަކުގެ ތެރެއިން ހިޖުރީ ސަނަތުން 607 ވަނަ އަހަރުގެ ދުވަހެކެވެ. ދިމިޝްޤުގެ އަވަށްތަކަށް ޞަލީބީން ވެރިވެގެން އުޅުނު ދުވަސްވަރެވެ. ނާބުލުސްއާއި ޢުކާ އަދި އެ ނޫންވެސް ޝަހަރުތައް އޮތީ ޞަލީބީ ހަނގުރާމަވެރިންނާއިގެން ތޮއްޖެހިފައެވެ. ބައެއް އެހެން ޝަހަރުތަކުގައި ޠާޢޫނު ބަލި ދިޔައީ ހިކިފަނުގައި އަލިފާން ރޯވެ ފެތުރޭހެން ފެތުރެމުންނެވެ. އެހެނަސް ދިމިޝްޤުގެ ހިތްވަރު ދިޔައީ އިތުރުވަމުންނެވެ. ޖޯރު ދިޔައީ ގަދަވަމުންނެވެ. އެއީ ދިމިޝްޤުގެ ޠަބީޢަތެވެ.

މަސީޙީންގެ ޠޫފާނު ދިޔައީ ފެތުރެމުންނެވެ. އެ ޠޫފާނާއެކު ހަލާކާއި މަރު އުފުލައެވެ. އެ ޠޫފާނު ފަސްގަނޑަށް އަތުވެއްޖެނަމަ، އެ ފަސްގަނޑަކުން ޙަޟާރަތުގެ ހުރިހާ އަސަރެއް މުލުން ލުހެލައި ނައްތައިލައެވެ. އެ ޠޫފާނު އޮތީ ޝާމުގެ މައްޗަށް ވެރިވެފައެވެ. އެއިން މިންޖުކޮށް ދަފަރާކޮށްދޭނެ ބަޔަކު ނެތެވެ. އެ ޠޫފާނާއި ޝާމުގެ ރައްޔިތުންނާ ދެމެދު ހުރަހެއް ނިވަލެއް ނެތެވެ. ޝާމުގެ ގެއެއްގައި ޒުވާނަކު ނެތިދާ ހިސާބަށެވެ. މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިން ފިޔަވައި އިތުރު މީހަކު ރަށްރަށުގައި ނޫޅެއެވެ. ގައިވަރުހުރި މީހަކުނަމަ ޖިހާދުގެ ކަމަރުބަދެގެން ނުކުންނަނީއެވެ.

ޖިހާދުގެ ނިދާއަށް އިޖާބަދީ އެދިޔަ ގިނަ ބައެއްގެ ތެރޭގައި ހިމެނިގެން މައިސޫނުގެ އަޚުންތައްވެސް ޖިހާދަށް ގޮސްފިއެވެ. ދީނާއި ފަސްގަނޑުގެ ދިފާޢުގައެވެ. ގޭގައި އޭނާގެ ޒުވާންކަމާއި ޅަދޮޅު ރިވެތިކަމާއި އަޚުންގެ ޒިކުރާ ފިޔަވައި އިތުރު އެއްވެސް ކަމެއް ނެތި މައިސޫން އެކަނިކޮށްފައެވެ.

މައިސޫނުގެ ސިކުނޑިއަށް ހާސްކަން ވެރިވެއްޖެއެވެ. އޭނާގެ ފިކުރުވަނީ ލޮބުވެތި ދެ ކަމެއްގެ މެދުގައި ބެހިފައެވެ. އަޚުންގެ ޙާލާމެދު ކުރެވޭ ފިކުރާއި، ވަޠަނަށް ޖެހިދާނެ ޙާލަތާމެދު އޮތް ކަންބޮޑުވުމެވެ. އޭނާގެ އަޚުންނާމެދު ކަންވީ ގޮތެއް އޭނާއަށް ނޭނގެއެވެ. ވަޠަނަށް ޖެހެމުން އަންނަ ޙާލެއްވެސް ނޭނގެއެވެ.

މައިސޫނަށް އިވެނީ މަގުމަތީ ހޭލަމޭލަވެ އުޅޭ މީހުން ތުންތުން މަތިން ދައްކާ ވާހަކައެވެ. އެއިން އޭނާއަށް އެނގުނީ އިހުނަށްވުރެ ނުރައްކާ ބޮޑުވެ، ހަލާކު ގާތްވެއްޖެ ކަމެވެ. މި މަޣޫލުން ރޭގެ އަނދިރީގެ ފަރުދާއިން ނިވާވެގެން ތިބެ ފަލަސްޠީނުގެ އައްސޭރިއަށް ޙަމަލާތައް ދެމުންދާ ކަމެވެ. އެމީހުން މަދަދުވެރިވަނީ ބިންތައް ފޭރިގަނެގެން އުޅޭ މަސީޙިންނަށް ކަމެވެ.

އޭނާ ވިސްނަން ފެއްޓިއެވެ. މި ނުލަފާ އޮއިވަރާ ދެކޮޅަށް ކުރަމުންދާ މަތިވެރި ޖިހާދަށް އެހީވުމަށް އޭނާއަށް ކުރެވިދާނެ ކަމަކާ މެދުގައެވެ. މަސައްކަތާއި ވިޔަފާރިއަށް ކޮންމެ ދުވަހަކު އައިސްގޮސްވެ އުޅޭ މީހުންގެ ހިތްތަކުގައި ޖިހާދުގެ ރޫޙާއި އަލިފާން ހުޅުދާންކުރާނެ ގޮތަކާ މެދުގައެވެ. އެމީހުން އެ އުޅެނީ ޠަބީޢަތުގެ ރީތިކަމާއި ކައުނުގެ ފުރިހަމަކުން އެ މީހުންނަށް ލިބެން އޮތް ނަސީބެއް ހޯދުމުގައެވެ. އެބައިމީހުންގެ ހަށިތަކަށް ލިބޭ އަރާމާއި ވިޔަފާރި ފައިދާގެ ސަބަބުން ޤައުމަށް ކުރިމަތިވަމުން އަންނަ ބޮޑު ބިރު ނުފެންނަނީއެވެ.

އެބައިމީހުން އިސްތިޢުމާރުގެ ދަށުގައި ތިބޭތާ މާ ގިނަ ދުވަސްވީއެވެ. މިނިވަންކަމާއި ޝަރަފާއި ޢިއްޒަތުގެ ހަނދާނެއް އެމީހުން ނެތެވެ. މި ރަށްތަކަކީ އެމީހުންގެ އަމިއްލަ ރަށްތަކެއްކަންވެސް މިހާރު ހަނދާން ނެތެވެ. އެ މީހުން ދެކޭ ގޮތުގައި މި ރަށްތަކަށް ވެރިވެގެން ތިބި މަސީޙީންގެ ވެރިކަމަކީ ސިއްކަޖެހި ލިޔެވިފައި އޮތް ގޮތެވެ. އެއާއެކު ކުރިއަށްދިއުން ނޫން އެހެން ގޮތެއް ނެތް ޤަޟާ ޤަދަރުގެ ނިޔާއެވެ. އުފާވެރިކަމުގެ ދުވަސްތައް އެއަށް އަނބުރާ އިއާދަނުވެވޭ ގޮތަށް ނިމުނީއެވެ.

އެތައް ޒަމާނަކަށް ގަނޑުވެފައިހުރި މި ނަފްސުތައް ޒުވާން އަންހެނަކު ހޭލައްވައި ހަރަކާތްކުރުވާނީ ކިހިނެއް ހެއްޔެވެ؟ މައިސޫން އޭނާގެ ނަފުސާ ކުރިމަތިކުރާ ސުވާލެވެ. އައިސްގޮސްވެ މިއުޅޭ މީހުންނަށް ޙަޔާތަކީ ބަނޑުފުރުމާއި ޝަހުވަތްތައް ފުއްދުމާއި، މުދާ އެއްކުރުން ނޫންކަމާއި، އެއީ ޢިއްޒަތާއި، ތަޤުވާއާއި ހެޔޮ ރަނގަޅު ޢަމަލުތައްކަން ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ އަދި އެބައިމީހުންނަށް ވަޠަނުގެ ޙައްޤު އެނގި، އަދި ޝާމުގެ ބިމުގައި މިއިން އެންމެ ފަރަންޖީއެއް ހުރިހައި ހިނދަކު އެއްވެސް ފިރިއަކު އޭނާގެ އަނބިން ކިބައިން އަރާމު ހޯދުމަށް ހިތްނުރުހި، އެއްވެސް މުއްސަންޖަކު އޭނާގެ މުދަލުން އުފަލެއް ހޯދަން ނޭދި، ނިދީގެ އަރާމަށްޓަކައި ލޯ މަރައިލަންވެސް ނުރުހެންޖެހޭކަން ކޮންމެ މުސްލިމަކަށް އަދި ޢަރައްބަކަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟

މައިސޫނު މި ފިކުރުތަކަތަކަށް ޣަރަޤުވެފައި އިނެވެ. އެ ފިކުރުގައި އިންދައި ދޮރުގައި ޓަކިޖަހާން ފެށިއެވެ. އޭނާގެ ހަތަރު އަޚުން ޖިހާދުގެ މަގުގައި ޝަހީދުވި ކަމުގެ ޚަބަރާއެކު އައި މީހެކެވެ.

މައިސޫނުގެ ހިތް ކުދިވިއެވެ. އޭނާގެ ލޫޅާފަތި ހަށިގަނޑާއި އެ ހަށިގަނޑުގައިވާ މައުސޫމު އެހާމެ ނާޒުކު ހިތަށް މި ޚަބަރު އުފުލަން ނުކުޅަދާނަވިއެވެ. އޭނާ ވަރުބަލިވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް ހިތުގައި އޮތީ އީމާންކަމެވެ. އީމާންކަމަށް އިތުރު ހިތްވަރެއް އިތުރުކުރަނީ ޒުވާންކަމުގެ ޖޯޝުންނެވެ. (ނުނިމޭ)

ނޯޓު:

މި ވާހަކައަކީ ޝައިޚު ޢަލިއްޔުއް ޠަންޠާވީ ރަޙިމަހުﷲ ލިޔުއްވާފައިވާ "قصص من التاريخ" ނުވަތަ ތާރީޚުގެ ތެރެއިން ވާހަކަތައް މި ފޮތުން ނަގައި ދިވެހި ބަހަށް ނަކަލުކުރާ ވާހަކައެކެވެ.

މި ލިއުމާއި ގުޅޭ