Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

އެމްއޭސީއެލްގެ މަތީ މަޤާމުތަކަށް ބޭރު ފަރާތްތައް ހަމަޖައްސާތީ ކަންބޮޑުވުން

ރާއްޖޭގެ މައި ވައިގެ ބަނދަރު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އިސް މަޤާމުތަކަށް ބޭރުގެ ބޭފުޅުން ހަމަޖައްސާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް މޯލްޑިވިއަންގެ ކުރީގެ ޓެކްނިކަލް ޑިރެކްޓާ ކެޕްޓަން މުޙައްމަދު އަމީން ފާޅުކުރައްވައިފިއެވެ.

އަމީނުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުވެސް އެކަމުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފުވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަމީނު ވިދާޅުވީ އެމްއޭސިއެލްއަކީ ދިވެހިރާއްޖޭގައި ތިވި އެންމެ ތައުލީމީ ހުނަރުވެރި މުވައްޒަފުން ތިބި އެއް ކުންފުނި ކަމުގައެވެ. އަމީނު އެފަދައިން ވިދާޅުވެފައިވާއިރު، އެމްއޭސީއެލްއިން ހިންގަމުންދާ އެއާޕޯޓު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ކުންފުނީގައި ތިއްބެވި ދިވެހި ބޭފުޅުން ފަރުމާކުރައްވައި ފައިސާ ހަމަޖައްސަވައި ފެއްޓެވި ބިޔަ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.

ކެޕްޓަން އަމީނު އިތުރަށް ވިދާޅުވީ މުޅި ކުންފުނީގެ މެނޭޖުމެންޓު މި ސަރުކާރުން ބަދަލުކޮށް އެ ކުންފުނީގެ މުއައްސަސީ ހަނދާން (އިންސްޓިޓޫޝަނަލް މެމޮރީ) އެއްވެސް މިންވަރަކަށް ނެތް ބޭރުގެ ފަރާތްތަކަށް ހިންގުމުގެ މަތީ މަޤާމުތަކަށް ހަމަޖެއްސުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެ ފަރާތްތަކަކީ ރާއްޖޭގައި މަސައްކަތްކުރުމުގެ ތަޖުރިބާއެއް ނެތް ފަރާތްތައް ކަމަށައި، އެ މަޤާމުތަކަށް އެކަށީގެންވާ ހުރިހާ ދިވެހިން އެއް ފަރާތްކޮށްފައިވާ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލްގެ އެންމެ މަތީ ފަންތީގެ ހުރިހާ މަޤާމުތަކަށް ސަރުކާރު ބަދަލުވުމަށްފަހު ބޭރުގެ ފަރާތްތައް އައްޔަންކޮށްފައިވާއިރު، ސަރުކާރުގެ ހިއްސާ އޮންނަ އިތުރު ކުންފުނިތަކަށްވެސް ބޭރުގެ ފަރާތްތައް އައްޔަންކުރަމުން އަންނާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. ދިރާގުގެ ހިއުމަން ރިސޯސް މެނޭޖަރަކަށްވެސް އިންޑިޔާގެ ރައްޔިތެއް ދާދިފަހުންވަނީ ހަމަޖައްސާފައެވެ.

މި މައްސަލައާ ގުޅިގެން ސަޢީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެއާޕޯޓު އިންޑިޔާގެ ޖީއެމްއާރަށް ވިއްކައިލި ކަމަށެވެ. މިހާރު ފެންނަނީ އެފަދަ ކަމެއްގެ ކޮޅުމަތި ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވެރިކަމަށް ރައީސް އިބްރާހީމް މުޙައް ޞާލިޙު ވަޑައިގަތީ ދިވެހި ހުނަރަށް އިހުތިރާމުކުރައްވާނެ ކަމަށް ވިދާޅުވަމުން ކަމަށާއި، އަދި ބޭރުގެ ފަރާތްތަކަށް ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ވިއްކައިލުން ހުއްޓައިލާނެ ކަމަށް ވިދާޅުވެ އަމަލުުރައްވަނީ އޭއާ ދިމާ އިދިކޮޅަށް ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ.

އާދަމް ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މުއައްސަސާތައް ދެމެހެއްޓެނިވެ ގޮތެއްގައި ހިންގުމުގެ ހިކުމަތް ނެތުމާއި ދިގު ރާސްތާ ރޭވުމެއް ނެތުމުން މިފަދަ ބަދަލުތައް ފާޅުވެގެން އަންނަ ކަމަށެވެ. އަދި މިއަދު ހިތާމަވެރި ޙަޤީޤަތަކީ މި ދާއިރާތައް ވަރަށް ބޮޑަށް ހީނަރުވެ ބަލިކަށިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ