Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ރުވަންޑާގެ ޤަތުލު އާންމާމެދު ފަރަންސޭސިވިލާތުން ޒިންމާވާންޖެހޭ: ރިޕޯޓު

ރުވަންޑާގައި 1994 ވަނަ އަހަރު ހިންގި ޤަތުލުޢާންމާމެދު ފަރަންސޭސިވިލާތުން ޒިންމާ އުފުލަންޖެހޭ ކަމަށާއި، އެ ޤަތުލު ޢާންމު ހިންގި މުޖުރިމުންގެ ޖަރީމާތަކަށް ފަރަންސޭސިވިލާތް ކަނުވެފައި އޮތް ކަމަށް މުއައްރިޚުންގެ ޓީމަކުން އެކުލަވައިލި ރިޕޯޓެއްގައި ބުނެފިއެވެ. ނަމަވެސް އެ ރިޕޯޓުގައި ބުނެފައިވަނީ އެ ޤަތުލު ޢާންމުގައި ފަރަންސޭސިވިލާތް ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން އެކުލަވައިލެއްވި މުއައްރިޚުންގެ ކޮމިޝަނުން ރުވަންޑާގެ ޤަތުލު ޢާންމު ދިރާސާކުރުމަށް ފަހުގައި ނިންނާފައިވަނީ، 800،000 އަށްވުރެ ގިނަ މީހުން މަރުވި ޤަތުލު ޢާންމު ހިނގުމުގައި ފަރަންސޭސިވިލާތުގެ ނުކުޅެދުންތެރިކަމާއި ނާޤާބިލުކަމުގެ ދައުރު އޮތް ކަމަށެވެ. މި ޤަތުލު ޢާންމުގައި އެންމެ ގިނައިން މަރުވީ ރުވަންޑާގެ ބައިމަދު ޓުޓްސި ނަސްލަށް ނިސްބަތްވާ މީހުންނެވެ.

މި ކޮމިޝަނުގެ ރައީސް ވިންސެންޓް ޑުކްލާ އެ ކޮމިޝަނުގެ ރިޕޯޓު ރައީސް މެކްރޯނަށް އަރުވާފައިވާއިރު، އެތައް ޒަމާނެއްވަންދެން ފަރަންސޭސިވިލާތުން އެ ޤަތުލުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ގިނަ ބަޔަކު ދިޔައީ ތުހުމަތުކުރަމުންނެވެ. އަދި އަމަލީ ގޮތުން މި ޖަރީމާތަކުގައި ފަރަންސޭސިން ބައިވެރިވި ކަމަށްވެސް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.

މި ޤަތުލު ޢާންމު ފެށުމަށް މެދުވެރިވީ އެއިރު ރުވަންޑާގެ ރައީސް ކަމުގައި ހުންނެވި ޖުވެނަލް ހަބްޔަރިމަނާ ދަތުރުކުރެއްވި މަތިންދާބޯޓަށް ހަމަލާއެއް ދީ އެ ބޯޓު ވައްޓައިލި ހާދިސާގައި އޭނާ އަވަހާރަވުމާ ގުޅިގެންނެވެ. މި ޙާދިސާ ހިނގީ 1994 ވަނަ އަހަރުގެ އޭޕްރީލް 6 ވަނަ ދުވަހުގައެވެ. އޭޕްރީލުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެ ޤައުމުގައި ޤަތުލު ޢާންމު ދިގުލައިގެން ދިޔައެވެ.

މި ޤަތުލު ޢާންމަށް 25 އަހަރު ވެފައިވާއިރު، މި މައްސަލަ ވެފައިވަނީ ފަރަންސޭސިވިލާތާއި ރުވަންޑާގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަލިކަށިކުރާ މައްސަލައަކަށެވެ. ރުވަންޑާގެ މިހާރުގެ ލީޑަރަކީ ޓުޓްސީ ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ ޕައުލް ކަގާމޭއެވެ. އޭނާގެ ޤިޔާދަތުގައި ރުވަންޑާވެފައިވަނީ އެފުރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުއި ދުވެލީގައި ތަރައްޤީވަމުން އަންނަ ޤައުމަށެވެ.

އެ ރިޕޯޓުގެ ނިންމުމުގައި ބުނެފައިވަނީ އަމަލީ ގޮތުން ފަރަންސޭސިވިލާތް ރުވަންޑާގެ ޤަތުލު ޢާންމުގައި ބައިވެރިވިތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ ކޮމިޝަނުން ދިރާސާކުރި އަރުޝީފުތަކުން މި ތުހުމަތަށް ބާރުދޭނެ އެއްވެސް ހެއްކެއް ފެނިފައި ނެތް ކަމަށެވެ. އެހެންނަމަވެސް ގިނަ އަހަރުތަކަކަށް ޤަތުލު ޢާންމު ހިންގި ނަސްލީ ތަފާތުކުރުންތައް ގެންގުޅުނު ސަރުކާރަކަށް ފަރަންސޭސިން އެހީތެރިވެ މަދަދުވެރިވެފައިވާ ކަމާއި، އެ ސަރުކާރުގެ އެންމެ ހަރުކަށި މީހުން ހިންގި ޖަރީމާތަކަށް ރިއާޔަތްކޮށްފައިނުވާކަމީ ސާބިތުވާ ކަމެއް ކަމަށެވެ.

ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އެންޑްރޫ ވެލިސް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، މި ރިޕޯޓުން އެންމެ ބޮޑަށް ފާހަގަވާ ކަމަކީ ހަރބްޔަރިމަނާ ދަތުރުކުރެއްވި މަތިންދާބޯޓު ވައްޓައިލީ ހޫޓޫ ހަރުކަށި ޖަމާޢަތްތަކުންކަން ފަރަންސޭސި ޖާސޫސީ އިދާރާއަށް އެނގޭކަމަށް ބުނެފައިވުން ކަމަށެވެ. މީގެ ކުރިން ފަރަންސޭސި ފަނޑިޔާރަކު ނެރުއްވި ރިޕޯޓެއްގައި އެކަން ދޮގުކޮށް، އެ އަމަލުގެ ތުހުމަތު އަޅުވާފައިވަނީ ރުވަންޑާގެ މިހާރުގެ ރައީސް ކަގާމޭ ނިސްބަތްވެވަޑައިގަންނަވާ ރުވަންޑަން ޕޭޓްރިއޮޓިކް ފްރަން ޕާޓީގެ ބޮލުގައެވެ.

މި އައު ރިޕޯޓާ ގުޅިގެން ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވެފައިވަނީ މިއީ ރުވަންޑާގައި ފަރަންސޭސިވިލާތުގެ ދައުރު ދެނެގަތުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މެކްރޯނުގެ އޮފީހުގެ ބައެއް އޮފިޝަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ރިޕޯޓުގެ ބޭނުމަކީ ރުވަންޑާއާއި ފަރަންސޭސިވިލާތާ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުން އެކަންޏެއް ނޫނެވެ. އެފުރިކާ ބައްރުގެ އެހެން ޤައުމުތަކާ އެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަކީވެސް މި ރިޕޯޓުގެ އެއް އަމާޒެވެ.

މި ލިއުމާއި ގުޅޭ