އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުން މުޢާމަލާތްތައް ހިންގޭނީ ދިވެހި ރުފިޔާއިން ކަމަށް، ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
މިއަދު އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި، ބުނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތަޢާރަފުކުރުމަށް ފަހު، ރާއްޖޭގެ ވިސާ ކާޑުތަކުގެ ހުރިހާ މުޢާމަލާތްތައްވެސް ހިންގަން ޖެހޭނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ކަމަށެވެ.
ވިސާ ކާޑުގެ "ނެޝަނަލް ނެޓް ސެޓްލްމެންޓް ސާވިސް"ގެ ގޮތުގައި އެމްއެމްއޭ އިން ކަނޑައަޅާފައިވަނީ ޤައުމީ ބޭންކް، ބީއެމްއެލް އެވެ. ރާއްޖޭގައި ދޫކުރާ ވިސާ ކާޑުގެ މައިގަނޑު ސެޓްލްމެންޓް ހަދަނީ ބީއެމްއެލުން ކަމަށްވާއިރު، އަންނަ މަހުގެ 15 އިން ފެށިގެން ހުރިހާ ސެޓްލްމެންޓެއް ހަދާނީ ދިވެހި ރުފިޔާއިންނެވެ.
ރާއްޖޭގައިވެސް ކުރާ ބައެއް ވިޔަފާރިތަކުގައި މުޢާމަލާތްތައް ކުރަނީ ޑޮލަރުންނެވެ. އޭގެ ތެރޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ އާ ޕޭމެންޓް ސިސްޓަމާއި އެކު، ރާއްޖޭގައި ހިންގާ ވިޔަފާރީގެ ހުރިހާ މުޢާމަލާތެއް ކުރެވޭނީ ދިވެހި ރުފިޔާއިން ކަމަށެވެ.