Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ތަރައްޤީއަށް ހުރަހެއް ނާޅާނަން، އެކަމަށް އިސްނަގާނީ އަޅުގަނޑުމެން: ޑރ.މުޢިއްޒު

ޕީޕީއެމްގެ ފަރާތުން ކައުންސިލުތަކަށް ކުރިމަތިލައްވާ އެއްވެސް ކެނޑިޑޭޓަކު ކައުންސިލަށް ހޮވިވަޑައިގެން ސަރުކާރުން ގެންނަން މަސައްކަތްކުރާ ތަރައްޤީއަކަށް ހުރަސް ނާޅުއްވާނެ ކަމަށާއި، އޭގެ ބަދަލުގައި ތަރައްޤީ ގެނައުމަށް އިސްނަގާނީ އެ ބޭފުޅުން ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި ޕީޕީއެމްގެ އިތުރު ކެނޑިޑޭޓުން މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ވިންދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ޕީޕީއެމްގެ ފިކުރަކީ ޤައުމީ ފިކުރު ކަމަށާއި އެއީ ރާއްޖޭގައި އިސްލާމްދީނަށާއި މިނިވަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ފިކުރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ޑރ.މުޢިއްޒު ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓުން ނުކުންނަނީ އިޚުލާޞްތެރިކަމާއެކު، ރައްޔިތުންނާއެކު ގުޅިގެން އެކީގައި މަސައްކަތްކޮށްގެން ރަށްރަށާއި ސިޓީތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމުގައެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ މާލެ ސިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމުގައި ރައްޔިތުންނާއެކު މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން މާލެއާއި، ވިލިމާލެ އަދި ހުޅުމާލެއާއި މި ސަރަހައްދުގައި ހުރި ފަޅުތައް ބޭނުންކޮށްގެން އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތަޖުރިބާއާއި ޓެކްނިކަލް އިލްމު ބޭނުންކުރައްވައި ސަރުކާރަށް އެކަން ކުރެވޭނެ ގޮތްތައް ވިދާޅުވެދެއްވައި އެކަމަށް ބާރުއަޅުއްވާނެ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރަށް ޑރ.މުޢިއްޒު ވިދާޅުވީ ސަރުކާރަށް ކަންކަން ހުށަހަޅައިގެން ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މައްސަލައަކީ ތާއަބަދަށް ހައްލުކުރެވޭނެ މައްސަލައެއް ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކީ އަދި މަޤާމުތަކަށް އިންތިޚާބުކުރާ މީހުންނަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރަން ހޮވާ ބައެއް ކަމުގައި ފާހަގަކުރައްވަމުން ޑރ.މުޢިއްޒުވަނީ، ގުޅިފަޅު ރައްޔިތުންގެ ގެދޮރުވެރިކަމަށް ޚާއްޞަކޮށްދިނުމަށް ރައްޔިތުން އެދެމުންދަނިކޮށް އެ ނޫން ގޮތަކަށް ކަންކޮށް އެ އުންމީދު ނަގައިލަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މާލޭގައި ދިރިއުޅޭ ޒުވާނުންނާއި އަންހެނުންނަށް އާމްދަނީ ލިބޭނެ ފުރުޞަތުތައް ފަހިކުރެވޭނެ ގޮތްތައް ސިޓީ ކައުންސިލަށް އެބަހުރި ކަމުގައި ފާހަގަކުރައްވަމުން ޑރ.މުޢިއްޒު ވިދާޅުވީ، ފާއިތުވި ތަނުގައި ސިޓީ ކައުންސިލަށް އެކަން ނުކުރެވުމަކީ އެކަން ނުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަންނީ ޤާބިލުކަމާއި ތަޖުރިބާއާއެކު އެކަމުގެ ޕްލޭނުތައް އެމަނިކުފާނާއި އެމަނިކުފާނާއެކު މާލެ ސިޓީއަށް ވާދަކުރައްވާ ޕީޕީއެމް ކެނޑިޑޭޓުންގެ ކިބާގައި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރަށް ޑރ.މުޢިއްޒު ވިދާޅުވީ ކައުންސިލުގެ މަޤާމުތަކަކީ ވަރަށް ސީރިއަސް މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ މަޤާމުތަކެއް ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްކުރުމަށް ބޭނުންވާ ތަޖުރިބާއާއި ތައުލީމު ލިބިފައިވާ ފަރާތްތައް އެ މަޤާމަށް ހޮވުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ޚިޔާރެއް ކަމުގައިވެސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު 127 ރަށެއްގެ ބަނދަރު ހެދުމާއި، 97 ކިލޯމީޓަރުގެ މަގު ހެދުމާއި، 16 ރަށެއްގެ ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫޢުތައް އެމަނިކުފާނުގެ ވުޒާރާއިން ހިންގާފައިވާ ކަމަށެވެ. އެހެންކަމުން ތަޖުރިބާ އެބަހުރި ކަމަށާއި، އެ ތަޖުރިބާގެ އަލީގައި، ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަކީ އަމާނާތެއް ކަމުގައި ޤަބޫލުކުރައްވައިގެން ކަމަށެވެ.

ހަމައެހެންމެ ޕީޕީއެމްގެ ކެނޑިޑޭޓުންނަކީ ސަރުކާރަށް ޖެއްސުންކުރާނެ ބައެއް ނޫން ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޕީޕީއެމް މެންބަރުންނަށް ދަސްކޮށްދެއްވީ ތަރައްޤީގެ ވިސްނުމާއި، ހަލުއި ދުވެލީގައި ބުރަކޮށް، މަސައްކަތްކޮށްގެން ތަރައްޤީ ގެނައުމަށް ކަމުގައި ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި ޚިދުމަތްކުރުމުގައި މީހަކު ނިސްބަތްވާ ޕާޓީއަކަށް ނުބައްލަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ހުރިހާ ރައްޔިތުންނާއެކީ ތަފާތުކުރުމެއް ނެތި އެންމެން ގޮވައިގެން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ