Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ބަޖެޓު ޑެފިސިޓު 500 މިލިއަނަށްވުރެ މައްޗަށް އަރައިފި

ދައުލަތުގެ ބަޖެޓު ޑެފިސިޓު ނުވަތަ ލިބުނު އާމްދަނީއާއި ކުރި ޚަރަދުގެ ފަރަޤު 500 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފި ކަމުގައި ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 2.8 ބިލިއަން ރުފިޔާއެވެ. އަދި މި މުއްދަތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވެއެވެ. ދައުލަތަށް ލިބުނު އާމްދަނީވަނީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު، 933 މިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީވުޒާރާގެ ހިސާބުތަކުން ދައްކައެވެ.
2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރި ޚަރަދުތަކާއި މި އަހަރުގެ އެ މުއްދަތުގައި ކޮށްފައިވާ ޚަރަދަށް ބަލާއިރު، ފާއިތުވި އަހަރަށްވުރެ މި އަހަރު ކުރި ހޭދަވަނީ 572 މިލިއަން ރުފިޔާ ކުޑަކުރެވިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކެޕިޓަލް ޚަރަދުތައް މި މުއްދަތުގައި މި އަހަރުވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. އެގޮތުން ފާއިތުވި އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި ޖުމްލަ 1.07 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި އަހަރު ޚަރަދުކޮށްފައިވަނީ 800 މިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރަށްވުރެ 200 މިލިއަން ރުފިޔާ މަދު މިންވަރެކެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު ދައުލަތަށް ޓެކުސްގެ ގޮތުގައި ލިބުނު އާމްދަނީއާއި ޓެކުސް ނޫން ގޮތްތަކުން ލިބުނު އާމްދަނީވެސްވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ފާއިތުވި އަހަރު ޓެކުހުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މި އަހަރު ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. އަދި ޓެކުސް ނޫން އެކި ގޮތްގޮތުން ލިބޭ އާމްދަނީވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 644 މިލިއަން ރުފިޔާ ޓެކުސް ނޫން އެކި ގޮތްގޮތުން އާމްދަނީއަށް ލިބުނުއިރު މި އަހަރު ލިބިފައިވަނީ 375 މިލިއަން ރުފިޔާއެވެ.
މި ލިއުމާއި ގުޅޭ