Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖެންޑާ މިނިސްޓްރީ

ދައުލަތުގެ ބެލުމުގައި ތިބޭ ކުދިންނާ ގުޅޭ ގޮތުން ދައްކާ ވާހަކައިން ނޭދެވޭ އަސަރު ކުރޭ: ޖެންޑާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އެކުދިންނަށް ފޯރާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓައި، އެކަމަކު މީގެ ދެ މަހެއްވަރު ކުރިން ބ. އޭދަފުށީގެ އަމާން ހިޔާއަށް ބަދަލުކުރި ކުދިންނާ ދޭތެރޭ އެ ރަށުގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން އެންމެހައި ޙައްޤުތަކެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅާ ކަމަށެވެ.

ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުޅަށް ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށާއި އެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ ދެ މަރުކަޒެއްގައި ކަމަށެވެ.

އެހެން ނަމަވެސް ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވޭ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ފަށައިފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ. އަދި އެ ފަދަ މަސައްކަތެއް އެހާ ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ އިން ބުނެއެވެ.

"އެހެން ނަމަވެސް، އެ ފަދަ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ޙާލަތުތައް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ 110ވަނަ މާއްދާ "އަޅައިލުމާއި ޙިމާޔަތް ލިބުން"ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ "ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން"ގެ (ހ)އާ ޚިލާފަށް، ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާކަމީ މި މިނިސްޓްރީން ކަންބޮޑުވާ ކަމެކެވެ،" ޖެންޑާގެ ބަޔާނުގައިވެއެވެ.

އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ މުޖުތަމަޢުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުޢޫރު ފާޅުކުރެވިގެންދާ

ޙާލަތުތައް އަންނަ ކަމަށް ޖެންޑާ އިން ބުނެއެވެ. އެ ފަދަ ބައެއް ހާދިސާތައް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށްވެސް ޖެންޑާއިން ބުނެއެވެ.

ޙަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމަޢުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭ ކަމަށާއި އަދި އެފަދަ ގޮންޖެހުތައް ޙައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން

މުޅި މުޖުތަމަޢުގެ ޒިންމާތަކެއްވާ ކަމަށް ޖެންޑާ އިން ބުނެއެވެ.

މި ލިއުމާއި ގުޅޭ