ބިޓްކޮއިންގެ އަގު 50،000 ޑޮލަރަށްވުރެ ދަށަށް ގޮސްފިއެވެ.
މިގޮތުން މިއަދުގެ ވަގުތެއްގައި ބިޓްކޮއިންގެ އަގު ވަނީ 10 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ ފާއިތުވި 1 މަސް ތެރޭގައި އެއް ދުވަސްތެރޭގައި ބިޓްކޮއިންގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ހޮނިހިރު ދުވަހު ބިޓްކޮއިންގެ އަގު ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ. މިއަދު ބިޓްކޮއިންގެ އަގު ވެއްޓުނު ނަމަވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު ބިޓްކޮއިންގެ އަގު ހުރީ 75 އިންސައްތަ މަތީގައެވެ.
މިހަރު ފެށުނީއްސުރެ ބިޓްކޮއިން އާއި އެހެނިހެން ކްރިޕްޓޯ ކަރެންސީތަކުގެ އަގު ދަނީ އުފުލެމުންނެވެ. ބިޓްކޮއިންގެ އަގު މިއަހަރު އުފުލެން ދިމާވި އެންމެ ބޮޑު ސަބަބަކީ، ބޮޑެތި އިންވެސްޓަރުން ބިޓްކޮއިން ގަންނަން ފެށުމެވެ. މިގޮތުން ދާދިފަހުން ބިލިއަނަރު އިލޮން މަސްކު ވަނީ 1.5 ބިލިއަން ޑޮލަރުގެ ބިޓްކޮއިން ގަނެފައެވެ.
ބިޓްކޮއިންގެ އަގު ދަށަށް ދިޔައިރު އެހެނިހެން ބައެއް ކްރިޕްޓޯ ކަރެންސީތަކުގެ އަގުވެސް ވަނީ ވެއްޓިފައެވެ.
ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ތެރޭގައިވެސް ބިޓްކޮއިންގެ އަގު އިތުރަށް ދަށަށް ދާނެއެވެ.