ފުލުހުންގެ އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ކުރިން ހުންނެވި ޑރ.ޢަބްދުﷲ ފައިރޫޝު މަޤާމުން ރިޓަޔާކުރެއްވިއިރު، އޭނާގެ ރިޓަޔާމެންޓު ހިފަހެއްޓޭނެ ކަމުގައި ޤަބޫލުނުކުރައްވާކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިފަދައިން ހޯމް މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަޑައިގެން ފައިރޫޝުގެ ރިޓަޔާމެންޓާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ޢިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔާކުރެއްވަން އެދިވަޑައިގަތީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ތަޞްދީޤުކުރުމުގެ ކުރިން ކަމަށެވެ. އަދި ތައުދީބީ މައްސަލައެއް ހުށަހެޅިފައިވާ ފަރާތަކަށް ޝަރަފުވެރިކަމާއެކު ރިޓަޔާނުކުރެވޭނެ ކަމަށް ޤާނޫނުގައި ލިޔާނެކަން އެއިރު އޭނާއަށްވެސް އެނގިވަޑައިގެންފައިނުވާ ކަމުގައިވެސް ޢިމްރާން ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މައްޗަށް ނުވަތަ އަޅުގަނޑަށް ފައިރޫޝުގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އަންނަ މައްސަލައެއް އަދި މިހާތަނަށް ހުށަހެޅިފައިނުވޭ. ދެން ވާހަކަ ވަރަށް ބައިވަރު އެބަހުރި ތިކަމަކާ ނެތް އިންކާރުކުރެވޭކަށް. ވާހަކައަކަށް އެކަނި ނޫންކަން ނޭނގޭ މަސައްކަތެއް ކުރާއިރު ބަލާނީ. މައްސަލައެއް ވިޔަސް ލިޔުމެއް ނަމަވެސް އޮންނަންޖެހޭ.ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ
ހަމައެހެންމެ ޢިމްރާން އިތުރަށް ފާހަގަކުރައްވާފައިވަނީ ފައިރޫޝު މަޤާމުން ރިޓަޔާކުރެއްވިއިރު އޭނާއާ ދެކޮޅަށް އެއްވެސް ތައުދީބީ މައްސަލައެއް ހުށަހެޅިފައި ނެތް ކަމެވެ. އަދި ކަންކަން ކުރުމުގައި ބަލަންޖެހޭނީ ލިޔުންތަކަށް ކަމަށާއި، ފައިރޫޝުގެ ރިޓަޔާމެންޓު ހިފަހެއްޓޭނެ ފަދަ ލިޔުމެއް ނެތް ކަމަށާއި، ނަމަވެސް ބައެއް ވާހަކަތައް ދެކެވޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މިފަދައިން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ ގޯސްކޮށް ކުރާ ވަރަށް ގިނަ ކަންކަމަކީ އެކަންކަމުގައި ލިޔެކިޔުން ހުންނަ ކަންކަން ނޫން ކަމަށެވެ. އަދި ފެބްރުއަރީ 7، 2012 ވަނަ ދުވަހުގައި ހިނގި ބަޣާވާތުގައި ފައިރޫޝުގެ ދައުރަކީ ވީޑިޔޯއާއި ފޮޓޯއިން ރެކޯޑުކުރެވިފައިވާ ކަމެއް ކަމަށާއި، މިހާރުގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު (އެމްސީ) އެއިރު މަޖިލިހަށް މައުލޫމާތު ދެއްވަމުން ފައިރޫޝު އިންޒާރުދެއްވި ކަމަށް ވިދާޅުވެފައިވާ ކަމަށް އީވާ ފާހަގަކުރެއްވިއެވެ.
ޢިމްރާން އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނުގައި ބުނެފައިވަނީ ތައުދީބީ ފިޔަވަޅެއް އެޅުމުގެ ފުރުޞަތު ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭ ޙާލަތެއްގައި ހުރި މީހަކަށް ޝަރަފުވެރިކަމާއެކު ރިޓަޔާނުކުރެވޭނެ ކަމަށް ކަމަށާއި، އެ އިބާރާތް ޤާނޫނުގައި އޮތްކަން އެނގުނީ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގައި ޤާނޫނު ތަޞްދީޤުކުރުމުން ކަމަށާއި، އޭގެ ފަހުން 7 ދުވަސް ފަހުން ފައިރޫޝު ރިޓަޔާކުރެއްވިއިރު، ޤާނޫނު ތަޞްދީޤުކުރުމުގެ ކުރިން އޭނާ ރިޓަޔާކުރެއްވުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.